އިންޑިއާގެ ބިހާރުގައި ދިރިއުޅޭ މީހަކު ހަނދާން ނެތިގެން އޭނާގެ އަމިއްލަ ކައިވެންޏަށް ނުދެވި ކައިވެނި ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ބަގަލްޕޫރު ޑިސްޓްރިކްޓްގެ ސުލްތާންގަންޖް އަވަށުގެ މި މީހާގެ ކައިވެނި ކުރަން ހަމަޖެހިފައި އޮތީ މިދިޔަ ހޯމަ ދުވަހު އެވެ. ކައިވެނީގެ އުފަލުގައި އޭނާ އޭގެ ކުރީ ރޭ ވަރަށް ގަދަޔަށް ރާ ބޮއި މަސްތުވި އެވެ. އަދި އަނެއް ދުވަހު ކައިވެނި ކުރަން އޮތްކަން ހަނދާން ނެތުނެވެ.
އަންހެންމީހާ އާއި އާއިލާއިން ފިރިހެންމީހާއަށް އިންތިޒާރުކޮށްކޮށް އެތައް ގަޑއިރެއް ފާއިތުވެ ކައިވެނިކުރަން އޮތް ވަގުތު ފާއިތުވީއިރުވެސް ފިރިހެންމީހާގެ ޚަބަރެއް ނުވި އެވެ.
މި ކައިވެނި ކުރަން އޮތީ ހޯމަ ދުވަހު ނަމަވެސް ފިރިހެންމީހާއަށް ހޭވެރިކަންވީ އަންގާރަ ދުވަހު އެވެ. އަދި ހޭވެރިކަންވުމާއެކު އަވަހަށް އަންހެންމީހާގެ ގެޔަށް ދިޔަ އެވެ. ނަމަވެސް އޭރު އަންހެންމީހާ އާއި އޭނާގެ އާއިލާއިން ތިބީ އައި ރުޅިން ކައިވެނީގެ ކަންތައް އިތުރަށް ކުރިޔަށް ނުގެންދަން ނިންމައިގެންނެވެ.
އަންހެންމީހާ ބުނީ އަމިއްލަ ޒިންމާއަކީ ކޮބައިކަން ނުވިސްނޭ ވަރުގެ މީހަކާ އެކު މުޅި ހަޔާތް ވޭތުކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މި ކައިވެނިކުރުމަށްޓަކައި އަންހެންމީހާގެ އާއިލާއިން ޚަރަދުކުރި ފައިސާ އަބުރާ ދޭން ފިރިހެންމީހާގެ ކިބައިން އެދިފައި ވެއެވެ.
މި ފައިސާ ނުދޭނެކަމަށް ފިރިހެންމީހާގެ އާއިލާއިން ބުނެ ދެ އާއިލާގެ މެދުގައި ޒުވާބު ފެށި އެންމެ ފަހުން ފައިސާ ނުދެނީސް ދޫނުކުރަންވެގެން ފިރިހެންމީހާގެ އާއިލާގެ މީހުން ހޮސްޓެޖުންގެ ގޮތުގައި ހިފަހައްޓައިގެން ވެސް އަންހެންމީހާގެ އާއިލާގެ ބަޔަކު އުޅުނެވެ. އެންމެ ފަހުން މި މީހުން ސަލާމަތްކުރީ ފުލުހުން އައިހެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްގައި މިދިޔަ ހަފުތާގައި ބާއްވަން އުޅުނު ކައިވެނި ހަފުލާއެއްގައި ވެސް މިކަހަލަ މަޖާ ކަމެއް ހިނގައި ކައިވެނި ކެންސަލް ކޮށްފައި ވެއެވެ. މި ހާދިސާގައި ކައިވެނި ކެންސަލްކުރީ ފިރިހެންމީހާ އެވެ. އެއީ އޭނާގެ ވާން އުޅޭ އަނބިމީހާގެ ގްރޭޑް 12ގެ އިމްތިހާނުގެ ނަތީޖާ ލިބުނުއިރު އެކަށީގެންވާ ވަރަށް މާކްސް ލިބިފައި ނުވާތީ އައި ރުޅިންނެވެ. ނަމަވެސް އަންހެންމީހާގެ ބައްޕަ ބުނި ގޮތުގައި މިއީ ފިރިހެންމީހާ ދެއްކި ބަހަނާ އެކެވެ. ހަގީގަތުގައި އޭނާ ކައިވެންޏާ ދެކޮޅުހެދީ އެކަށީގެންވާ ވަރަށް ޑައުރީ ދޭން އެއްބަސް ނުވީމަ އެވެ.