ލައިފްސްޓައިލް

ކައިވެނި ޕާޓީގައި ލަވައިގެ އަޑު ގަދަވެގެން ފިރިހެންމީހާ މަރުވެއްޖެ

ކައިވެނީގެ އުފާވެރި ރަސްމިއްޔާތެއް ކުއްލިއަކަށް ބޮޑު ހިތާމައަކަށް ބަދަލުވެއްޖެ އެވެ. އިންޑިޔާގެ ޕަޓްނާގައި ކުރިއަށް ދިޔަ މި ކައިވެނީގެ ރަސްމިއްޔާތުގައި ކައިވެނިކުރާ ދެ މީހުން އެކަކު އަނެކަކުގެ ކަރުގައި މާފަތި އަޅުވަނިކޮށް ކުއްލިއަކަށް ފިރިހެންމީހާ އަށް ހާޓް އެޓޭކެއް ޖެހުނީ އެވެ.

އިންދަރްވާ އަވަށުގައި މިދިޔަ ބުދަ ދުވަހު ކުރިއަށް ދިޔަ މި ކައިވެނީގެ ވަގުތު ފިރިހެންމީހާ ކުއްލިއަކަށް ސްޓޭޖް މައްޗަށް ވެއްޓުނީ އެތަނުގައި މާ އަޑުގަދަކޮށް ލަވަ ޖަހާފައި ހުރުމުން މެޔަށް އުނދަގޫތަކެއްވާހެން ހީވާ ކަހަލަ ގޮތަކަށް އުޅުމަށް ފަހުގައި ކަމަށް އާއިލާގެ މީހުން ބުނެފައިވެ އެވެ.

މަރުވި ފިރިހެންމީހާ، ސުރެންދުރަ ކުމާރު، 22، އަކީ މަނީތަރު އަވަށުގެ މީހެކެވެ. އޭނާ އިންދަރްވާ އަވަށަށް ކައިވެނީގެ ރަސްމިއްޔާތަށް އައީ ބޭންޑް ޕާޓީގައި ވަރަށް މަޖާ ކުރަމުންނެވެ. އަދި އެމީހުން އައިސް ވަން ތަން ފެނިފައި އެތާ ތިބި މީހުން ވަރަށް އުފަލުން ތަރުހީބުދިނެވެ.

ކައިވެނިކުރާ ވަގުތު ޖެހުމުން ސުރެންދުރަ އާއި އޭނާ ކައިވެނިކުރާ އަންހެންމީހާ ސްޓޭޖަށް އަރައި އެކަކު އަނެކަކުގެ ކަރުގައި މާފަތި އަޅުވަނިކޮށް ސުރެންދުރަ ވެއްޓުނީ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިއުޒިކްގެ އަޑުގަދަކަމުން އުނދަގޫވެގެން ސުރެންދުރަ ވަރަށް ގިނަ ފަހަރަށް މިއުޒިކް އަޑު މަޑުކުރަން ނުވަތަ ޑީޖޭ ދުރަށް ލާން އެދުނެވެ. ނަމަވެސް އެކަކުވެސް އޭނާ ދެއްކި ވާހަކައަކާ އަޅައެއް ނުލި އެވެ.

ސުރެންދުރަ ސްޓޭޖް މައްޗަށް ވެއްޓުނުތަން ފެނިގެން އެންމެންވެގެން އޭނާ ނަގައިގަނެގެން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ. އަދި ބުރާސްފަތި ދުވަހު އޭނާގެ އަވަށުގައި އޭނާގެ ޖަނާޒާ ވަނީ ބާއްވާފައެވެ.

އަޑުގަދަކޮށް މިއުޒިކާއި ލަވަ ޖެހުމަކީ ކަންފަތު ތޫރީގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް އުނދަގޫވާނެ ކަމެކެވެ. އަދި ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މެދުވެރިވާ ސަބަބެއް ވެސް މެއެވެ. އަދި ނިދަން އުނދަގޫވުމާއި ފުއްޕާމޭގެ މައްސަލަތައް ވެސް މިކަމާ ގުޅިގެން ކުރިމަތިވެއެވެ. ނަމަވެސް އަޑުގަދަކޮށް ލަވަ ޖަހަން ބޭނުންވާ މީހުން މާ ބޮޑަށް ވިސްނާ ކަމަކަށް މިކަން ނުވެ އެވެ.

އަޑުގަދަ މިއުޒިކުން ކަންފަތް ބީޜުވުމުގެ ފުރުސަތު ވެސް އޮވެއެވެ. އަދި އެންޒައިޓީ އާއި ޑިޕްރެޝަންގެ މައްސަލަތައް ވެސް ބައެއް މީހުންނަށް ކުރިމަތިވެ އެވެ.