ލައިފްސްޓައިލް

މަންމަގެ ކުރިމަތީ ދެ ދަރިން މަރާލީ ލޯބިން ގެންގުޅުނު ކުއްތާ

އަންހެނަކު ލޯބިން އޮޅުކޮށްގެން ގެންގުޅުނު ކުއްތާއެއް އޭނާގެ ފަސް މަހުގެ ފިރިހެން ދަރިފުޅާއި ދެ އަހަރުގެ އަންހެން ދަރިފުޅު މަރާލައިފި އެވެ.

ކުއްތާގެ ކިބައިން މި ކުދިން ސަލާމަތްކުރަން އަންހެން މީހާ 10 ވަރަކަށް މިނިޓް ވަރަށް ހިތްވަރު ކުރި އެވެ. ނަމަވެސް އެ މަސައްކަތުގައި އަންހެން މީހާ ވެސް ވަރަށް ބޮޑަށް ޒަޚަމްވެ މިހާރު ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހު އެމެރިކާގެ މިލިންޓަންގައި ހިނގި މި ހާދިސާގައި، ކްރިސްޓީ ޖޭން ބެނާޑް، 30، ގެންގުޅުނު ކުއްތާ އޭނާގެ ދަރިންނަށް ވަރަށް އަނިޔާވެރިކަމާއެކު ހަމަލަ ދޭން ފެށީ ހަމަ ކުއްލި އަކަށެވެ.

ކްރިސްޓީގެ ފިރިމީހާގެ ބޮޑުބޭބެ ޖެފް ގިބްސަން ބުނި ގޮތުގައި ކުއްތާގެ ކިބައިން ދަރިން ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރޭގައި ކްރިސްޓީގެ ގައިގައި ގުނާ އަދަދު ނުކުރެވޭ ވަރަށް ކުއްތާ ދަތްއަޅާފައި ހުރި ކަމަށެވެ. އަދި ޒަޚަމްތައް ފުންކަމުން ވަރަށް ގިނަ ތަންތަން ފަހައި މުޅި މީހާ މިހާރު އޮތީ ބޭންޑޭޖް ކޮށްފައި ކަމަށެވެ.

ގިބްސަން ބުނި ގޮތުގައި ކްރިސްޓީގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތައް ކޮންމެވެސް ދުވަހަކުން ރަނގަޅުވިޔަސް އޭނާގެ ހިތަށް ލިބިފައިވާ އަނިޔާތައް މުޅި އުމުރަށް ވެސް ފަސޭހަ ނުވާނެ ކަމަށެވެ.

ކްރިސްޓީ އަކީ ރެސްޕިރޭޓަރީ ތެރަޕިސްޓެކެވެ. އޭނާގެ އާއިލީ އެކުވެރިއަކު ބުނި ގޮތުގައި ކްރިސްޓީ އަކީ ހަމަ ހީރޯ އެކެވެ. ދަރިން ސަލާމަތްކުރަން އޭނާ ކޮށްފައިވަނީ ވަރަށް ހިތްވަރުގަދަ މަސައްކަތެކެވެ.

ކުއްތާގެ ހަމަލައިގެ ސަބަބުން ކުޑަ ދެ ކުދިން ވަގުތުން ވަނީ މަރުވެފަ އެވެ. މި ދެބެންނަކީ އެކުދިންގެ މައިންބަފައިންގެ ތިބި ހަމައެކަނި ދެ ދަރިންނެވެ.

ކްރިސްޓީ އާއި އޭނާގެ ފިރިމީހާ މި ކުއްތާ ގެންގުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންކަމުން ކުއްލިއަކަށް މި ކުއްތާ އެހާ ބޮޑަށް ރުޅިއައިސް ހަމަލާ ދޭން ފެށި ސަބަބެއް އެއްވެސް މީހަކަށް ބުނާކަށް ނޭނގެ އެވެ.

ކުއްތާ ހަމަލަ ދޭން ފެށި ވަގުތު ގޭގައި ތިބީ ކްރިސްޓީ އާއި އޭނާގެ ދެ ދަރިން އެކަންޏެވެ.

މެލިންޓަންގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ކުއްތާ ގެންގޮސްފަ އެވެ. މިސޮރު މަރާލާނީ ކަމެއް ނުވަތަ އެއަށް ހަދާނެ ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ވެއެވެ.