ލައިފްސްޓައިލް

އަންހެނުންނަށް ޚަރަދުގެ ގޮތުގައި ހަތް ބަސްތާ ވަކިލާރި

އިންޑިޔާގެ ޖައިޕޫރުގެ މީހަކު އޭނާގެ އަންހެނުންނަށް ލަނޑެއް ދޭން އުޅެނިކޮށް އަމިއްލަ މީހާއަށް ލަނޑު ލިބިއްޖެ އެވެ.

ޖައިޕޫރުގެ ހަރްމަދާ އޭރިޔާގައި ދިރިއުޅޭ ދުޝްރަތު ކުމާރު އޭނާގެ އަންހެނުންނަށް ޚަރަދު ނުކުރާ ކޮންމެ މަހެއްގެ ޚަރަދުގެ ގޮތުގައި 5500 ރުޕީސް ދޭން ކޯޓުން އޭނާއަށް އަމުރު ކުރި އެވެ. ނަމަވެސް 11 މަސް ފާއިތުވީއިރުވެސް އޭނާ އެ ފައިސާ ނުދީގެން މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރި އެވެ.

އަންހެނުންނަށް ނުދީ އޮތް 11 މަހުގެ ޚަރަދުގެ ގޮތުގައި 55،000 ރުޕީސް ދޭން ކޯޓުން އޭނާއަށް އެންގި އެވެ. މި ފައިސާ ދެއްކުމުން ނޫނީ މިނިވަން ނުވާނެކަން ޔަގީންވުމުން ފިރިހެންމީހާގެ އާއިލާއިން އެ ފައިސާ ކޯޓާ ހަވާލުކުރި އެވެ.

އޭނާ އަންހެނުންނަށް ޚަރަދުގެ ގޮތުގައި ދޭން ފިރިހެންމީހާގެ އާއިލާ އިން ގެނެސްފައި ހުރީ އެއް ރުފިޔާ އާއި ދެ ރުފިޔާގެ ވަކި ފައިސާފޮތި ތަކެކެވެ.

މި ފައިސާ މިގޮތަށް ދިނަސް އެންމެ ރަނގަޅުކަމަށް ކޯޓުން ނިންމުމުން ފިރިހެންމީހާ ވަރަށް އުފާވި އެވެ. މިއީ ހަގީގަތުގައި އޭނާގެ އަންހެނުންނަށް ލަނޑެއް ދީ އުނދަގޫ ކުރުމުގެ ގޮތުން އޭނާ ކުރި ކަމެކެވެ.

ހަތް ގޯނި ފުރެންދެން ހުރި މި ފައިސާފޮތިތައް ކޯޓަށް ގެނެސް އަންހެންމީހާއަށް ދިނުމަށްފަހު ފުލުހުންގެ ހައްޔަރުން މިނިވަން ވެވި ގެޔަށް ދެވޭނެކަމަށް ފިރިހެންމީހާ ހީކުރި އެވެ.

ނަމަވެސް އޭނާގެ އަންހެނުންގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ މިއީ ނަފްސާނީ ގޮތުން އަންހެންމީހާއަށް އަނިޔާއެއް ދިނުމަށް ފިރިހެންމީހާ ކުރި ކަމެއް ކަމަށެވެ. އަދި އެ ފައިސާ އާ ހަވާލުވާން ކޯޓުގައި އަންހެންމީހާ އިންކާރު ކުރި އެވެ. އެ ހުރިހާ ވަކިލާރި ގުނަން ހޭދަވާނެ ވަގުތާއި އުފުލަން ޖެހޭނެ ބުރަ ބޮޑުކަމުންނެވެ.

އެވަގުތު ފިރިހެންމީހާ އަށް ފަނޑިޔާރު އަމުރުކުރީ އޭނާ އަމިއްލައަށް ކޯޓުގައި އިނދެގެން އެ ހުރިހާ ވަކި ލާރި ގުނުމަށެވެ. އަދި ކޮންމެ 1000 ރުފިޔާއެއް ވަކިވަކިން ޕެކެޓްކުރުމަށްފަހު ޖުމްލަ 55 ޕެކެޓް ހަދައި ޖޫން 26 ވަނަ ދުވަހު އޮންނަ މި މައްސަލަގެ އަޑުއެހުމުގައި އެ ފައިސާފޮތިތައް އަންހެންމީހާ އާ ހަވާލުކުރުމަށެވެ.

ކޯޓުން މިގޮތަށް ނިންމުމުން ހަގީގަތުގައި ލަނޑު ލިބުނީ އަންހެނުންނަށް ލަނޑެއް ދޭން ރާވާއިގެން ހުރި ފިރިހެންމީހާ އަށެވެ. އެމީހާއަށް ޖެހުނީ އެ ހުރިހާ ފައިސާ ފޮތިތައް ގުނައި ކޮންމެ 1000 ރުފިޔާ އަކުން ވަކިން ބަންޑެލިކޮށް ވަކިކޮށް އެ ތަކެތި ކޯޓާ ހަވާލުކުރާށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ ތަކެތި އަންހެނުންނާ ހަވާލު ކުރާށެވެ.