އަށް މަހުގެ ތުއްތު ކުއްޖެއްގެ ކައިރީގައި އެ ކުއްޖާގެ މަންމަ ޗާޖް ކުރަން ބާއްވާފައި އޮތް ފޯނެއް ގޮވައި، އެ ކުއްޖާ މަރުވެއްޖެ އެވެ.
އިންޑިއާގެ ބަރޭލީގައި މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި ގޮވި ފޯނަކީ މީގެ ހައެއްކަ މަސް ކުރިން ގަނެފައިވާ ބައްތި ފޯނެކެވެ.
ގޮވި ފޯނުގެ ބެޓެރީ އޮތީ ވަރަށް ބޮޑަށް ފުއްޕާފައި ކަމަށާއި ފޯނު ޗާޖްކުރަން ޖަހާފައިވަނީ ސޯލާ ޕެނަލް އަކަށް ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައިވާ މި ހަބަރުގައި މި ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގިއިރު ކުސުމް ކަޝޭޕް ނަމަކަށް ކިޔާ މި އަންހެން މީހާ ކޮޓަރިއަކު ނެތެވެ. ކޮޓަރީގައި އޮތީ އޭނާގެ ތުއްތު ދަރިފުޅު ނެހާ އެކަންޏެވެ.
ކުސުމް ކޮޓަރިއަށް ދުވެފައި ދިޔައީ ކޮޓަރި ތެރޭން ބާރު އަޑުފައްގަނޑެއް އިވިގެންނެވެ. ދިޔައިރު އޭނާގެ ތުއްތު ދަރިފުޅުގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކުއްޖާ މަރުވީ އެވެ.
އެ ހިސާބުގެ ފުލުހުން ބުނި ގޮތުގައި މިއީ ކުއްޖާގެ މައިންބަފައިންގެ ފަރުވާކުޑަކަމުން ދިމާވި ކަމެކެވެ. ނަމަވެސް ކުއްޖާގެ މައިންބަފައިންނާ ދެކޮޅަށް މިހާތަނަށް އެއްވެސް މީހަކު ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ކުއްޖާގެ ބައްޕަ، 30 އަހަރުގެ ސުނިލް ކުމާރު ކަޝޭޕް އަކީ ދުވަހު މަސައްކަތުން އާމްދަނީ ހޯދާ މީހެކެވެ. ޕަޗޯމީ އަވަށުގައި ސުނިލް އާއި އޭނާގެ އަންހެނުން އަދި ދެ ދަރިން އުޅެމުން ދަނީ އިމާރާތް ކުރަން ފަށާފައި ހުރި ތަނެއްގަ އެވެ. މި ތަނުގައި ކަރަންޓެއް ވެސް ނުހުރެ އެވެ.
މި އާއިލާއިން ބޮކި ދިއްލުމަށާއި ފޯނު ޗާޖްކުރުމަށް ބޭނުންކުރަނީ ސޯލާ ޕްލޭޓެކެވެ.
މި ހާދިސާ ހިނގި ދުވަހު ވެސް ސުނިލް ހުރީ މަސައްކަތު ގޮހެވެ. ގޭގައި ތިބީ ކުސުމް އާއި އެމީހުންގެ ދެ އަންހެން ދަރިންނެވެ.
ފޯނު ކުއްލިއަކަށް ގޮވީ ކުސުމް އޭނާގެ ދެ ދަރިން ރޯނުފުރި ދެ އެނދުގައި ނިންދަވާފައި ތިއްބަ އެވެ. ފޯނު ޗާޖްކުރަން ބާއްވާފައި އޮތީ ކުޑަ ދަރިފުޅު ނެހާ އޮތް އެނދު މަތީގަ އެވެ.
"އަހަރެން ހުރީ ބޭރުގައި އަވަށްޓެރިއަކާ ވާހަކަ ދައްކަން. ކުއްލިއަކަށް އަހަރެންގެ ދޮށީ ދަރިފުޅު ނަންދިނީ ހަޅޭއްލަވާ އަޑަށް ދުވެފައި އަހަރެން އެތެރެއަށް ދިޔައީ. އޭރު ފޯނު ގޮވުމުގެ ސަބަބުން ނެހާ އޮތް ރޯނުފުރި އެނދުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައި. ނެހާ އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ.
ފުލުހުން ބުނީ އެއްވެސް މީހެއްގެ އިހުމާލުން ދިމާވި ކަމެއް ކަމަށް އާއިލާއިން ގަބޫލު ނުކުރާތީ މައްސަލަ ބަލަން ހަމަޖެހިފައި ނުވާ ކަމަށެވެ.