ލައިފްސްޓައިލް

ޕްލަސްމާގެ ބަދަލުގައި އައިވީގެ ޒަރިއްޔާއިން ޖޫސް އެޅުމުން މަރު

ޑެންގީ ޖެހިގެން އިންޑިޔާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް މީހަކު މަރުވީ ލޭ އެޅުމުގެ ބަދަލުގައި އައިވީގެ ޒަރިއްޔާއިން އޭނާގެ ގަޔަށް ފޮނިލުނބޯ ޖޫސް ފޮނުވައިގެން ކަމަށް އެ މީހާގެ އާއިލާއިން ތުހުމަތުކޮށްފި އެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ޕިޔާގަރާޖްގައި ހިނގި މި ހާދިސާގައި ޑެންގީޖެހިފައިވާ ބަލި މީހާއަށް ދޭން ޖެހޭ ޕްލަސްމާގެ ބަދަލުގައި އައިވީ ގުޅައިގެން ދިނީ ފޮނިލުނބޯ ޖޫސް ކަމަށާއި އެ މީހާ މަރުވާން ދިމާވީ އެ ސަބަބާ ހެދި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

މި ހާދިސާ ދިމާވި ހޮސްޕިޓަލު މިހާރު ފުލުހުން ވަނީ ބަންދުކޮށް މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.

މި ހާދިސާއާ ގުޅޭ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. ވީޑީއޯގައި ފެންނަނީ ބްލަޑް ޓްރާންސްފިއުޝަން އަށް ލޭ ނަގާފައި އަޅާފައި ހުންނަ ޕެކެޓެއްގައި ރީނދޫ ކުލައިގެ ޖޫސް ކަހަލަ އެއްޗެއް ހުއްޓަ އެވެ.

އެ ސަރަހައްދުގެ އިނިސްޕެކްޓަރު ޖެނެރަލް ރާކޭޝް ސިންގް ވިދާޅުވީ އެ ސަރަހައްދުގައި ޑެންގީ ބަލި މީހުންނަށް ފޭކް ޕްލަސްމާ ދޭ ކަމުގެ ރިޕޯޓުތަކެއް ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

"ޕިޔާގަރާޖްގައި މީހުން ލަދުގަންނަން ޖެހޭ ފެންވަރަކަށް އިންސާނިއްޔަތުކަން ހިނގައްޖެ. އެ ސަރަހައްދުގެ ޖަލްވާ އަވަށުގައި ހުންނަ ގްލޯބަލް ހޮސްޕިޓަލުގައި ޑެންގީ ޖެހިގެން އެޑްމިޓް ކޮށްފައި އޮތް ޕްރަދީޕް ޕާންޑޭ ނަމަކަށް ކިޔާ ބަލި މީހަކަށް ޕްލެޓްލެޓްސް އެޅުމުގެ ބަދަލުގައި ފޮނިލުނބޯ ޖޫސް އެޅިކަމަށް އޭނާގެ އާއިލާއިން ބުނޭ. މިހާރު އެމީހާ މަރުވެއްޖެ. މި މައްސަލަ ބަލާދިނުން އެދެން،" ވައިރަލް ވެގެން އުޅޭ ވީޑިއޯގެ ތިރީގައި ލިޔެފައި ވެއެވެ.

މަރުވި ޕްރަދީޕްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި މިއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރީން ގުޅިގެން ކުރަމުންދާ ކަމެކެވެ. އެ ހޮސްޕިޓަލުގައި ތިބޭ ހާލު ބޮޑު ބްލަޑް ޕްލަސްމާ ބޭނުންވެފައި ތިބޭ ބަލި މީހުންގެ ގަޔަށް ފޮނިލުނބޯ ޖޫސް އަޅަނީ އެމީހުންނަށް މިކަން އެނގި ތިބެ ކަމަށް އާއިލާއިން ބުނެ އެވެ.

މި ޚަބަރު ފެތުރުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުން ވަނީ އެހެން ހޮސްޕިޓަލްތަކަށް ބަދަލުވެފަ އެވެ. އަދި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ ތިން މީހުންގެ ކޮމިޓީއެއް އެކުލަވާލައި މިކަން ހިނގައި ދިޔަ ގޮތް ތަހުގީގުކުރަން ފަށާފަ އެވެ.

ޑެޕިއުޓީ ޗީފް މިނިސްޓަރު ޕާތަކް ވިދާޅުވީ މަރުވި މީހާ ގަޔަށް އެޅިކަމަށް ބުނާ ފޮނިލުނބޯ ޖޫސް ޕެކެޓް މިހާރު ވަނީ ޓެސްޓްކުރަން ފޮނުވާފަ އެވެ. މި ކަމުގައި ހޮސްޕިޓަލު ކުށްވެރިވާކަން ސާބިތުވެއްޖެނަމަ އެ ހޮސްޕިޓަލާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ޕާތަކް ވިދާޅުވި އެވެ.

ފުލުހުން ބުނީ މިކަން ކުރި ކަމަށް ޝައްކު ކުރެވޭ ބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.