އިންޑިއާގެ ރާޖަސްތާނުގައި ދާދިފަހުން ވަރަށް މަޖާ ގޮތަކަށް ކައިވެންޏެއް ކޮށްފި އެވެ.
މިކަން އެހާ މަޖާ ކަމަކަށްވީ ކައިވެނިކުރަން މަދު މިނިޓް ކޮޅަކަށް ވެފައި ވަނިކޮށް އަންހެން މީހާ އޭނާގެ ލޯބިވެރިޔާއާ އެކު ފިލައިގެން ދިޔައިމަ އެވެ.
އަންހެން މީހާ ފިލީ އޭނާ ވަރަށް ޒަމާނުއްސުރެ ރައްޓެހިވެގެން އުޅުނު ދެބެންގެ ދެދަރި މީހަކާ އެކުގަ އެވެ. އަންހެން މީހާ ފިލިޔަސް އޭނާ ކައިވެނިކުރަން ހަމަޖެހިފައިވާ ފިރިހެން މީހާ ހުރީ އަންހެން މީހާއާ ކައިވެނިކުރުމުގެ އަޒުމުގަ އެވެ.
ކައިވެނީގެ ރަސްމިއްޔާތު އޮތީ އަންހެން މީހާގެ ގޭގައި ކަމުން އަންހެން މީހާ އައުމުން އޭނާއާ ކައިވެނިކޮށްގެން ނޫނީ އެގެއިން ނުދާން ފިރިމީހާ ނިންމައި އެގޭގައި ދިރިއުޅެން ފެށި އެވެ.
މިކަން ހިނގާފައިވަނީ ރާޖަސްތާނުގެ ސައިނާ އަވަށުގައި މިހިނގާ މޭ މަހުގެ ތިންވަނަ ދުވަހު އެވެ. އެ ދުވަހު އަންހެން މީހާއާ ކައިވެނި ކުރުމަށްޓަކައި ފިރިހެން މީހާ އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންނާއެކު ބޭންޑް ޕާޓީގައި އެ ގެޔަށް ދިޔަ އެވެ.
ކައިވެނީގެ އެކިއެކި ރަސްމިއްޔާތުތައް ކުރިއަށް ދަމުން ގޮސް އެންމެ ފަހުން އޮންނަ ޕޭރާ (އަލިފާންގަނޑު ވަށައިގެން ހަތް ބުރު ޖެހުން) ފެށެން މަދު މިނިޓުކޮޅަކަށް ވެފައި އޮއްވާ އަންހެން މީހާ ކުއްލިއަކަށް ބަލިވީ ކަމަށް ހެދުނެވެ. ބަނޑުގައި ރިއްސާ ހޮޑުލަވަނީއޭ ކިޔާފައި ގޭގެ އެއްފަރާތެއްގައިވާ ހުސް ތަނަކަށް ގޮސް ލޯބިވެރިޔާއާ އެކު އަންހެން މީހާ ފިލީ އެވެ.
އެތައް އިރެއް ވީއިރުވެސް އަންހެން މީހާ ކައިވެނީގެ ރަސްމިއްޔާތު ފުރިހަމަކުރަން ނައުމުން އާއިލާގެ މީހުން އޭނާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި މިގޮތަށް ހޯދަމުން ދަނިކޮށް އަންހެން މީހާ ފިލައިފިކަން ޔަގީންވި އެވެ.
ކައިވެނިކުރަން އައިސް ހުރި ފިރިހެން މީހާއަށް މި ޚަބަރު ލިބުނަސް އޭނާ ގޮތެއް ދުލެއް ނުކުރި އެވެ. ކައިވެނިކޮށްގެން އަންހެން މީހާ ގޮވައިގެން ނޫނީ ގެޔަށް ނުދާނެ ކަމަށް ބުނެ އޭނާ އަންހެން މީހާގެ ގޭގައި ދިރިއުޅެން ފެށި އެވެ. އިންޑިއާ މީހުން ކައިވެނިކުރާ ވަގުތު ބޮލުގައި އޮޅާފައި އޮންނަ ފަގުޑިވެސް ބާލަން އެމީހާ ދެކޮޅު ހަދައި އެ މީހާ ދިރިއުޅެމުން ދިޔައީ އެ ފަގުޑި ބޮލުން ނުނަގަ އެވެ.
އަންހެން މީހާ ފިލި ވާހަކަ އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އަންހެން މީހާ ހޯދުމުގެ މަސައްކަތް ފަށައި އޭނާ ހޯދުނީ މި ހާދިސާއަށް 13 ދުވަސް ވީފަހުންނެވެ. ފުލުހުން އަންހެން މީހާ ހޯދައިގެން ގެނެސް އޭނާގެ އާއިލާއާ ހަވާލުކުރުމުން އެމީހުން ވަނީ ހަމަ އެ ދުވަހު ކައިވެނިގެ ބާކީ ހުރި ރަސްމިއްޔާތުތައް ފުރިހަމަކޮށް ފިރިހެން މީހާއާ ކައިވެނި ކުރުވާފަ އެވެ. އެންމެފަހުން ފިރިހެންމީހާ އޭނާގެ އަލަތު އަނބިމީހާ ގެޔަށް ދިޔައީ އެވެ.