ލައިފްސްޓައިލް

ކައިވެނި ޕާޓީގައި މައިދައިތަ އުޅުނު ވައްތަރުން ފިރިހެންމީހާ ރުޅިގަދަވެއްޖެ

އިންޑިއާގައި ކައިވެނި ތަކަކީ ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އަދި ގިނަ ދުވަސްތަކަކަށް ދެމިގެންދާ ރަސްމިއްޔާތުތަކެކެވެ. ދާދިފަހުން އެ ގައުމުގެ އުއްތަރު ޕްރަދޭޝްގެ ސަމްބަލް އަވަށުގައި އޮތް މިފަދަ ކައިވެނީގެ ރަސްމިއްޔާތެއްގައި ވަރަށް އާދަޔާޚިލާފު ހާދިސާއެއް ހިނގާފައި ވެއެވެ.

ހިންދުސްތާން ޓައިމްސްގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި ކައިވެނި ޕާޓީގައި މައިދައިތަ (އަންހެން މީހާގެ މަންމަ) ސިނގިރޭޓް ބޮއި، ނަށާތަން ފެނިފައި ކައިވެނިކުރި ފިރިހެން މީހާއަށް ބޮޑު ޝޮކެއް ލިބުނެވެ. އަދި ކައިވެނި ވަގުތުން ރޫޅާލަން އޭނާ ނިންމި އެވެ.

މި ކައިވެނި ކުރެވުނީ ސާރާޔާޓްރިން ކިޔާ ރަށެއްގެ ޒުވާން ފިރިހެނަކާއި ރާޖްޕޫރާ އަވަށުގެ ޒުވާން އަންހެނަކާ ދެމެދުގަ އެވެ. މިއީ ދެ ފަރާތުގެ އާއިލާއިން ހަމަޖައްސައިގެން ކުރުވި ކައިވެންޏެކެވެ.

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އޮތް މި ކައިވެނީގެ ރަސްމިއްޔާތު އިތުރަށް ކުރިއަށް ނުގެންދަން ފިރިހެން މީހާ ނިންމިއިރު ކައިވެނި ކުރުމުގެ ގޮތުން ކުރާ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ނިމިފަ އެވެ. ނަމަވެސް އަންހެން މީހާގެ މަންމަ ވަރަށް ހަޑި ހުތުރު ވައްތަރަކަށް އުޅޭތަން ފެނުމުން ފިރިހެން މީހާ އާއި އޭނާގެ އާއިލާ ރުޅިގަދަވެ ބާކީ ހުރި ރަސްމިއްޔާތުތައް ފުރިހަމަ ނުކޮށް އެނބުރި ދާން ނިންމީ އެވެ.

ފިރިހެން މީހާގެ މި ނިންމުމާ ގުޅިގެން ކައިވެނި ޕާޓީގައި އޮތް އުފާވެރި މާހައުލު ކުއްލިއަކަށް ބަދަލުވެ އެންމެން ދެރަވެ މާޔޫސްވި އެވެ. އަދި ދެފަރާތުގެ އާއިލާގެ މީހުން ޒުވާބުކުރަން ފެށި އެވެ. އަދި އެންމެ ފަހުން ކައިވެނި ކެންސަލް ކުރި އެވެ.

ފިރިހެން މީހާ އޭނާގެ އާއިލާގެ މީހުންނާއެކު އެނބުރި ގެއަށް ދިޔައިރު އަންހެން މީހާ ވަނީ އޭނާގެ މަންމަ ގޮވައިގެން އޭނާގެ ގެއަށް ގޮއްސަ އެވެ.

މި މައްސަލަގަނޑު ހިލުމުން އަވަށުގެ އިސް މީހުން (ޕަންޗާޔަތު) އެއްވެ މަޝްވަރާކޮށް ދެ އާއިލާ ސުލްހަކޮށް އަލުން ކައިވެނީގެ ކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅައި މަސައްކަތް ފެށި އެވެ. އަދި އެންމެ ފަހުން ދެ އާއިލާ ސުލްހަ ކުރުވައި މި ކައިވެނި ކުރުވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.