ލައިފްސްޓައިލް

މަރުވެފައިވާ އަނބިމީހާ ކޮނޑަށް ލައިގެން އެތައް ކިލޯމީޓަރަކަށް ހިނގައިފި

އިންޑިއާގެ އޮޑީޝާގެ 35 އަހަރުގެ ފިރިހެނަކު އޭނާގެ މަރުވެފައިވާ އަނބިމީހާ ކޮނޑަށް ލައިގެން އެތައް ކިލޯމީޓަރަކަށް ހިންގައިފި އެވެ.

އަންދްރަ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި މި މީހާގެ އަންހެނުންނަށް ފަރުވާ ދިނުމަށްފަހު ރަނގަޅު ނުވާނެކަމަށް ނިންމައި މިދިޔަ ބުދަ ދުވަހު ގެއަށް ގެންދަން އޭނާގެ ފިރިމީހާ އަށް އެންގި އެވެ.

ސަމޫލޫ ޕަންގީ ނަމަކަށް ކިޔާ މިމީހާގެ އަވަށުގައި އޭނާ ދިރިއުޅޭ ގެއާއި ހޮސްޕިޓަލާ ދެމެދު 100 ކިލޯމީޓަރަށް ވުރެ ދުރު ރާސްތާއެއް އޮވެ އެވެ.

ޕަންގީގެ އަންހެނުން އިޑޭ ގުރޫ (30) އެއްގޮތަކަށް ވެސް ބޭސް ފަރުވާ އަށް ނުގުޑާތީ އޭނާ ގެއަށް ގެންދަން ޑޮކްޓަރުން އެންގުމުން ޕަންގީ އޭނާގެ އަންހެނުން ގޮވައިގެން އޮޓޯރިކްޝާއެއްގައި އަވަށަށް ދާން ދަތުރު ފެށީ އެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ޕަންގީގެ އަންހެނުން މަރުވީ އެވެ.

ޕަންގީ އަންހެނުން މަރުވުމުން އިތުރަށް ދަތުރު ކުރިއަށް ގެންދަން އޮޓޯ ރިކްޝާ ޑްރައިވަރު ދެކޮޅު ހެދި އެވެ. އަދި ޗެއްލޫރޫ ރިންގް ރޯޑަށް މަޑުކޮށް ޕަންގީއަށް އޭނާގެ އަންހެނުންގެ ގަބުރު ހިފައިގެން ފައިބަން އެންގި އެވެ.

އެހިސާބުން ޕަންގީ އަށް ގޮތް ހުސްވެ މަރުވެފައިވާ އަންހެނުންގެ މަސްގަނޑު ކޮނޑަށް ލައިގެން ހިނގާފައި އަވަށާ ދިމާއަށް ދަތުރު ފެށީ އެވެ.

އެތައް ކިލޯ މީޓަރަކަށް ހިނގި ފަހުން އެ މަގުން ދަތުރުކުރި މީހަކަށް އޭނާ ފެނިގެން ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް އޭނާ ކައިރީ މަޑުކުރަން އެންގި އެވެ.

ފުލުހުންނަށް އެންމެ ކުރިން ޕަންގީއާ ވާހަކަ ދެއްކުމުގައި މައްސަލަތައް ކުރިމަތިވި އެވެ. ޕަންގީ ވާހަކަ ދައްކަނީ އެހެން ބަހުރުވައަކުން ކަމަށް ވާތީ އެވެ. އެތައް އިރެއް ފަހުން އޭނާއާ ވާހަކަ ދައްކަން އެނގޭ މީހަކު ހޯދައިގެން އޭނާ ކައިރިން ވެގެން އުޅޭގޮތް ފުލުހުން އޮޅުން ފިލުވި އެވެ. އަދި ޕަންގީއަށް އޭނާގެ އަންހެނުންގެ ގަބުރާއެކު އަވަށަށް ދާން އެމްބިއުލެންސެއް ހަމަޖައްސައިދިނެވެ.

ޕަންގީއަށް އެހީތެރިވީ ފުލުސް އޮފިސަރުންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރި އެވެ.