ލައިފްސްޓައިލް

އާސާމް ފިރިހެނަކު ލޯބިވެރިޔާގެ ގަބުރާ ކައިވެނިކޮށްފި

"ހަގީގީ ލޯބި ދުވަހަކުވެސް މަރެއް ނުވާނޭ" މިއީ ވަރަށް ގިނައިން އިވޭ ޖުމްލަ އެކެވެ. މިއީ ކިތަންމެ ގިނައިން މީހުން ބުނެ އުޅޭ ވާހަކައަކަށްވީ ނަމަވެސް ބައިވެރިޔާ މަރުވުމުން ނުވަތަ ވަރިވެގެން ދިއުމުން ހަގީގީ ލޯބި ވެސް ނެތިގެންދާ ތަން ފެނެ އެވެ. އެކަމަކު އިންޑިއާގެ އާސާމްގައި ދިރިއުޅޭ މި ފިރިހެން މީހާ މިއާ މުޅިން ތަފާތެވެ. އޭނާގެ ލޯބިވެރިޔާ މަރުވުމުން ވެސް އޭނާގެ ހިތުގައި އެ ލޯބިވެރިޔާއަށް އޮތް ލޯބި މަރު ނުވާކަން މިމީހާ ވަނީ ބަހާ އަމަލުން ސާބިތުކޮށްދީފަ އެވެ.

މި ފިރިހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ ކައިވެނިކުރަން ތައްޔާރުވަމުން ދަނިކޮށް އަންހެން ކުއްޖާ މަރުވީ އެވެ. އަދި ފިރިހެން މީހާ ވަނީ އޭނާގެ މަރުވެފައި އޮތް ލޯބިވެރިޔާއާ ކައިވެނިކޮށް މުޅި އުމުރަށް ވެސް އެހެން އިތުރު މީހަކާ ކައިވެނި ނުކުރާން ވައުދުވެފަ އެވެ.

އިންޓަނެޓުގައި މިހާރު ވައިރަލްވެގެން އުޅޭ ވީޑީއޯގައި ފެންނަނީ 27 އަހަރުގެ ބިޓުޕަން ޓަމޫލީ އޭނާގެ މަރުވެފައި އޮތް ލޯބިވެރިޔާ އަރްޗަނާއާ ކައިވެނިކުރުމުގެ ގޮތުން ނިތްކުރީގައި ރަތްކުލަ ހާކާ މާފަތި އަޅުވާ ތަނެވެ. މިއީ ހިންދޫން ކައިވެނީގެ ރަމްޒެއްގެ ގޮތުން ކުރާ ކަމެކެވެ.

ޕްރައިވެޓް ހޮސްޕިޓަލެއްގައި މިދިޔަ ހުކުރު ދުވަހު ޕްރާތުނާ މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފަ އެވެ.

ޓަމުލީ ބުނި ގޮތުގައި އޭނާ ވަނީ މުޅި އުމުރަށް ވެސް އޭނާގެ ހަޔާތުން ޕްރާތުނާ ނޫން އެހެން މީހަކަށް ޖާގަ ނުދޭން ލޯބިވެރިޔާއަށް ވައުދުވެފަ އެވެ. އޭނާ މަރުވުމަށްފަހު ވެސް ކައިވެނިކުރީ މި ވައުދު ފުއްދުމުގެ ގޮތުންނެވެ.

ޕްރާތުނާގެ ތިމާގެ މީހަކު އިންޑިއާގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި އެއް ދުވަހަކު ކުއްލިއަކަށް ޕްރާތުނާއަށް ކޮންމެވެސް ސިއްހީ މައްސަލައެއް ދިމާވެގެން ބިންމައްޗަށް ވެއްޓުނީ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އޭނާގެ ހާލު ސީރިއަސް ވަމުން ގޮސް މަރުވީ އެވެ.

މިގޮތަށް މަރުވެފައިވާ މީހުންނާ ކައިވެނި ކުރުމަކީ އިންޑިއާގެ އެކި ހިސާބުތަކުގައި މަދުން ނަމަވެސް މީހުން ކޮށް އުޅޭ ކަމެކެވެ. އެމީހުންގެ ހަޔާތުން އެހެން އެއްވެސް މީހަކަށް ޖާގަ ނުދޭނެކަމުގެ ޔަގީންކޮށްދިނުމުގެ ގޮތުންނެވެ.

އެގޮތުން 2018ގައި ޓެމިލް ނާޑޫގެ ރަށެއްގައި ވެސް ފިރިހެނަކު ވަނީ އޭނާގެ މަރުވެފައި އޮތް ލޯބިވެރިޔާ އާ ކައިވެނިކޮށްފަ އެވެ. ބަސް އެކްސިޑެންޓެއްގައި މި އަންހެން މީހާ މަރުވީ ދެ މީހުން ލޯބިވެގެން އުޅޭތާ އެތައް އަހަރެއް ފަހުން ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށެވެ.