"ކަސޯޓީ ޒިންދަގީ ކޭ"ގެ ފުރަތަމަ ސީޒަންގައި އަނުރާގް ބާސޫގެ ރޯލު އަދާކުރި ސިޒޭން ޚާން އަށް ގެވެށިއަނިޔާގެ ތުހުމަތުތަކެއް އޭނާގެ އަންހެނުން ކޮށްފި އެވެ.
ސިޒޭންގެ އަންހެނުން އައިޝާ ޕިރާނީ މިހާރު ވަނީ މި ޝަކުވާ ފުލުހުންނަށް ހުށަހަޅާފަ އެވެ.
އައިޝާ ބުނާ ގޮތުގައި އޭނާގެ ފިރިމީހާ އަނިޔާކޮށް އަދި އޭނާ އަތުން ބިރުދައްކައިގެން ފައިސާވެސް އަތުލާފައި ވެއެވެ.
އެމެރިކާގައި ދިރިއުޅޭ އައިޝާ، އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި މުސްލިމު ގާނޫނުތަކާ އެއްގޮތަށް ސިޒޭން ކައިރިން ވަރިވާން މިހާރު އޭނާ ބޭނުންވެ އެވެ.
އައިޝާ ތުހުމަތުކުރާ ގޮތުގައި ސިޒޭން އޭނާއާ ކައިވެނިކުރީ ގްރީން ކާޑު ހޯދާށެވެ. އަދި އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއްވެސް ސިޒޭން ބޭނުންކޮށްފައިވާ ކަމަށް އައިޝާ ބުނެފައި ވެއެވެ.
"އޭނަ އަހަރެންގެ ގޭގައި އަހަންނާއެކު 2013-2016 އަށް ދިރިއުޅުނުއިރު އެއްވެސް މަސައްކަތެއް ނުކޮށް ހުރިހާ ވަގުތެއް ގޭގައި ހުރީ. އަހަރެންގެ ކްރެޑިޓް ކާޑުން އޭނާ ހުރިހާ ޚަރަދެއް ކުރީ. އަހަރެން އެކަމާ އަޅައެއް ނުލަން. އެއީ އަހަންނަކީ ގޯސް އަންހެނަކަށް ނުވާތީ. ނަމަވެސް އެންމެ ފަހަރަކު ވެސް އޭނާ އަހަރެންގެ ކިބައިން މައާފަށް ނޭދޭ،" އައިޝާ ބުންޏެވެ.
ނަމަވެސް އައިޝާ އަކީ އޭނާގެ އަނބިމީހާ ކަމަކަށްވެސް ސިޒާން މީޑިއާގައި އެއްބަހެއް ނުވެ އެވެ. އޭނާ ބުނާ ގޮތުގައި އައިޝާ އަކީ އޭނާއާ އަޅައިގަނެގެން އުޅޭ ފޭން އެކެވެ. ނަމަވެސް އައިޝާ ބުނާ ގޮތުގައި އެ ދެ މީހުންގެ ދަރިން ވެސް އެބަތިއްބެވެ. އަދި ދަރިން ކުރިމަތީގައިވެސް ސިޒޭން އޭނާއަށް ބޭއަދަބީކޮށް ކަންތައްކުރާ ކަމަށެވެ.
"އަހަރެން އަދިވެސް މިހިރީ އޭނާގެ 'ނިކާހް' (ކައިވެނި)ގައި. އޭނަ އަހަރެން ކައިރި ބުނި އޭނަ މަންމަ ބޭނުންވަނީ އޭނަ ޅަމީހަކާ ކައިވެނި ކުރާށޭ. އޭނައަށް މިހާރު 50 އަހަރު. އަހަރެންނަށް ވެސް 50 އަހަރު. އޭނަ މި ހުރިހާ ދުވަހުވެސް އުޅުނީ އަހަރެމެންގެ ކައިވެނި ސިއްރުކޮށްގެން. އަދި އަހަރެން ލައްވާ ވަރީގެ ފޯމުގައި ވެސް އަހަންނަށް ނޭނގި ސޮއި ކުރުވި. އެކަމަކު އަދިވެސް ރަސްމީކޮށް އަހަރެމެން ދެމީހުން ވަރިއެއް ނުވޭ،" އައިޝާ ބުންޏެވެ.
ސިޒޭންއާ ދެކޮޅަށް އައިޝާ މައްސަލަ ހުށަހެޅުމުން ސިޒޭން ފުލުހަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ އައިޝާއާ އޭނާ ކައިވެނި ނުކުރާ ކަމަށާއި އައިޝާ އަކީ އޭނާގެ ދުރުތާ ތިމާގެ މީހެއް ކަމަށާއި އަންބެއް ނޫން ކަމަށެވެ. އަދި ކައިވެނީގެ ސެޓްފިކެޓާއި ފޮޓޯތައް ކަމަށް ބުނެ އައިޝާ ހުށަހަޅާފައިވާ އެއްޗިއްސަކީ ފޭކް އެއްޗެހިތަކެއް ކަމަށެވެ.
ސިޒޭންއާ ދެކޮޅަށް އައިޝާ މައްސަލަ ޖެއްސީ 2021ގައި އޭނާ ކައިވެނި ކުރަން އުޅޭކަމަށް އަމިއްލައަށް ބުނުމާ ގުޅިގެންނެވެ. އައިޝާ ބުނަނީ އަފްޝީން ނަމަކަށް ކިޔާ މީހަކާ ސިޒޭން ކައިވެނިކުރަން އުޅޭ ވާހަކަ އަޑު އިވިފައިވާތީ އޭގެ ކުރިން އޭނާގެ ވަރީގެ ކަންތައް ނިމިފައި ޚަރަދުބަރަދު ހޯދަން ބޭނުންވެގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކަމަށެވެ.
ނަމަވެސް މި ހުރިހާ ވާހަކަތަކެއް ސިޒޭން ދޮގުކުރެ އެވެ. އޭނާ ބުނީ އައިޝާ އަކީ އޭނާގެ ދެބެންގެ ދެދަރި މީހެއްގެ އަންހެނުންގެ ކޮއްކޮ ކަމަށާއި އޭނާ ދިރިއުޅެނީ ކަރާޗީގައި ކަމަށެވެ. އަދި ކައިވެނީގެ ސެޓްފިކެޓޭ ކިޔައިގެން އައިޝާ ސޯޝަލް މީޑީއާގައި ޝެއާ ކޮށްފައިވަނީ ފޭކް ސެޓްފިކެޓެއް ކަމަށާއި އޭނާ ޝެއާކުރި ފޮޓޯތަކަކީ ވެސް ފޭކް ކަމަށް ސިޒޭން ބުނެ އެވެ.