ލައިފްސްޓައިލް

ދެބެންގެ މަރަށް ދެ އަހަރުވި ދުވަހު އެއްމާބަނޑު ދެބެން

އިންޑިއާގެ ވިސާކާޕަޓްނަމްގެ ވިޒާގް އަވަށުގައި ދިރިއުޅޭ ދެމަފިރިން ކަމަށްވާ އައްޕަލަ ރާޖޫ އާއި ބާގްޔާލަކްޝްމީ އަށް ސެޕްޓެމްބަރު 15، 2019 އަކީ އެމީހުންގެ ހަޔާތުގައި ވެސް އައި އެންމެ ހިތާމަވެރި ދުވަހެވެ. އެ ހިސާބުގަނޑުގައި އޮންނަ ގޯދާވަރީ ކޯރަށް ބޯޓެއް ބަންޑުން ޖަހާލި ހާދިސާގައި އެ މީހުންގެ ތިބި ހަމައެކަނި ދެ ދަރިން މަރުވެފައިވާތީ އެވެ. މި ހާދިސާގައި 50 މީހުން މަރުވިއިރު މީގެ ތެރޭގައި އެ ދެމަފިރިންގެ ތިން އަހަރުގެ އަންހެން ދަރިފުޅާއި އެއް އަހަރުގެ އަންހެން ދަރިފުޅު ވެސް ހިމެނެ އެވެ.

އެ ހާދިސާއަށް ބަރާބަރު ދެ އަހަރު ފުރުނު ދުވަސް ކަމަށްވާ މި މަހުގެ 15 ވަނަ ދުވަހަކީ އެ ދެމަފިރިންގެ ހަޔާތަށް އަނެއްކާ ވެސް އުފާވެރިކަން ގެނެސްދިން ދުވަހެކެވެ. އިއްތިފާގުން ބާގްޔާލަކްޝްމީ އެއްމާބަނޑު ދެ ކުދިން ވިހޭ އެ ދުވަހު ކަމަށް ވާތީ އެވެ.

އެ ދެމަފިރިންގެ ދޮށީ ދެ އަންހެން ދަރިން މި ދުނިޔެއިން ވަކިވެގެން ދިޔައީ ގުދުރަތުގެ ނިޔާއިންނެވެ. އަދި ހަމައެފަދައިން ﷲ ގެ ކުޅަދުންވަންތަކުން އެ ދެމަފިރިންނަށް އިތުރު ދެ ދަރިން ހަމަ އެ ދުވަހު ދެއްވީ ވެސް ހަމަ ގުދުރަތުގެ ނިޔާ އެވެ. މި ފަހަރު ލިބުނު އެއްމާބަނޑު ދެބެންނަކީ ވެސް އަންހެން ކުދިންނެވެ.

ބިއްލޫރި އުފައްދާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ އައްޕަލަ ރާޖޫގެ ހަޔާތަށް ބޮޑު ހިތާމައެއް ކުރިމަތިވީ އޭނާގެ އާއިލާގެ ގިނަ ބަޔަކާއި ދެ ދަރިން ދަތުރުކުރި ޑަބަލް-ޑެކާ ލޯންޗު ގޯދާވަރީ ކޯރުގެ ރާޅުބާންޏެއްގައި ޖެހި ބަންޑުން ޖަހާލުމުންނެވެ. އުމުރުން 32 އަހަރުގެ އައްޕަލަ ރާޖޫ އާއި އޭނާގެ އަންހެނުން ވެސް ކުދިން އޮތީ މި ލޯންޗުން ދަތުރުކުރާ ގޮތަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރަން ޖެހުނީ އައްޕަލް ރާޖޫ ކުއްލިއަކަށް ބަލިވެގެނެވެ. ނަމަވެސް އޭނާގެ ދެ ދަރިން ކަމަށްވާ ގީތާ ވައިޝްނާވީ، 3، އާއި ދަތުރީ އަނަންޔާ، 1، ރާޖޫގެ މަންމަގެ ހަވާލުގައި ފޮނުވީ އެވެ.

މި ލޯންޗުން ދަތުރު ކުރި ހަތަރު އާއިލާއެއްގެ 11 މެމްބަރުންނަކީ ރާޖޫގެ ތިމާގެ މީހުންނެވެ. ލޯންޗު ބަންޑުން ޖަހާލި ހާދިސާއިން ސަލާމަތްވީ މީގެ ތެރެއިން އެންމެ މީހެކެވެ.

މި ހާދިސާއަށް އެތައް ދުވަހެއް ވީއިރުވެސް ރާޖޫ އާއި ބާގްޔަލަކްޝްމިގެ ހިތާމަތަކަށް ކުޑަވެސް ލުޔެއް ނުލިބެ އެވެ. ދެމަފިރިން ހިތާމަކުރަމުން ގޮސް އެމީހުންގެ ހާލަތު ވަރަށް ގޯސްވި އެވެ. ނަމަވެސް އެ ހާދިސާއަށް ބަރާބަރު ދެ އަހަރު ފުރުނު ދުވަހު ދެމަފިރިންނަށް ވަނީ އެއްމާބަނޑު ދެ އަންހެންކުދިން ލިބިފަ އެވެ.

ބާގްޔާލަކްޝްމީ، 28، ބުނި ގޮތުގައި އަލަށް ލިބުނު އެއްމާބަނޑު ދެބެން އޭނާގެ މަރުވި ދެބެންނާ ވަރަށް ވައްތަރެވެ. އަދި ދެބެންގެ ހާލު ވެސް ރަނގަޅުކަމަށް އޭނާ ބުންޏެވެ.

ބާގްޔާލަކްޝްމީ ކިޔައިދިން ގޮތުގައި ބަންޑުން ޖަހާލި ލޯންޗުގައި އޭނާގެ ދެ ދަރިން ގޮވައިގެން ދަތުރުކުރީ އޭނާގެ މައިދައިތަ އެވެ. އެއީ ދޮށީ އަންހެންދަރިފުޅަށް ބުނެފައި އޮތް ނަދުރެއް ފުއްދަން ކުރި ދަތުރަކަށް ވާތީ ފިރިމީހާ ބަލިވެގެން ދަތުރު ކެންސަލް ކުރަން ޖެހުނަސް ދަރިން ނުފޮނުވަން އޭނާ އަށާއި ފިރިމީހާ އަށް ނުކެރުނީ އެވެ.

ބަގްޔާލަކްޝްމީ އަށް ފަރުވާދިން ފާޓިލިޓީ އެކްސްޕާޓް ޕީ.ސުދާ ޕަދްމަސްރީ ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ކައިރިއަށް މި ދެމަފިރިން އައިއިރު ރޮއިރޮއި ގޮސް ހަލާކުވެފައި ތިބި ކަމަށެވެ. ސަބަބަކީ ދެ ވަނަ ދަރިފުޅު ވިހެއުމަށްފަހު ބާގްޔާލަކްޝްމީ ނުވިހާ އޮޕަރޭޝަން ކޮށްފައިވާތީ އެވެ.

"ޓިއުބެކްޓަމީ ހަދާފައިވާތީ އެ މީހުންނަށް ދެން ދަރިއަކު ނުލިބޭނެކަން އެ ދެމަފިރިން ޔަގީންކޮށްގެން ތިބީ. އެހެންވެ އެހާ ބޮޑަށް އެމީހުންގެ ހިތާމަތައް އިތުރުވީ. އަހަރެން ބުނިން އައިވީއެފްގެ ފަރުވާއިން ދަރިއަކު ލިބޭތޯ މަސައްކަތް ކުރެވޭނޭ. ނަސީބަކުން ވަރަށް ފަސޭހައިން މި ފަރުވާ ކާމިޔާބު ކުރެވި ބާގްޔާލަކްޝްމީ ބަލިވެއިން. އޭނާ ވިހަން އޮތީ އޮކްޓޯބަރު 20 ވަނަ ދުވަހު. ނަމަވެސް ކުއްލިއަކަށް ބަނޑުގައި ރިއްސަން ފަށައި ސެޕްޓެމްބަރު 15 ގައި ވިހެއީ ވެސް ހަމަ އިއްތިފާގުން،" ޑޮކްޓަރު ވިދާޅުވި އެވެ.