ބްރެޒިލްގެ 29 އަހަރުގެ އަންހެނެއްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ އެ ފޮޓޯތައް ބެލި މީހުންނަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.
މި އަންހެން މީހާއަށް ޖެހިފައިވަނީ ދުނިޔޭން ވަރަށް މަދުން ނޫނީ ފެނިފައި ނުވާ ބައްޔެކެވެ. މި ބަލީގެ ސަބަބުން އޭނާގެ ބޯ އަސްލު ހުންނަ ވަރަށް ވުރެ ތިން ގުނަ ބޮޑުވެފައި ވެއެވެ.
މި ބަލި ޖެހޭ ގިނަ ކުދިން އުމުރުން ތިން އަހަރު ނުފުރެނީސް މަރުވެ އެވެ. ނަމަވެސް މި އަންހެން މީހާ ވެފައިވަނީ މި ބަލި ޖެހި ފުރާނަ ސަލާމަތުން މިހާ ގިނަ ދުވަހު އޮތް މަދު މީހުންގެ ތެރެއިން މީހަކަށެވެ.
ގްރޭޒީލީ އެލްވިސް ރެގިސް އަށް އެނދުން ނުތެދުވެވޭތާ އަދި ވާހަކަ ނުދެއްކޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ދާދިފަހުން އޭނާގެ ދެލޮލުގެ ފެނުން ވެސް ވަނީ ގެއްލިފަ އެވެ. ލޮލުގެ ފެނުން ގެއްލުނީ އޭނާގެ ބޯ އަދިވެސް އިތުރަށް ބޮޑުވަމުން ދިއުމުގެ ސަބަބުން ލޮލަށް ކުރި ނޭދެވޭ އަސަރުތަކެއްގެ ސަބަބުންނެވެ.
ގްރޭޒީލީގެ ބައްޔަކީ ހައިޑްރޯސެފަލަސް އެވެ. މި ބަލި ފެށިފައިވަނީ އޭނާ އުފަންވުމުގެ ކުރިން މަންމަގެ ބަނޑުތެރޭގައި އޮއްވަ އެވެ. މި ބަލި ހުރުމުން މަންމަގެ ބަނޑުތެރޭގައި އޮއްވާ އޭނާގެ ސިކުނޑީގައި އާދަޔާޚިލާފަށް ފެން އުފެދިފައި ވެއެވެ.
މިގޮތަށް ފެންހެދި ބޮލަށް ޕްރެޝާ ބޮޑުވެ ބޮލުގެ އެތެރޭގައިވާ ޓިޝޫތަކަށް ގެއްލުންވެ އައިބުވުމުގެ ސަބަބުން ބޮލުގެ ޝޭޕް ގެއްލެ އެވެ. މި ޕްރެޝާގެ ސަބަބުން ހިތާއި ފުއްޕާމޭގެ މަސައްކަތްކުރާ ސިކުނޑީގެ ބައިތަކަށް ގެއްލުން ވެއްޖެނަމަ ފުރާނަ ދިއުން އެކަށީގެން ވެއެވެ.
ގްރެޒީލީގެ މަންމަ އެޑަލްގިސާ ސޯރެސް އަލްވެސް، 48، އަށް އޭނާގެ ދަރިފުޅު ބެލެހެއްޓުމަކީ ބުރައަކަށް ނުވެ އެވެ. ފާއިތުވީ 29 އަހަރު އޭނާ ދަރިފުޅު ބެލުމުގައި ހޭދަކުރީ ލޯބިންނެވެ. އެއްވެސް ޝަކުވާއެއް ނެތި އެވެ. މިހާތަނާ ޖެހެންދެން ވެސް ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދީގެން ދަރިފުޅު ބަލަހައްޓަމުން ގެންދަނީ އޭނާ އެވެ. އެޑަލްގިސާގެ އެންމީދަކީ ފާއިތުވީ އަހަރުތަކުގައި އޭނާ ދެމުންދިޔަ ލޯތްބާއި އޯގާތެރިކަމުން ދަރިފުޅުގެ ބަލި މުޅިން ފަސޭހަވެ އާދައިގެ ދިރިއުޅުމަކަށް އެނބުރި އާދެވޭނެ ކަމަށެވެ.
އެޑަލްގިސާ ބުނި ގޮތުގައި ގްރެޒީލީއަށް ބަލިވެ އިނދެ އަށް މަސް ފުރުނުތަނާ އޭނާގެ ރަހިމުގައި ވަރަށް ގަދަޔަށް ރިހެން ފެށި އެވެ. އެހިސާބުން ކޮންމެވެސް ކަމެއް ގޯސްކަން އޭނާއަށް ވިސްނުނެވެ.
ހޮސްޕިޓަލަށް ގޮސް ހެދި ސްކޭންތަކުން އެޑަލްގިސާގެ ބަނޑުގައި އޮތް ދަރިފުޅުގެ ސިކުނޑީގައި ފެން ހެދިފައި ހުރިކަން އެނގުނެވެ. މިއީ އުފަންވާ ކޮންމެ 500 ކުއްޖަކުން އެއް ކުއްޖަކަށް ދިމާވުން އެކަށީގެންވާ މައްސަލަ އެކެވެ.
ޑޮކްޓަރުން ލަފާ ކުރީ އެޑަލްގިސާގެ ދަރިފުޅު ވިހެއުމަށްފަހު ތިން މަހަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނޯންނާނެ ކަމަށެވެ.
އުފަންވުމާއެކު "ޖައަންޓް ބޭބީ"އެއްގެ ލަގަބު އެޑަލްގިސާގެ ދަރިފުޅަށް ލިބުނެވެ. އެއީ ކުއްޖާއަށް ވުރެ އޭނާގެ ބޯ މާ ބޮޑުކަމުންނެވެ. ތުއްތު ގްރެޒީލީގެ ހަޔާތަށް އިތުރުވި ކޮންމެ އަހަރަކަށް އޭނާގެ ބޯ އިތުރަށް ބޮޑުވަމުން ގޮސްފައި ވެއެވެ. އެގޮތުން އޭނާއަށް 29 އަހަރު ފުރުނުއިރު ބޯ ވަނީ ތިންގުނަ އަށް ބޮޑުވެފަ އެވެ.
ޑޮކްޓަރުން އުންމީދުކުރި ގޮތާ ޚިލާފަށް އަންނަ މަހު ގްރެޒީލީ ދުނިޔޭގައި އޮވެ އަންނަ މަހު އޭނާގެ 30 ވަނަ އުފަން ދުވަސް ފާހަގަކުރެވޭނެ ކަމަށް އޭނާގެ މަންމަ އުންމީދު ކުރެ އެވެ.
ޑައިޕާ ޖަހައިގެން ބުއްފުޅި ދީގެން އަދި އުރާ އުފުލައިގެން ފާޚާނާ އަށް ވައްދައި ފެންވަރު ހަދައިގެން ދަރިފުޅު ގެންގުޅެން ޖެހުނަސް އެޑަލްގިސާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަދި އޭނާގެ ދަރިފުޅަށް "ޖަޔަންޓް ބޭބީ"އޭ ކިޔަސް އޭނާގެ މައްސަލައެއް ނެތެވެ. ނަމަވެސް އެހެން ކަހަލަ ހުތުރު ނަންތަކުން މުޚާތަބު ނުކުރަން އޭނާ އެދެ އެވެ.
"އަހަރެންނާއި އަހަރެންގެ އާއިލާގެ އެންމެން އަދި އެކުވެރިން ގްރެޒީލީ ދެކެ އިންތިހާއަށް ލޯބިވޭ. އެހެންވީމާ އަހަރެމެންނަށް އޭނާ މިގޮތަށް ގެންގުޅެން ޖެހުމަކުން މައްސަލައެއް ނެތް،" އެޑަލްގިސާ ބުންޏެވެ.
ދުވާލު ހަތަރުދަމު ގްރެޒީލީ ބެލުމުގައި ހޭދަކުރާތީ އޭނާގެ މަންމައަށް ވަޒީފާއަކަށް ނުދެވެ އެވެ. ނަމަވެސް އެކަމާ ވެސް އެނާ ޝަކުވާއެއް ނުކުރެ އެވެ. ގްރެޒީލީ އެހެން އޮވެފައި ކުޑަކޮށް ނަމަވެސް ހީލުމުން އޭނާގެ ހުރިހާ ވަރުބަލިކަމަކާއި ހިތާމައެއް ފިލައިގެން ދެއެވެ.