ކޮވިޑް-19 އިގެ ބަލިމަޑުކަން އޮތަސް އިންޑިޔާގެ ކައިވެނީގެ ސީޒަންގައި ކައިވެނިތައް ކުރުން ހުއްޓާލާކަށް އެ ގައުމުގެ ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. މިގޮތަށް ބާއްވާ ބައެއް ކައިވެނީގެ ހަފުލާތަކުގައި ވަރަށް އަޖައިބުވާ ކަހަލަ ހާދިސާތައް ވެސް ހިނގާތަން ދަނީ ފެންނަމުންނެވެ.
އެ ގައުމުގެ ބަރްތާނާ ކިޔާ ސަރަހައްދެއްގައިވާ އަވަށެއް ކަމަށްވާ ސަމަސްޕޫރުގައި ދާދިފަހުން ވަނީ މި ކަހަލަ އަޖައިބު ކުރުވަނިވި ކައިވެނީގެ ހަފުލާއެއް ބާއްވާފަ އެވެ.
މި ކައިވެނީގެ ހަފުލާގެ ކަންކަން ކުރިޔަށް ދަމުންގޮސް ކައިވެނިކުރާ ދެ މީހުން އެކަކު އަނެކަކުގެ ކަރުގައި މާފަތި އަޅުވަނިކޮށް އަންހެންމީހާ ކުއްލިއަކަށް ބަލި ވެގެން ސްޓޭޖްމައްޗަށް ވެއްޓެނީ އެވެ. އަދި އިރުކޮޅެއް ތެރޭ އަންހެންމީހާ މަރުވުމުން ދެ ފަރާތުގެ އާއިލާއިން މަޝްވަރާ ކޮށްލުމަށް ފަހު އަންހެންމީހާގެ ކޮއްކޮ އާއި ފިރިހެން މީހާގެ ކައިވެނި ހަމަ އެ ތަނުގައި ވަގުތުން ވަނީ ކުރުވާފަ އެވެ.
ކައިވެނި ކުރި ފިރިހެންމީހާއަކީ މަންޖޭޝް ކުމާރެވެ. އޭނާ ކައިވެނި ކުރަން އޮތީ ސުރުބީ ނަމަކަށް ކިޔާ އަންހެނަކާ އެވެ. ކައިވެނީގެ ރަސްމިއްޔާތުތައް ކުރިޔަށް ގޮސް ކަރުގައި މާފަތި އަޅުވައި ވަށައި ހަތް ބުރު ޖަހަން ތައްޔާރުވީ ތަނާ ސުރުބީ އަނބުރައިގަނެގެން ސްޓޭޖު މައްޗަށް ވެއްޓުނީ އެވެ. ވަގުތުން އެތަނަށް ޑޮކްޓަރަކު ގެނެސް ޗެކް ކުރިއިރު ހާޓް އެޓޭކެއް ޖެހިގެން ސުރުބީ އޮތީ މަރުވެފަ އެވެ.
ކައިވެނިކުރާ ތަނުގައި އުފަލުން ތިބި އެންމެން ކުއްލިއަކަށް ހިތާމަވެރިވެ ރޯން ފެށި އެވެ.
"މިފަދަ ދަނޑިވަޅެއްގައި ދެން ކުރާނެ ކަމެއް އަހަރެމެންނަކަށް ނުވިސްނުނު. ދެން ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް ވާހަކަ ދައްކައި ސުރުބީގެ ކޮއްކޮ ނިޝާ އާއި މަންޖޭޝްގެ ކައިވެނި ކޮށްދޭން އެއްބަސްވީ،" ސުރުބީގެ ބޭބެ ސޯރަބް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.
މަންޖޭޝް އާއި ނިޝާގެ ކައިވެނީގެ ކަންކަން ނިމެންދެން ސުރުބީގެ މަރުވެފައިވާ މަސްގަނޑު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި އޮތީ ބާއްވާފަ އެވެ. އޭގެ ފަހުން މަންޖޭޝް އޭނާގެ އަލަތު އަނބިމީހާ ނީޝާ ގޮވައިގެން ދިއުމުން ސުރުބީގެ ޖަނާޒާގެ ކަންތައްތައް އާއިލާއިން ފުރިހަމަ ކުރީ އެވެ.
ސުރުބީގެ ބޮޑުބޭބެ އަޖަބް ސިންގް ބުނީ އެމީހުންނަށް އެ ނިންމުން ނިންމަން އެހާ ފަސޭހަ ކަމަކަށް ނުވި ކަމަށެވެ.
"އަހަރެމެންގެ ދަރިއަކު މަރުވެފައި ކޮޓަރިއެއްގެ ތެރޭގައި އޮއްވާ އެހެން ދަރިއެއްގެ ކައިވެނި ކުރުވުން ފަސޭހަ ކަމަކަށް ނުވާނެތާ. މިފަދަ މަސްހުނި ޖަޒުބާތުތަކެއް އަހަރެމެންނަށް ދުވަހަކު ވެސް އިހްސާސް ވެފައެއް ނުވޭ. ސުރުބީގެ މަރާއި ނިޝާގެ ކައިވެނީގެ ކަންކަން ދިޔަ ގޮތް އަދިވެސް މިއުޅެނީ ރަނގަޅަށް ވިސްނާލަން ވެސް ނޭނގިގެން،" އަޖަބު ސިންގް ބުންޏެވެ.
އިންޑިޔާގައި ކައިވެނީގެ ހަފުލާތަކަށް އާއިލާތަކުން އެމީހުން އުމުރު ދުވަހު އެއްކޮށްފައިވާ ހުރިހާ މުދަލަކާއި ފައިސާއެއް ޚަރަދުކުރެ އެވެ. އަދި ބައެއް މީހުން ދަރަންޏަށް ފައިސާ ނަގައިގެން ވެސް އެކަންކަން ފުރިހަމަ ކުރެ އެވެ. ވީމާ ކުއްލިއަކަށް ކައިވެނީގެ ރަސްމިއްޔާތު ފުރިހަމަނުކޮށް ހުއްޓާލަން ޖެހޭނަމަ ހީވެސް ނުކުރާވަރުގެ ބޮޑު ގެއްލުމެއް އެ އާއިލާތަކަށް ލިބެ އެވެ. އެފަދަ ދަނޑިވަޅެއްގައި ވެސް ނިޝާ އާއި މަންޖޭޝް ކައިވެނި ކުރުވީ އެ ސަބަބާ ހެދި ކަމަށް ވަނީ ބެލެވިފަ އެވެ.