ލައިފްސްޓައިލް

އުނދޯއްޔެއްގެ ވާގަނޑު އޮޅި އަންހެން ކުއްޖެއް މަރުވެއްޖެ

ކުޑަކުދިން ކުޅެން އުޅޭއިރު ނޭނގި ނަމަވެސް ބައެއް ކަހަލަ ނުރައްކާތެރި ކަންކަން ދިމާވެ އެވެ. މިހެން ގިނަ ފަހަރު ދިމާވަނީ އާ ކަންތައްތައް ކުރަން އެ ކުދިން އުޅެން ހަދައިގެންނެވެ. ގަނެދީފައި ހުންނަ ކުޅޭ އެއްޗެހި ދެކެ ފޫހިވެ މުޅިން އާ ކުޅިވަރުތައް އަމިއްލައަށް ތަޖުރިބާ ކުރަނިކޮށެވެ. އެގޮތުން އިންޑިއާގެ ޗައްތިސްގަރްގެ އަމްބީކާޕޫރް އަވަށުގައި ދާދިފަހުން ހިނގި މިފަދަ ހާދިސާއެއްގައި 12 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ.

މި ކުއްޖާ މަރުވީ އޭނާގެ މަންމަގެ ސާޅިއަކުން އުނދޯއްޔެއް ހަދައިގެން އޭގެތެރެއަށް އެރިގެން އުޅެނިކޮށް ސާޅި މުޅި ގައިގައި އޮޅި ސަލާމަތް ނުވެވި، ނޭވާ ހާސް ވެގެންނެވެ.

އުނދޯއްޔެއް ގޮތަށް ދެ ފަރާތުގައި ސާޅީގެ ދެކޮޅު ބަދެގެން މި ކުއްޖާ އޭގައި އިނދެގެން ހެއްލަނިކޮށް ކުއްލިއަކަށް ސާޅީގެ އެއްކަން ކަނޑައިގެން ގޮސް އެބައި ކުއްޖާގެ ކަރުގައި އޮޅުނީ އެވެ. އަދި ކުއްޖާ ނޭވާ ހާސްވެގެން ހޭނެތުނީ އެވެ.

ކުއްޖާ ހޭނެތިފައި އޮއްވާ ފެނުނީ އޭނާގެ ބޭބެއަކަށެވެ. ފެނުމާއެކު ކުއްޖާ ސަލާމަތްކޮށްގެން ވަގުތުން އެތާ އެންމެ ކައިރީގައި ހުރި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އަންހެން ކުއްޖާ އޮތީ މަރުވެފަ އެވެ.

މި ކުއްޖާގެ މަންމަ އާއި ބައްޕައަކީ ދަނޑުވެރިންނެވެ. މި ހާދިސާ ދިމާވިއިރުވެސް އެމީހުންވީ ދަނޑުގަ އެވެ.

މިދިޔަ އަހަރު ބެންގަލޫރޫގައިވެސް މިކަހަލަ ހާދިސާއެއް ހިނގާފައިވެ އެވެ. އެފަހަރު މަރުވީ ބާވްނާ ނަމަކަށް ކިޔާ 11 އަހަރުގެ ކުއްޖެކެވެ.

މި ކުއްޖާ އުނދޯލި ހެއްލަން އިންދާ އުނދޯލީގެ އެއްވާ ކަނޑައިގެން ގޮސް ކުއްލިއަކަށް ކުއްޖާގެ ކަރުގައި އޮޅި ނޭވާ ހާސްވެގެން ވަގުތުން މަރުވީ އެވެ.