ލައިފްސްޓައިލް

ކައިވެނީގެ ދުވަހު ކުއްލިގޮތަކަށް އަންހެންމީހާ މަރުވުމުން ކޮއްކޮއާ ކައިވެނިކޮށްފި

މި ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ނާރީ އަވަށުގެ ވިޝާލް ނަމަކަށް ކިޔާ ފިރިހެނަކާއި ހަމަ އެ އަވަށުގެ ހޭތަލް ނަމަކަށް ކިޔާ އަންހެނަކާ އެވެ.

ފައްޅިއެއްގައި މި ކައިވެނީގެ ރަސްމިއްޔާތުތައް ކުރިޔަށް ގޮސް ކައިވެނި ކުރާ ގަޑި ޖެހުމުން އާއިލާގެ އެންމެންނާއި އެތަނަށް ގޮސް ތިބި މެހެމާނުން ކައިވެނިކުރާ ތަނުގެ ވަށައިގެން އެއްވި އެވެ. އޭރު ކައިވެނީގެ މުނާސަބަތާ ގުޅޭ ލަވަތައް ވެސް ވަރަށް ބާރަށް ޖަހާފައި ހުއްޓެވެ. ކައިވެނި ކުރިޔަށް ދަނިކޮށް ކުއްލިއަކަށް ހޭތަލް އަނބުރައިގަނެގެން ވެއްޓުނީ އެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބުނީ ހޭތަލް ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި ހޮސްޕިޓަލަށް ގެނައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ހޭތަލް މަރުވުމުން އާއިލާއަށް ބޮޑު ހިތާމައެއް ލިބުނު މި ދަނޑިވަޅުގައިވެސް އާއިލާގެ މީހުން ވަރަށް ވަރުގަދަ ނިންމުމެއް ނިންމި އެވެ. ކައިވެނީގެ ރަސްމިއްޔާތަށް ބޮޑު ޚަރަދެއްކޮށްފައިވާތީ އެއީ ބޭކާރު އެއްޗަކަށް ވެގެން ނުދާނެ ގޮތަކަށް ވިސްނާފައި ނިންމި ނިންމުމެކެވެ.

އެ ނިންމުމަކީ ހޭތަލްގެ ކޮއްކޮ އާއި އޭނާ ކައިވެނިކުރަން ހަމަޖެހިފައި އޮތް ފިރިހެންމީހާ އާ ކައިވެނިކޮށްދިނެވެ. އެގޮތުން ހަމަ އެ ވަގުތު އެ ފައްޅީގައި މި ކައިވެނީގެ ކަންތައް ވަނީ ކޮށް ނިމިފައެވެ.

ކައިވެނީގެ ކަންކަން ނިމެންދެން ހޭތަލްގެ ހަށިގަނޑު އޮތީ ކޯލްޑް ސްޓޯރޭޖެއްގަ އެވެ.

ނާރީ އަވަށް އެ ސިޓީއަކަށް ނިސްބަތްވާ ބާވްނާގަރްގެ ކައުންސިލްމޭން ލަކްޝްމަންބާއީ ރާތޯރު ވިދާޅުވީ މިއީ ވަރަށް ހިތާމަވެރިކޮށް ހިނގައިދިޔަ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައިވެނިކުރަން ހަމަޖެހިފައިވާ ޒުވާން އަންހެންމީހާ މަރުވިޔަސް އޭނާއާ ކައިވެނިކުރަން އައިސް ހުރި ފިރިހެންމީހާ އާއި އޭނާގެ އާއިލާ މާޔޫސްކަމާއެކު ފޮނުވާނުލަން އަންހެންމީހާގެ އާއިލާއަށް ނަސޭހަތްތެރިވެ އެއްބަސް ކުރުވީ އެމީހުންގެ ގާތް މީހުންނާއި އަވަށްޓެރިން ކަމަށެވެ.

މި ޚަބަރަށް ކޮމެންޓުކުރި ވަރަށް ގިނަ ބަޔަކު ތަފާތު މަސްހުނި ޚިޔާލުތައް ފާޅުކޮށްފައި ވެއެވެ. އަންހެންކުއްޖާ ކުއްލިއަކަށް މަރުވުމުން އޭނާގެ ކޮއްކޮ އާއި ފިރިހެންމީހާ ކައިވެނި ކުރުވުން އެއީ ރަނގަޅުކަމެއް ނޫންކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރެ އެވެ. އަދި މިއީ މަރުވި އަންހެންމީހާގެ ކޮއްކޮ އެއްބަސްވެގެން ކުރެވުނު ކައިވެންޏެއްތޯ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އަދި އާއިލާގެ ޒުވާން އަންހެނަކު މަރުވެގެން ހިތާމައިން ފޯވެ ތިބެ ހަމަ އެ ވަގުތު ކައިވެނިގެ ކަންކަން ކުރިޔަށް ގެންދިއުމަކީ ވަރަށް ނާއިންސާފު ގޮތެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބައެއް ކޮމެންޓްތަކުގައި ވެއެވެ.

މިކަމަށް ތާއީދުކޮށް ފިރިހެނަކު ކޮމެންޓްކޮށްފައި ވެއެވެ. އޭނާ ބުނި ގޮތުގައި ފިރިހެންމީހާ މަރުވިނަމަ އަންހެންމީހާ ވެސް ފިރިހެންމީހާގެ ކޮއްކޮއެއް ހުރިނަމަ އެމީހަކާ ކައިވެނި ކުރުވާނެ ކަމަށާއި އެއީ އިންޑިޔާގައި ވަރަށް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.