ލައިފްސްޓައިލް

ލޯބިވެރިޔާއާއެކު ބާޒާރު ކުރަނިކޮށް އަންހެނުން ގޮސް މާރާމާރީ ހިންގައިފި

ހިންދޫން ފާހަގަ ކުރާ ކަރްވާ ޗައުތު (ފިރިމީހާގެ އުމުރު ދިގުވޭތޯ އަނބިމީހާ މުޅި ދުވަހު އެއްޗެއް ނުކައި ހުންނަ ދުވަސް) މީގެ ދެ ދުވަހެއް ކުރިން އިންޑިއާ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް ފިރިމީހާގެ އުމުރު ދިގު ވާން އެދި ނުކައި ހުރި އަންހެނަކަށް އޭނާގެ ފިރިމީހާގެ ބޭވަފާތެރިކަން ފަޅާ އަރައިފިނަމަ އަންނާނެ ރުޅި ހީކޮށްލާށެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދުގެ އަންހެނަކު އެދުވަހު ފިރިމީހާގެ އުމުރު ދިގުވޭތޯ އެއްޗެއް ނުކައި ހުރެ ޝޮޕިން މޯލަކަށް ގޮސް އުޅެނިކޮށް ފިރިމީހާ އޭނާގެ ސިއްރު ލޯބިވެރިޔާ ގޮވައިގެން އެތަނަށް ގޮސް އެއްޗެތި ގަނެދޭން އުޅެނިކޮށް ފެނުނެވެ.

މިހާރު ސޯޝަލް މީޑީއާގައި ވައިރަލް ވެގެން އުޅޭ ވީޑީއޯގައި ފެންނަނީ އަންހެން މީހާ އައި ރުޅިން ގޮސް ފިރިހެން މީހާގެ ގައިގައި ތަޅައިގަންނަ މަންޒަރެވެ.

އަންހެން މީހާ ބާޒާރުކުރަން ގޮސް އުޅުނީ އޭނާގެ މަންމަ އާއި އިތުރު އަންހެނުން ތަކަކާ އެކުގަ އެވެ. އަދި ފިރިހެން މީހާ އާއި އޭނާގެ ލޯބިވެރިޔާގެ ގައިގައި ތަޅައި އަނިޔާ ކުރުމުގައި އަންހެން މީހާ އާއި އޭނައާ އެކު ތިބި އެހެން މީހުން ވެސް ބައިވެރިވި އެވެ.

ވަގު ލޯބިވެރިޔާ އެ ފިރިހެން މީހާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަން ފެށުމުން އޭނާއަށް ވެސް ހަމަލާތައް ރައްދުވި އެވެ.

އެ ފިހާރައިގެ ސޭޓު ކައިރިއަށް އައި ރުޅިން އެމީހުން އެންމެން އެތަނުން ނުކުންނާށޭ ކިޔާ ހަޅޭއްލަވާ އަޑު ވެސް ވީޑިއޯގައި ފެނެ އެވެ.

މިކަން ވީގޮތް ޓުވިޓާގައި ޝެއާކުރަމުން ސާކަލް އޮފިސަރު އަންޝޫ ޖެއިން ލިޔެފައިވާ ގޮތުގައި މި ދެމަފިރިން އަރާރުން ވެފައި ފިރިހެން މީހާގެ ގެއިން ނުކުމެގެން ގޮސް އަންހެން މީހާ ދިރިއުޅެމުންދަނީ އޭނާގެ މަންމަގެ ގޭގަ އެވެ.

އެ ދުވަހު ދެމައިން ބާޒާރުކުރަން ނުކުމެގެން އުޅެނިކޮށް ފިރިހެން މީހާ އޭނާގެ ސިއްރު ލޯބިވެރިޔާއާއެކު ބާޒާރުކުރަން ގޮސް އުޅެނިކޮށް ބައްދަލުވީ އެވެ. އަދި ފިރިމީހާ އެހެން އަންހެނަކަށް ބާޒާރުކޮށްދޭން އުޅޭތަން ފެނުމުން އަންހެން މީހާގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓައި އެމީހުންނަށް ހަމަލާ ދިނީ އެވެ.