ލައިފްސްޓައިލް

50 އަހަރުގެ ހުވަފަތް މަންމަ އެހެން މީހަކާ ކައިވެނިކޮށް ދިނީ ދަރިފުޅު

ކައިވެންޏަކީ ވަރަށް ހާއްސަ ރަސްމިއްޔާތެކެވެ. އަދި އުމުރު ދުވަހު އެކުގައި އުޅުމަށް ވެވޭ އަހުދެކެވެ. ހާއްސަކޮށް ތިމާގެ ބޮޑުވެފައި އަންހެން ދަރިއެއްގެ އަމިއްލަ މަސައްކަތުން މަންމައެއްގެ ކައިވެނިކޮށްދޭނަމަ އެއީ ވަރަށް ހާއްސަ ކަމަކަށް ނޫނީ ނުވާނެ އެވެ.

ދެބްއާރްތީ ރިއާ ޗަކްރަވަތީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުން ހިއްސާ ކުރި ވާހަކައެއްގައި އޭނާގެ 50 އަހަރުގެ މަންމަގެ ދެ ވަނަ ކައިވެނީގެ ކަންތައް ކުރިޔަށް ދިޔަ ގޮތް ކިޔައިދީފައި ވެއެވެ.

ދެބްއާރްތީ އާއި އޭނާގެ މަންމައަކީ އިންޑިޔާގެ ޝިލޯންގްގެ އަހުލުވެރިންނެވެ. ދެބްއާރްތީގެ ބައްޕަ ކުއްލިއަކަށް މަރުވި އިރު އޭނާގެ އުމުރުން އެންމެ ދެ އަހަރެވެ. ފިރިމީހާ މަރުވެ ހުވަފަތްވީއިރު ދެބްއާރްތީގެ މަންމަ މޯޝަމީ ޗަކްރަވަތިގެ އުމުރުން އެންމެ 25 އަހަރެވެ.

ދެބްއާރްތީގެ ބައްޕައަކީ ޝިލޯންގްގައި ވަރަށް މަޝްހޫރު ޑޮކްޓަރެކެވެ. އޭނާގެ ކުއްލި މަރާ ގުޅިގެން ފިރިހެންމީހާގެ އާއިލާގެ މެދުގައި އޭނާގެ މުދާތައް ބަހާނެ ގޮތަކާ މެދު ބޮޑު ކޯޅުންގަނޑެއް ފެށުނެވެ. އެކަމާ ހިތްހަމަނުޖެހިގެން ދެބްއާރްތީގެ މަންމަ އޭނާ ގޮވައިގެން އޭނާގެ ރަށަށް މައިންބަފައިން ކައިރިއަށް ދިޔައީ އެވެ.

މޯޝަމީ އަކީ ޓީޗަރެކެވެ. އަދި އަމިއްލަ ރަށުގައި ދަރިފުޅު ގެންގުޅެ ބޮޑުކުރީ ކިޔަވައިދީގެން ލިބުނު ފައިސާއިންނެވެ. ދެބްއާރްތީ ކިޔަވާ ނިމިގެން މިހާރު މުމްބައިގައި ފްރީލާންސް ޓެލެންޓް މެނޭޖަރެއްގެ ގޮތުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިޔާގެ އާޖްތަކް ޓީވީއަށް ދިން އިންޓަވިއުއެއްގައި ދެބްއާރްތީ ވަނީ އޭނާގެ މަންމަގެ ދެ ވަނަ ކައިވެންޏެއް ކުރުވި ގޮތުގެ ވާހަކަތައް ކިޔައިދީފަ އެވެ.

"މަންމަ ކައިރީގައި އަލުން ކައިވެންޏެއް ކުރާށޭ ބުނާއިރަށް ބުނާނެ އޭރުން ދަރިފުޅަށް ވާނީ ކިހިނެއް ހެއްޔޭ؟ އެހެންވެ މަންމަ އަލުން ކައިވެންޏަކަށް އެއްބަސް ކުރުވަން އަހަންނަށް ވަރަށް ވަގުތު ނެގި. އަހަރެން ބުނިން ކޮންމެވެސް މީހަކާ ވާހަކަ ދައްކާ ރައްޓެހިވެބަލާށޭ. އެންމެ ކުރިން ރައްޓެއްސެއްގެ ގޮތުގައި މީހުންނާ ވާހަކަ ދައްކަން ފަށައިގެންނޭ ރަނގަޅު މީހަކު ވާނީ،" ދެބްއާރްތީ ބުންޏެވެ.

މިއަހަރުގެ މާޗް މަހު ދެބްއާރްތީ ވަނީ އޭނާގެ މަންމަގެ ކައިވެނި ސްވާޕަން ނަމަކަށް ކިޔާ ވެސްޓް ބެންގާލް މީހަކާ ކޮށްދީފަ އެވެ. ދެ މީހުންގެ އުމުރުން ވެސް 50 އަހަރެވެ. ނަމަވެސް ސްވާޕަން މީގެ ކުރިން ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.

"ކުރިން މަންމަ ހުންނާނީ އަބަދުވެސް ހިތްހަމަނުޖެހިފައި. އެހާ އަވަހަށް ރުޅިވެސް އަންނާނެ. ނަމަވެސް މިހާރު މަންމަ ފެންނަނީ ވަރަށް ތަފާތުކޮށް. ވަރަށް އުފާވެފައި ހަމަޖެހިފައި ހުއްޓާ ފެންނަނީ،" ދެބްއާރްތީ ބުންޏެވެ.

ދެބްއާރްތީ ވަނީ އޭނާގެ މަންމަގެ ކައިވެނީގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އަދި މަންމަ ފަދަ ރަނގަޅު، ހިތްވަރުގަދަ އަދި ކެރޭ މީހަކު މުޅި އުމުރުގައިވެސް ނުދެކޭ ކަމަށް އޭނާ ލިޔެފައި ވެއެވެ.

ދެބްއާރްތީގެ އިންސްޓަގްރާމް ޕޯސްޓަށް ކޮމެންޓުކުރި ވަރަށް ގިނަ މީހުން އޭނާގެ ރަނގަޅުކަމަށް ތައުރީފުކޮށްފައި ވެއެވެ. އަދި މަންމަގެ އުފަލާއި ހިތްހަމަޖެހުމަށް އޭނާ އިސްކަން ދިނީތީ އެމީހުން ވަރަށް އުފާވެއްޖެ ކަމަށް ވަރަށް ގިނަ ކޮމެންޓުގައި ވެއެވެ.

ފިރިމީހާ މަރުވިޔަސް އަދި ވަރިކުރިޔަސް އަންހެންމީހާ ދެ ވަނަ ކައިވެންޏެއް ކުރުމަކީ އިންޑިޔާގެ ގިނަ މުޖުތަމައުތަކުގައި އެެހާ ބަލައިގަންނަ އަދި ގިނަ މީހުން ތަރުހީބުދޭ ކަމަކަށް ނުވެ އެވެ. ނަމަވެސް މިހާރު އެ ވިސްނުން ކޮންމެވެސް ވަރަކަށް އަންނަނީ ބަދަލުވަމުންނެވެ.