ލައިފްސްޓައިލް

ދުނިޔޭގެ "އެންމެ ދޮށީ މަންމަ" މިހާރު ކޮބާ؟

މަންމައަކަށް ވާން ވަކި އުމުރެއް ނޯންނަކަން ސާބިތުކޮށްދިނީ އިންޑިއާގެ އޯމްކާރީ ސިންގް އެވެ. އޭނާ 2008 ގައި އެއްމާބަނޑު ދެބެން ވިހޭއިރު އުމުރަކީ 70 އަހަރެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ދުވަސްވީ މަންމަގެ ރެކޯޑް އޮތީ މި އަންހެން މީހާ އަށެވެ.

އޯމްކާރީ 70 އަހަރުގައި އެއްމާބަނޑު ދެބެން ވިހޭއިރު ވެސް އޭނާގެ ދެ އަންހެން ދަރިންނާއި ފަސް މާމަ ދަރިން ތިއްބެވެ. ނަމަވެސް އޭނާ އާއި ފިރިމީހާ ވެސް ފިރިހެން ދަރިއަކު ބޭނުންވީ އެވެ. އެމީހުންގެ މުދާ ވާރުތަ ވާނެ ވާރުތަވެރިއެއް ބޭނުންވާތީ އެވެ.

އެހެންވެ ފިރިހެން ދަރިއަކު ހޯދުމަށް އެމީހުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށް ބޮޑެތި ގުރުބާނީތަކެއް ވިއެވެ. ވަރަށް އަގުބޮޑު އައިވީއެފް ފަރުވާތައް ހޯދި އެވެ.

އޯމްކާރީގެ ފިރިމީހާއަކީ ރިޓަޔާ ކޮށްފައިވާ ދަނޑުވެރިއެކެވެ. އޭނާގެ އަތުގައި އޮތް ބިމެއް ރަހުނުކޮށް އަދި ގެރިތައް ވިއްކައިގެން ފައިސާ އެއްކޮށް 350،000 އިންޑިއާ ރުޕީސް މިކަމަށް ޚަރަދު ކުރި އެވެ.

އެންމެ ފަހުން ދެ މީހުންގެ މަސައްކަތް ކާމިޔާބުވެ 70 އަހަރުގައި އޯމްކާރީ ބަލިވެ އިނެވެ.

"ދުވަސްވީ އަންހެންމީހާ ބަލިވެ އިން ވާހަކަ ބުނުމުން އަހަރެންނަށް ލިބުނީ ޝޮކެއް،" އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނިޝާ މަލިކު ބުންޏެވެ.

ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށް އޯމްކާޜީއަށް ވިހާކަށް ފަސޭހައެއް ނުވި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ބަނޑުގައި ރިހި ލޭ ފައިބާތާ އެތައް އިރެއް ފަހުންނެވެ. އަދި އޭރު އަންހެން މީހާ އޮތީ ޚަބަރު ހުސްވެފަ އެވެ.

ލޭ އަޅައިގެން ސާޖަރީ ހަދައިގެން އޯމްކާރީ އާއި އޭނާގެ ދަރިންގެ ފުރާނަ ސަލާމަތްވި އެވެ.

އޯމްކާރީ ވިހެއީ ބަނޑަށް އަށް މަހުގައި ދުވަސް ނުފުރަ އެވެ. ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ހުރީ އެންމެ ދެ ޕައުންޑެވެ.

އޯމްކާރީ އަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މީގެ ތެރެއިން އަންހެން ކުއްޖާ ވަނީ އުމުރުން ހަތަރު އަހަރުގައި މަރުވެފަ އެވެ. ނުބައި ޕްރިސްކްރިޕްޝަނެއްގެ ބޭހެއް ދެވިގެންނެވެ.

ނަސީބަކުން އެމީހުން ބޭނުންވި ގޮތަށް ފިރިހެން ދަރިފުޅު ދުނިޔޭގައި ހުރެ ބޮޑުވަމުން ދިޔަ އެވެ. އަދި އެކަމާ އެމީހުން ތިބީ ވަރަށް އުފަލުންނެވެ. އެމީހުން އެ ދަރިފުޅަށް ކީ އާކާޝްވާނީ އެވެ.

އޯމްކާރީ ބުނި ގޮތުގައި ފިރިހެން ދަރިއަކު ހޯދުމުގެ ވިސްނުން އޭނާ އަބަދުވެސް ގެންގުޅުނެވެ. އޭނާ ފުރިހަމަ މަންމައަކަށް ވާނީ ފިރިހެން ދަރިއަކު ލިބުނީމަ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"ފިރިހެން ދަރިއަކާ ނުލައި އަހަރެންނަށް އެއްވެސް ދިރިއުޅުމެއް ނެތް. ފިރިހެން ދަރިއަކު ނެތްނަމަ އަހަރެމެންގެ މި ގޭގެ ވާރުތަވެރިއަކުވެސް ނުހުންނާނެނު،" އޯމްކާރީ ބުންޏެވެ.

ނަމަވެސް އުމުރުން އެހާ ދުވަސް ވުމުން ފިރިހެން ދަރިއަކު ލިބުން ވެގެން ދިޔައީ އޯމްކާރީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. ފިރިހެން ކުއްޖާ ބެލެހެއްޓުމަށް އޯމްކާރީ ނުކުޅެދިފައިވާތީ އެވެ. އެ ކުއްޖާގެ ގައިގައި ހަކަތަ ހުއްޓަސް އޯމްކާރީގެ ގައިގައި ހަކަތައެއް ނެތެވެ. ވީމާ ދަރިފުޅު ފަހަތުން ދުވެ އުޅުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށްވި އެވެ.

"އަހަރެންނަށް އޭނާ ރަނގަޅަކަށް ފެނެއް ނުވެރުވޭ. ހެދުން ލައްވަން ވެސް އެހާ އުނދަގޫ. އަދި ކާން ދޭން ވެސް ޖެހެނީ ފަހަތުން ދުވެގެން،" އޯމްކާރީ ބުންޏެވެ.

މިހާރު އޯމްކާރީގެ އޮތީ އެންމެ ހުވަފެނެކެވެ. އޭނާގެ މި ފިރިހެން ދަރިފުޅު ބޮޑުވެގެން ކައިވެނި ކުރާ ދުވަސް ދެކިލުމެވެ.

"ދަރިފުޅު ވީހާވެސް އަވަހަށް ކައިވެނި ކުރުވުމަކީ އަހަރެންގެ އުންމީދެއް،" އޯމްކާރީ ބުންޏެވެ.