ލައިފްސްޓައިލް

ތިން ދަރިން ދުނިޔެ ދޫކުރި މަންޒަރު ދުށް މަންމައެއްގެ ހިތްދަތި ވާހަކަ

ތިން ދަރިންނަށް ކެންސަރުޖެހި އެ ބައްޔާ ހަނގުރާމަ ކުރަމުންގޮސް ދުނިޔެ ދޫކުރި ތަން ފެނިފައިވާ މި މަންމައަކީ ވަރަށް ހިތްވަރުގަދަ އަންހެނެކެވެ.

އޮސްޓްރޭލިޔާގެ ސިޑްނީގެ ރަށް ބޭރުގައިވާ ގްރީންއެކްރޭގައި ދިރިއުޅޭ މުސްލިމް އާއިލާއެއްގައި މިހާރު ތިބީ ދެމަފިރިންނާއި ދެ ދަރިންނެވެ. އެ މީހުންގެ ތިން ދަރިން ކެންސަރު ބަލީގައި ވަނީ މިދުނިޔެ ދޫކޮށްފަ އެވެ.

މި އާއިލާގެ އަންހެންމީހާ، ގިއުވަން އަރްޖާ، 41، އޭނާގެ ދަރިންގެ ތެރެއިން އެންމެ ފަހުން ކެންސަރު ޖެހުނު ދަރިފުޅު އުމަރު ގޮވައިގެން ފަރުވާއަށް އެތައް ދުވަހަކު ހޮސްޕިޓަލުގައި މަޑުކުރި އެވެ. އަދި ފަރުވާއަށް ފަހު ގެއަށްދާ ވަގުތު ޖެހުމުން އުމަރު އުފަލުން ފޮޅުނެވެ. އޭނާ ހީކުރީ ކެންސަރު މުޅިން ރަނގަޅުވެގެން ގެއަށް ދަނީ ކަމަށެވެ.

ނަމަވެސް 10 އަހަރުގެ އުމަރު ގެއަށް ފޮނުވާލަނީ ޑޮކްޓަރުންނަށް އޭނާ ރަނގަޅުވާނެކަމުގެ އުންމީދު ކަނޑާލާފައި ކަމެއް އުމަރަކަށް ނޭނގެ އެވެ. އަދި އުމަރު އުފަލުން ހުރި ވަރުން އެ ވާހަކަ ބުނަން އޭނާގެ މަންމައަށް ނުކެރުނީ އެވެ.

އަރްޖާ ބުނި ގޮތުގައި ދަރިފުޅު ކައިރީގައި ދޮގު ހަދަން އޭނާއަށް މަޖްބޫރުވީ ދަރިފުޅުގެ ހަޔާތުގެ ބާކީ އޮތް މަދު ހަފުތާ ވޭނާއި ހިތާމައާއި ބިރުވެރިކަމަށް ވައްޓާލަން ބޭނުން ނުވާތީ އެވެ.

ނޮން-ހޮޖްކިން ލިމްފޯމާ އަށް އުމަރު ވަނީ ހައެއްކަ މަސް ދުވަހު ވަރަށް ބާރުގަދަ ކީމޯތެރަޕީގެ ފަރުވާ ހޯދައި 18 ސާޖަރީ ހަދާފަ އެވެ. އެވަރުން ވެސް ޑޮކްޓަރުންނަށް އޭނާގެ ކެންސަރު މައިތިރި ކުރެވޭނެ ގޮތެއް ނެތި އުންމީދު ކަނޑާލީ އެވެ.

މި ބާވަތުގެ ކެންސަރު ހަމަލަދެނީ ލިމްފް ނޯޑްސް ތަކަށެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބައެކެވެ.

ޓިކްޓޮކް ވީޑީއޯއެއްގައި އަރްޖާ ކިޔައިދީފައިވާ ގޮތުގައި ދަރިފުޅަށް ދޮގު ހަދަން ޖެހުނު ދުވަހަކީ އޭނާގެ ހަޔާތުގެ އެންމެ ހިތްދަތިވީ ދުވަހެވެ.

"ކިހިނެއް އެއްވެސް މީހަކަށް އެމީހެއްގެ އަމިއްލަ ދަރިފުޅު ކައިރީގައި ގެއަށް ތިދަނީ ހަޔާތުގެ އެންމެ ފަހު ދުވަސްތައް އާއިލާ އާއެކު ހޭދަކުރާށޭ ބުނަން ކެރޭނީ،" އަރްޖާ ބުންޏެވެ.

އަރްޖާ ޝެއާ ކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަނީ އުމަރު ހޮސްޕިޓަލުން ޑިސްޗާޖްކުރުމުން ފުރޮޅުލީގޮނޑީގައި ގެއަށް ދަމުން އޭނާ ޑިސްޗާޖްކުރިކަން އަންގައިދޭ ރަނގަބީލު ޖަހާ ތަނެވެ.

ފުރޮޅުލީގޮނޑީގައި ހޮސްޕިޓަލުން ނުކުންނަން އުމަރު ދިޔައިރު މަންޒަރު ބަލަން ތިބި މެޑިކަލް ސްޓާފުން އޭނާއަށް ތަރުހީބުދީ އަތްތިލަބަޑި ޖަހަމުން ދިޔަ އެވެ. ފުރޮޅުލީގޮނޑި ދުއްވަން ހުރި އުމަރުގެ މަންމަގެ ލޮލުން ކަރުނަ ތިކި ޖަހަ އެވެ. ނަމަވެސް އުފަލުން ހެވިފައި އިން އުމަރާއެކު އޭނާ ވެސް ގަދަކަމުން ހެވޭތޯ މަސައްކަތް ކުރި އެވެ.

ޓިކްޓޮކްގައި މި ވީޑިއޯ އަރްޖާ ޝެއާކުރީ ވަރަށް ފަހުންނެވެ. އުމަރު ވަނީ ޖެނުއަރީ 2022ގައި މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.

އަރްޖާ އޭނާގެ ދަރިފުޅު ކައިރީގައި އޭނާއަށް ކެންސަރު ޖެހިފައިވާ ވާހަކައެއް ނުބުނެ އެވެ. އަދި ވަރަށް ކުޑައިރު ސިކުނޑީގައި ޓިއުމަރެއް އިނދެގެން ފަރުވާ ހޯދި ވާހަކަ ވެސް ނުބުނެ އެވެ. އޭގެ ބަދަލުގައި އަރްޖާ އޭނާގެ ދަރިފުޅު ކައިރީގައި ބުނީ ކަންފަތުގައި އިންފެކްޝަނެއް ހުރެގެން ފަރުވާ ހޯދަން ޖެހުނީ ކަމަށެވެ.

މި ނިންމުން އަރްޖާ ނިންމީ އޭނާގެ އެހެން ދެ ދަރިން ހަމަ ކެންސަރު ބައްޔާ ހަނގުރާމަކޮށް ދުނިޔެ ދޫކުރި މަންޒަރު ތަޖުރިބާ ކޮށްފައިވާތީ އެވެ.

އަރްޖާ އަކީ ދީނަށް ލޯބިކުރާ މުސްލިމެކެވެ. އޭނާގެ އަލަތު ދަރިފުޅު އައިޝާ އަށް ވަރަށް ޅަ ފަތުގައި ޖެނެޓިކް ބައްޔެއް ޖެހި 2009 ގައި އުމުރުން އެންމެ ހަތަރު އަހަރުގައި ވަނީ މަރުވެފަ އެވެ.

"އެފަހަރު އަހަރެންގެ މުޅި ދުނިޔެ ފުނޑުފުނޑުވި. މިއީ ﷲ އަހަންނަށްޓަކައި އިރާދައިގައި ލައްވާފައިވާ ގޮތް ކަމަށް ގަބޫލުކޮށް އަހަރެން ކެތްތެރިވިން. އޭގެ ފަހުން 2019ގައި އަރްޖާ އަށް ތިން ވަނަ ކުއްޖަކު ލިބުނެވެ. އެ ދަރިފުޅަށް އޭނާ ކީ މުހައްމަދެވެ. މުހައްމަދުގެ ސިކުނޑީގައި ޓިއުމަރެއް އިން ކަމެއް އަރްޖާ އަކަށް ނޭނގެ އެވެ.

"ކުއްލިއަކަށް މުހައްމަދަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ސިކުނޑީގައި ޓިއުމަރެއް އިންކަން. އޭގެ ދެ ހަފުތާ ފަހުން މުހައްމަދު މަރުވީ،" އަރްޖާ ބުންޏެވެ.

މުހައްމަދު މަރުވީ އައިޝާ މަރުވިތާ ގާތްގަނޑަކަށް 10 އަހަރު ފަހުންނެވެ.

އަރްޖާގެ އާއިލާއަށް އަނެއްކާވެސް ބޮޑު ހިތާމައެއް ލިބުނީ އެމީހުންގެ ހަތަރު ވަނަ ދަރިފުޅު އުމަރު އަށް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ. އުމަރުގެ ބަލި ޑައިގްނޯސް ކުރެވުނީ 2021ގެ ޖުލައިގަ އެވެ. ޖެހިގެން އައި 2022ގެ ޖެނުއަރީގައި އޭނާ މަރުވި އެވެ.

މިހާރު އަރްޖާ އާއި ފިރިމީހާ ފަދީ، 48، ގެ ތިބީ ދެ ދަރިންނެވެ. އެއީ 16 އަހަރުގެ ރާބިއާ އާއި އަށް އަހަރުގެ ލުއޭ އެވެ.

އުމަރު ބަލިވުމުން އޭނާ ގޮވައިގެން މައްކާއަށް ދާން އަރްޖާ ފައިސާއެއްކުރި ނަމަވެސް މައްކާ އަށް ނުދެވި އުޅެނިކޮށް އުމަރު މަރުވީ އެވެ.

އަރްޖާ ބުނި ގޮތުގައި އޭނާގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާކުރީ އެހެން މައިންބަފައިންނަށް އޭނާގެ ވާހަކައިން އިބުރަތެއް ލިބިދިނުމުގެ މަގުސަދުގަ އެވެ.

"ކިތަންމެ ހިތްދަތި ކަންތައްތަކެއް ދިމާވިޔަސް ދިރިއުޅުމުން މާޔޫސްނުވާށޭ އަހަރެންގެ އިލްތިމާސަކީ. އަހަރެންގެ ދަރިފުޅު ވަރަށް ހިތްވަރާއެކު ބައްޔާ ހަނގުރާމަކުރި. އެހެންވީމަ އަހަރެން ކީއްވެ ދިރިއުޅުން ދޫކޮށްލަންވީ،" އަރްޖާ ބުންޏެވެ.