ލައިފްސްޓައިލް

57 އަހަރުގައި ދަރިއަކު ވިހޭ މީހާ ބުނަނީ އަދިވެސް ވަރަށް ފިޓް ކަމަށް!

އުމުރުން 57 އަހަރުގައި އިނގިރޭސި ވިލާތުގެ ބާބް ހިގިންސް ވަނީ ދަރިއަކު ވިހާފަ އެވެ. މިހާރު އުމުރުން 60 އަހަރު ފުރިފައިވާ ބާބް ދާދިފަހުން ވަނީ އޭނާގެ ދަރިފުޅު ޖެކްގެ ދެވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.

އުމުރުން 60 އަހަރު ފުރެން ކައިރިވެފައިވާ ބާބް ބުނީ ޒުވާން މަންމައިންނަށް އޮންނަ ޕްރެޝަރު އޭނާއަށް ނެތް ކަމަށެވެ. އޭނާ އުޅެނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ކަމަށެވެ.

ބާބް އޭނާގެ ވާހަކަ ކިޔައިދީފައިވަނީ "ސުޕަ މަމް؟ ސުޕަ ޖަޖްޑް" ކިޔާ ސީރީޒްއެއްގައި ބައިވެރިވެ އެވެ.

މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް އާދަޔާޚިލާފު މަންމައަކު ބައިވެރިވެ އޭނާގެ ހަޔާތުގެ ވާހަކަތައް ހިއްސާ ކުރެ އެވެ.

ބާބް ބުނި ގޮތުގައި މިހާ އުމުރުން ދުވަސް ވުމުންވެސް ދަރިއަކުން ހޯދަމުން އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. މިހާރު ވެސް އޭނާ ވަރަށް ފިޓް ކަމަށާއި ދަރިފުޅުގެ ދެވަނަ އުފަން ދުވަސް ދާދިފަހުން ފާހަގަކުރި ކަމަށެވެ. އަދި ފާއިތުވީ ދެ އަހަރު އޭނާ ދަރިފުޅަށް ގާތުން ކިރު ދިން ކަމަށްވެސް އަންހެން މީހާ ބުންޏެވެ.

އޭނާގެ އިލްތިމާސަކީ 50 އަހަރު ފުރުނަސް ދަރިން ހޯދަން ބޭނުން މީހުން އެކަމަށް ފަސް ނުޖެހި ދަރިން ހޯދުމެވެ.

"މަންމައަކަށް ވާން އޮންނަ ޕްރެޝަރު 20ގެ އަހަރުތަކުގައާއި 30ގެ އަހަރުތަކުގައި ވަރަށް ބޮޑުވާނެ. އަދި 40 އަހަރުން މަތިވީމަ އެ ޕްރެޝަރު ދަށްވާނެ. ނަމަވެސް މީހުން ކިޔާނެ އެއްޗަކަށް ނުބަލައި އަމިއްލައަށް މިކަހަލަ ކަންކަން ނިންމަން ޖެހޭނީ. އަހަރެން މިހިރީ މިހާރު ރިޓަޔަމަންޓް އުމުރުގައި. އެހެންވެ މަންމައިންގެ ކެޓަގަރީއަށް އަހަރެން ފިޓްވޭތޯ ނުވަތަ ނުވޭތޯ ބަލާކަށް އަހަރެން ބޭނުމެއް ނޫން،" ބާބް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އުމުރުން މިހާ ދުވަސް ވުމުން ދަރިއަކު ހޯދަން މަސައްކަތް ފެށުމުން އެއްވެސް މީހަކު އޭނާއާ ދިމާލަށް އެއްޗިއްސެއް ނުކިޔަ އެވެ. އޭގެ ބަދަލުގައި އެމީހަކަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދިނެވެ.

ބާބް އަލުން ދަރިއަކު ހޯދަން ގަސްތުކުރީ އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު މޮލީ ކުއްލިއަކަށް މަރުވުމުންނެވެ. ބްރެއިން ޓިއުމާއެއްގެ ސަބަބުން މޮލީގެ ކުއްލި މަރުން ބާބްގެ ހަޔާތަށް ވަރަށް ބޮޑު ފަޅުކަމެއް އައެވެ.

"އަހަރެމެންނަށް އޭނާ (މޮލީ) ގެއްލުނީ 2016ގެ މޭ މަހު. އޭގެ ފަސް އަހަރު ފަހުން އަހަންނަށް ޖެކް ލިބިފައި މިވަނީ،" ބާބް ބުންޏެވެ.

ބާބް އާއި ފިރިމީހާ ކެނީ އާއިލާއެއް ފެށީ 2001 ގައެވެ. އޭރު ބާބް އަށް 38 އަހަރެވެ. ފިރިމީހާއަށް 46 އަހަރެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ގްރޭސީ އަށް މިހާރު 21 އަހަރެވެ.

ގްރޭސީ އާއި މޮލީ އެއް ކުއްޖެއް އަނެއް ކުއްޖަކު ދެކެ ވަރަށް ލޯބިވި އެވެ. ދެބެންނަށް ވަކިން އުޅެން ދަތިވާ މިންވަރަށް ދެބެންގެ ގާތްކަން އޮތެވެ. ޑާންސް ކުރުމާއި ތިއޭޓާއަށް ދިއުން ފަދަ ކަންކަން ދެބެން ކުރަމުން ދިޔައީ އެކުގަ އެވެ. ނަމަވެސް ކުއްލިއަކަށް މޮލީ މަރުވުމުން އެމީހުންގެ ދުނިޔެ ފުނޑުފުނޑުވެގެން ދިޔަ އެވެ. ހަޔާތް އެފުށް މިފުށަށް ޖެހުނެވެ.

"އެއްދުވަހު މޮލީ ހެނދުނު ހޭލާފައި ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތީ އުޅެން ފެށި. އަހަރެމެން އޭނާ ވަގުތުން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ގެންދިޔައިން. މޮލީ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ 16 ގަޑިއިރު ތެރޭގައި. އެމީހުން އޭނާއަށް ބޭސްދީގެން ނިންދަވައި ވޭން އިހްސާސްނުވާ ގޮތް ހަދައިދިން. އެހެން އޮވެ އޭނާ މަރުވީ. އެކަމަކު އޭނާ ނެތިދިއުމަކީ އަހަރެމެންނަށް ކެތް ކުރެވޭވަރުގެ ހިތާމައެއް ނޫން،" ބާބް ބުންޏެވެ.

ބާބް ބުނި ގޮތުގައި މޮލީ މަރުވިތާ މަހެއްހާ ދުވަސް ފަހުން އޭނާއަށް ދަރިއަކު ވިހައިގެން އުޅޭތަން ހުވަފެނުން ފެންނަން ފެށި އެވެ. އޭރު އޭނާއަށް 53 އަހަރެވެ. އެ ހުވަފެން ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން އޭނާއަށް ފެނުނެވެ. ދަރިއަކު ހޯދުމުގެ ޚިޔާލު އޭނާއަށް އައީ ފެންނަމުންދިޔަ ހުވަފެންތަކުގެ ސަބަބުންނެވެ.

"އަހަރެން ފިރިމީހާ ކައިރީވެސް އަދި އެހެން މީހެއް ކައިރީވެސް މި ވާހަކައެއް ނުބުނަން. އަހަރެން ހޯދީ 50 އަހަރުން މަތީގެ އަންހެނުންގެ އައިވީއެފް ހަދާދޭ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް. ޑޮކްޓަރު ކައިރީގައި އަހަރެން ބޭނުންވާ ގޮތް ބުނިން. އަހަންނަކީ އަބަދުވެސް ކަސްރަތުކޮށް، ކުޅިވަރުތައް ކުޅެ ވަރަށް އެކްޓީވްކޮށް އުޅޭ މީހެއް. ޚާއްސަކޮށް ދުވުމަކީ އަހަރެން އަބަދުވެސް ކުރާ ކަމެއް. އަހަރެންގެ ޓެސްޓްތައް ހަދާފައި ޑޮކްޓަރު ބުނި އަހަރެންގެ ހަށިގަނޑު މުޅިން ފިޓޭ ދަރިއަކު ހޯދަން،" ބާބް ކިޔައިދިނެވެ.

ނަމަވެސް މޮލީގެ ވަކިވުމުގެ ހިތާމައިން އޭރު އަދި އަރައިނުގަނެވޭތީ އެ ދަނޑިވަޅުގައި އަވަސް އަރުވާލައިގެން ކުއްޖަކު ހޯދާކަށް ބާބް ބޭނުމެއް ނުވި އެވެ. ނަމަވެސް ދަރިއަކު ވިހާތަން ފެންނަ ހުވަފެންތައް ބާބް އަށް އަބަދު ފެންނަމުންދާތީ އޭނާއަށް އެކަމާ އުނދަގޫ ވަމުން ދިޔަ އެވެ. އަދި އެ ހުވަފެންތައް ނުފެނޭތޯ އޭނާ އަބަދާ އަބަދު ހިތާ ހިތުން އެދެމުން ދިޔަ އެވެ. އެހެން އުޅެނިކޮށް އެފަދަ ހުވަފެންތައް ފެނުން މުޅިން ހުއްޓުނެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން 2018ގައި ހޫނު މޫސުމުގައި އަނެއްކާވެސް ހަމަ އެ ހުވަފެން ބާބް އަށް ފެންނަން ފެށި އެވެ.

"އެފަހަރު އަހަރެން ފިރިމީހާ ކައިރީގައިވެސް މި ހުވަފެނުގެ ވާހަކަތައް ބުނިން. އަދި އަހަރެން ޓެސްޓްތައް ހަދާފައިވާ ވާހަކަވެސް ބުނިން. ފިރިމީހާ ހުރީ އިތުރު ކުއްޖެއް ހޯދަން ބޭނުންވެފައި. އޭނާ ބުނި ހިނގާށޭ ތި ކަންތަކައިގެން ކުރިޔަށް ދަމާ،" ބާބް ބުންޏެވެ.

ނަމަވެސް އައިވީއެފް ހެދުމުގެ މަރުހަލާގައި ވަރަށް ގިނަ އިތުރު ސިއްހީ މައްސަލަތައް ބާބް އަށް ކުރިމަތިވި އެވެ. ނަމަވެސް ވަރަށް ކާމިޔާބުކަމާއެކު ބަލިވެ އިނދެ ބާބް ވަނީ އޭނާގެ ފިރިހެން ދަރިފުޅު ޖެކް ވިހާފަ އެވެ.

"ޖެކް ގްރެޖުއޭޓްވާއިރު އަހަރެންނަށް ހުންނާނީ 75 އަހަރުވެފައި. ކެނީ އަށް 83 އަހަރު ވާނެ އޭރަށް. އަހަރެމެން އޭރު ވަރަށް މުސްކުޅިވާނެ. އެކަމަކުވެސް މައްސަލައެއް ނެތް. އަހަރެމެންގެ އާއިލާގެ މީހުންގެ ތެރެއިން ގިނަ މީހުން ވަރަށް އުމުރުދިގު. މަގޭ ކާފަ ވެސް 90 އަހަރު ވަންދެން ދުނިޔޭގައި ހުރި،" ބާބް ބުންޏެވެ.

ޖެކް ކަހަލަ ކުޑަ ފިރިހެން ކުއްޖެއް ގޮވައިގެން އުޅުމަކީ ބާބް އަށް އެހާ ފަސޭހަކަމެއް ނޫނެވެ. އިރު އޮއްސޭއިރު އޭނާ ހުންނަނީ ވަރުބަލިވެގެން ވެއްޓޭވަރު ވެފަ އެވެ. ނަމަވެސް ޖެކްއާ އެކު މި ހޭދަކުރާ ދުވަސްތަކަކީ އޭނާގެ ހަޔާތުގެ އެންމެ ހިތްހަމަޖެހޭ، އުފާވެރި ދުވަސްތައް ކަމަށް ބާބް ބުންޏެވެ.