ލައިފްސްޓައިލް

ކަރުގައި ރިއްސާތީ ދިއުމުން އައިސްކްރީމް ލިޔެދިން ޑޮކްޓަރުގެ ވަޒީފާ ގެއްލިއްޖެ

ޑޮކްޓަރުންގެ ވަޒީފާއަކީ ވަރަށް މުހިއްމު އެހާމެ ޒިންމާދާރު ވަޒީފާ އެކެވެ. އެމީހުން އަދާކުރާ ވަޒީފާގެ ގޮތުން އެމީހުންނަކީ ދުވާލެއްގެ 24 ގަޑިއިރު ވެސް ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ތިބެން ޖެހޭ ބައެކެވެ. ބައެއް ފަހަރަށް ޑޮކްޓަރުން ތަންކޮޅެއް ނުރަސްމީކޮށް ކުޑަކުދިންނާ މުޚާތަބުކޮށް އެކުދިންނަށް ފަރުވާ ދޭއިރު މަޖާ ވާހަކަ ދައްކާލައި ކުދިން ހިތްހަމަޖައްސާލަން މަސައްކަތް ކުރެ އެވެ.

ނަމަވެސް މިގޮތަށް ކުއްޖަކަށް މަޖަލަށް ކަމެއް ކޮށްލި ޑޮކްޓަރެއްގެ ވަޒީފާ މިހާރު ވަނީ ގެއްލިފަ އެވެ. ބްރެޒިލްގައި ވަރަށް ފަހުން ހިނގި މި ހާދިސާގައި މަންމައަކު އޭނާގެ ދަރިފުޅުގެ ކަރުގައި ރިއްސާތީ ޑޮކްޓަރަކަށް ދެއްކި އެވެ. އަދި އޭނާ ދެއްކި ޑޮކްޓަރު ކުޑަ ކުއްޖާއަށް މަޖަލަކަށް ކުރި ކަމެއް އެ ކުއްޖާގެ މަންމައަށް އެހާ ކަމު ނުގޮސްގެން އެކަން ބޮޑު މައްސަލައަކަށް ވަނީ ހަދާފަ އެވެ.

ޑޮކްޓަރު ކުރި ސަމާސާ ގަބޫލުނުކޮށް، އެ ކުއްޖާގެ މަންމަ، ޕްރިސިލާ ޑި ސިލްވާ ރާމޯސް ގަބޫލުކުރީ އޭނާގެ ބަލި ދަރިފުޅަށް ޑޮކްޓަރު މަލާމާތް ކުރީ ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ވަރަށް ބަލި. އޭނާގެ ކަރުގައި ރިއްސާތީ އާއި ހޮޑުލެވޭތީ އަހަރެން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ. ޑޮކްޓަރު އަހަރެންގެ ދަރިފުޅު ބަލަން އެންމެ ފަސް މިނިޓް ވެސް ނުނެގި. އަދި ބަލާލާފަ އެހި އޭނާގެ ކަރުގެ އެތެރެ އަހަރެން ބެލިންތޯ؟ އަހަރެން ބުނިން ނޫނެކޭ. އޭނަ އެއީ ޑޮކްޓަރަކީ. އޭނައެއްނު ބަލަން ޖެހޭނީ އެކުއްޖާގެ ކަރުތެރެއަށް ވެފައި ހުރި ގޮތް،" ޕްރިސިލާ ބުންޏެވެ.

އިސާހިތަކު ޑޮކްޓަރު ބޭސް ސިޓީ ލިޔެފައި އެ ކުއްޖާގެ މަންމައާ ހަވާލުކުރި އެވެ. އޭގައި ފަރުވާއަކަށް ދޭން ލިޔެފައި އޮތީ އައިސްކްރީމް ކެއުމަށާއި ވީޑިއޯ ގޭމް ކުޅުމަށެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި އެ ކުއްޖާ ރަނގަޅަށް ނުވެސް ބަލައި ޑޮކްޓަރު ރަސްމީ ބޭސް ސިޓީއެއް ލިޔަން ފެށުމުން އޭނާ ހުރީ ހައިރާން ވެފަ އެވެ. އަދި ބޭސް ސިޓީ ލިޔަން އިނދެފައި ކުއްޖާ ކުރެން އައިސްކްރީމް މީރުތޯ ސުވާލު ކުރި ކަމަށާއި އަދި ފަހުން ކޮން ރަހައެއްލާ އައިސްކްރީމެއްތޯ އެންމެ މީރީ ވެސް ސުވާލު ކުރި ކަމަށެވެ.

"އޭރު ވެސް އަހަރެން ހިތަކަށް ނާރާ އޭނަ ބޭސް ސިޓީގައި އެ ލިޔަނީ އައިސްކްރީމް އާއި ވީޑީއޯ ގޭމް ކަމެއް،" ކުއްޖާގެ މަންމަ ބުންޏެވެ.

އެ ބޭސް ސިޓީގައި ޑޮކްޓަރު ވަނީ ކުއްޖާއަށް ދޭންވީ ދެ ތިން ހަތަރު ބޭހެއް ވެސް ލިޔުއްވާފަ އެވެ. އަދި ތިރީގައި ދުވާލަކު ދެ ފަހަރު ޗޮކްލެޓް އައިސްކްރީމް ކެއުމަށާއި ފްރީ ފަޔާ (ވީޑީއޯ ގޭމެއް) ކުޅުމަށް ވެސް ލިޔުއްވާފައި ވެއެވެ.

މި ޑޮކްޓަރު މަސައްކަތް ކުރި ހޮސްޕިޓަލުން ބުނެފައިވަނީ ކުއްޖާގެ މަންމަގެ ޝަކުވާއާ ގުޅިގެން ޑޮކްޓަރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.