ލައިފްސްޓައިލް

ދުވަސްނުފުރާ ވިހޭ ކުއްޖެއް މަރުވުމުން އޮޅިގެން އެއްލާލައިފި

އެމެރިކާގެ ހޮސްޕިޓަލެއްގައި ދުވަސްނުފުރާ ވިހޭ ތުއްތު ކުއްޖެއް މަރުވުމުން ހޮސްޕިޓަލުގެ ސްޓާފުންނަށް އޮޅިގެން އެ ކުއްޖާ ކުނި އެއްޗަށް ލެވުނީ ކަމަށް ބެލެވިއްޖެ އެވެ.

ޔަގީންވާ ކަމަކީ ކުއްޖާގެ މައިންބަފައިން އެ ކުއްޖާގެ ޖަނާޒާ ބާއްވަން ވެގެން ކުއްޖާގެ މަރުވެފައިވާ މަސްގަނޑު ހަވާލުކުރަން އެދުމުން ހޮސްޕިޓަލަށް އެކަން ކޮށްދެވިފައި ނުވާ ކަމެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ ކުއްޖާ އޮތީ ހުދު ފޮތިގަނޑަކަށް ލައި އޮޅާލާފައި ކަމަށް ވާތީ ސްޓާފަކަށް އޮޅިގެން އެއީ ހަޑިވެފައިވާ ފޮތިގަނޑެއް ކަމަށް ހިތާ އެފަދަ ފޮތިތައް އަޅާ ކުނިއަޅާ ވަށިގަނޑަކަށް އެ ކުއްޖާ ލެވުނީ ކަމަށެވެ. ސަބަބަކީ ހޮސްޕިޓަލުގެ އެއްވެސް ތަނަކުން އެ ކުއްޖާގެ މަރުވެފައިވާ މަސްގަނޑު ނުފެނުނީމަ އެވެ.

ބޮސްޓަންގެ ހޮސްޕިޓަލެއްގައި އެވާލީ ވިކްޓޯރިއާ މެކްކާތީ އުފަންވީ ދުވަސް ފުރެން ތިން މަސް ދުވަސް އޮއްވަ އެވެ. އޭރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ ދެ ޕައުންޑެވެ. ޖުލައި 25، 2020ގައި އެވާލީ އުފަންވުމާއެކު އޭނާގެ ސިކުނޑިން ވަރަށް ގިނައިން ލޭ އަންނަން ފެށި އެވެ. ނަމަވެސް އެވާލީގެ މައިންބަފައިން ކަމަށްވާ އަލާނާ ރޮސް އާއި ޑެނިއަލް މެކްކާތީ އުންމީދުކޮށްގެން ތިބީ އެމީހުންގެ ދަރިފުޅު މުޅިން ރަނގަޅުވެގެން ގެއަށް ގެންދެވޭނެ ދުވަހެއް ފެންނާނެ ކަމަށެވެ.

ތުއްތު ދަރިފުޅު މަރާ ހަނގުރާމަކުރަމުން ދިޔައިރު އެ ދެމަފިރިން އެ ދަރިފުޅުގެ ކުޑަކުޑަ އަތުގައި ހިފާލައިގެން ތިބެ އޭނާއަށް ލަވަ އާއި ވާހަކަ ކިޔައިދީ އޭނާ ދެކެ ލޯބިވާ މިންވަރު ހާމަކޮށްދިނުމުގައި ދެމިތިއްބެވެ. ނަމަވެސް އެވާލީ އުފަންވިތާ ދެ ހަފުތާ ފަހުން އެ އަހަރުގެ އޮގަސްޓް ހަވަނަ ދުވަހު ޑޮކްޓަރުން އެވާލީގެ މައިންބަފައިންނަށް ވަރަށް ހިތާމަވެރި ޚަބަރެއް ދިނެވެ. އެވާލީގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށާއި ވެންޓިލޭޓަރު ނިއްވާލަނީ ކަމަށެވެ.

ވެންޓިލޭޓަރު ނިއްވާލުމުން އެވާލީގެ ހިތުގެ ހިނގުން ފަޑުވަމުން ގޮސް މުޅިން ހުއްޓުނުތަން އޭނާގެ މައިންބަފައިން ބަލަން ތިބީ ކަރުނައިން ފޯވެފައިވާ ދެ ލޮލުންނެވެ.

އެއަށްފަހު ނަރުހުން އެވާލީގެ ތުއްތު ހަށިގަނޑު ފެންވަރުވާ ރީތިކޮށް ހުދުކުލައިގެ ރީތި ހެދުމަކުން ޒީނަތްތެރި ކުރި އެވެ. އެވާލީގެ މައިންބަފައިން ދެން މަސައްކަތްފެށީ ހޮސްޕިޓަލުން ދަރިފުޅުގެ މަސްގަނޑު ފިއުނެރަލް ހޯމްއާ ހަވާލު ކުރަންވާއިރަށް ޖަނާޒާ ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

އެވާލީ މަރުވިތާ ހަތަރު ދުވަސްފަހުން އޭނާގެ ޖަނާޒާ ބޭއްވުމަށް ހަށިގަނޑު ބަލާ ފިއުނެރަލް ހޯމުގެ ސްޓާފުން ހޮސްޕިޓަލަށް ދިޔަ އެވެ. ނަމަވެސް އޭރު އެވާލީގެ ހަށިގަނޑު ވީ ގެއްލިފަ އެވެ.

ހޮސްޕިޓަލުގެ މުވައްޒަފުންނަކަށް އެވާލީގެ ހަށިގަނޑު ވީތަނެއް ނޭނގުނެވެ. އެމީހުންނަށް ލަފާކުރެވެނީ ހަޑިވެފައިވާ ފޮތިތަކާއެކު އެވާލީގެ ހަށިގަނޑު ލާފައި އޮތް ފޮތިގަނޑު ވެސް އެފަދަ ފޮތިތަކަށް ހަދާ ގޮތަށް ހަދައި ނައްތާލެވުނީ ކަމަށެވެ.

ފިއުނެރަލް ހޯމުން އެވާލީގެ މައިންބަފައިންނަށް މި ޚަބަރު ދިނުމުން އެމީހުންނަށް ހިތާމައިގެ މައްޗަށް އިތުރު ހިތާމަ ލިބުނެވެ. އެމީހުންގެ ތުއްތު ދަރިފުޅުގެ މަސްގަނޑު ކޮބައިތޯ އެމީހުން ހޮސްޕިޓަލުގެ މުވައްޒަފުންނާ ސުވާލުކުރަން ފެށީ އެވެ. ނަމަވެސް އެއްވެސް މީހަކަށް އެ ތުއްތު ހަށިގަނޑު ވީތަނެއް ނޭނގެ އެވެ.

މިހާރު މި ދެމަފިރިން ވަނީ އެ ހޮސްޕިޓަލާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެއީ ކޮންމެހެން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދަން އެމީހުން ކުރާ ކަމެއް ނޫންކަމަށް އެވާލީގެ މައިންބަފައިން ބުނެފައި ވެއެވެ. އެމީހުން ކޯޓަށް ދިޔައީ މިފަދަ ކަމެއް ކުއްޖަކަށް ދިމާނުވޭތޯ ބެލުމުގެ ގޮތުންނެވެ.

އެމެރިކާގެ ހޮސްޕިޓަލުތަކުގައި މަރުވާ ކުޑަކުދިން ގެއްލުނު މިއީ ފުރަތަމަ ފަހަރެއް ނުނެވެ. މިނެސޯޓާގައި 2017ގައި ވެސް މިކަހަލަ ކަމެއް ހިނގާފައި ވެއެވެ. އެފަހަރު ވެސް ވިހޭއިރު މަރުވެފައިވާ ތުއްތު ކުއްޖެއް ގެއްލިގެން ހޯދަމުން ދަނިކޮށް ދެ ހަފުތާ ފަހުން ފެނުނީ ހަޑިވެފައިވާ ބެޑްޝީޓްތަކެއް އަޅާފައި ހުރި ލޯންޑްރީގައި ބަހައްޓާފައި ހުރި ވަށިގަނޑެއްގެ ތެރެއިންނެވެ. އޭގެ ކުރިން 2009ގައި އުފަންވީ ކުއްޖެއް ވެސް ވިހޭތާ 20 މިނިޓް ތެރޭ މަރުވުމުން ހޮސްޕިޓަލް ސްޓާފުންނަށް އޮޅިގެން ކުނި އެއްޗަށް އެއްލާލާފައިވެ އެވެ.