ލައިފްސްޓައިލް

ޕްރޮޓީން ޝޭކް ބޮއިގެން ސިކުނޑިއަށް ގެއްލުންވެ، ކުއްޖަކު މަރުވެއްޖެ

ފިޓްކޮށް ތިބެން ބޭނުންވާ މީހުން މި ޒަމާނުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ވަރަށް ގިނަ އެވެ. ހާއްސަކޮށް އަލަށް ޒުވާން ވަމުން އަންނަ ކުދިންނަށް ވެސް މިހާރު ފިޓްކޮށް ތިބުމުގެ މުހިއްމުކަން ވިސްނި އެގޮތަށް ކަންތައްތައް ބައްޓަން ކުރަން ފަށާފައި އެވެ.

ސިއްހަތު ސަލާމަތުން ހުރުމަށް ބޭނުންވާ އަދި ގަވާއިދުން ޖިމް އަށް ގޮސް އުޅޭ ޒުވާނުންގެ މެދުގައި މިހާރު އެންމެ މަގްބޫލު އެކައްޗަކީ ޕްރޮޓީން ޝޭކެވެ. ހިކިކިރު ގޮތަށް ތައްޔާރުކޮށް ބަންދުކޮށްފައި ހުންނަ ޕްރޮޓީން ޝޭކްގެ އެކި ބްރޭންޑްތަކާއި ވައްތަރުތައް މިހާރު ބާޒާރުގައި ގިނަ އެވެ. މިއީ ކަސްރަތު ކުރުމުން ގައިގެ މަސްތައް ވަރުގަދަ ކުރުމަށް މުހިއްމު އެއްޗެއް ކަމަށް ބުނެވެ އެވެ. އަދި ކަސްރަތުކުރުމުން މަސްތަކަށް ލިބޭ ގެއްލުންތައް އަވަހަށް ރަނގަޅު ކުރަން ވެސް ޕްރޮޓީން ޝޭކް ބޭނުންކުރަން ޖެހޭ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ގޭގޭގެ ބަދިގޭގައާއި ޖިމްތަކުގައި އަދި އޮފީސް އޮފީހުގެ މޭޒުމަތިން ވެސް މިހާރު ޕްރޮޓީން ޝޭކް ފެނުން ވަނީ އާއްމުވެފަ އެވެ.

އެހާ ފަސޭޙައިން ޕްރޮޓީން ޝޭކް ލިބެން ހުރުމާއެކު މިއީ ފަސޭހައިން ބޮވޭނެ ސިއްހަތަށް ފައިދާހުރި ބުއިމެއްގެ ގޮތުގައި މީހުންނަށް ގަބޫލު ކުރެވުމުގެ ނަތީޖާއަކަށްވީ މީގެން ލިބިދާނެ ގެއްލުމަކާ މެދު ވިސްނާ ނުލެވުމެވެ.

ޕްރޮޓީން ޝޭކް ބުއިމުން ދިމާވި ވަރަށް ހިތާމަވެރި ހާދިސާއެއް އޮގަސްޓް 15، 2020 ވަނަ ދުވަހު ހިނގާފައި ވެއެވެ. މި ހާދިސާގައި ލަންޑަންގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ 16 އަހަރު ކުއްޖެއް ކަމަށްވާ ރޯހަން ގޯދާނިއާ ވަނީ ޕްރޮޓީން ޝޭކް ބުއިމުން ކުރިމަތިވީ ސައިޑް އިފެކްޓްސްތަކެއްގައި ސިކުނޑިއަށް ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުން މަރުވެފަ އެވެ. މި ހާދިސާއަށް އެތައް ދުވަހެއް ވެފައި ވިޔަސް މީޑިއާ އާ ހަމައަށް މި ވާހަކަ އައީ ވަރަށް ފަހުންނެވެ.

މި ހާދިސާ އާ ގުޅިގެން ޔޫކޭގެ ސީނިއާ އޮފިޝަލުން ވަނީ ކަންބޮޑުވެފަ އެވެ. އަދި މިފަދަ ބުއިންތަކުގައި 'ސިއްހީ އިންޒާރެއް' ހިމަނަން ސިއްހީ އޮފިޝަލުން ވަނީ ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ. އެއީ ޕްރޮޓީން ޝޭކް ބޮއިގެން މިފަދަ ހިތާމަވެރި ހާދިސާތައް ކުރިމަގުގައި ހިނގިޔަ ނުދިނުމަށެވެ.

އިނގިރޭސި ވިލާތުގެ މެޓްރޯ ނޫހުގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ރޯހަން އަށް ޕްރޮޓީން ޝޭކް ގަނެދިނީ އޭނާގެ ބައްޕަ އެވެ. އެއީ ރޯހަން އަބަދުވެސް ވަރަށް ހިކިކޮށް ހުންނާތީ ކުޑަކޮށް ގައިގައި މަސް ޖަހާތޯ އެވެ.

ނަމަވެސް ރޯހަންގެ ހަށިގަނޑުގައި މަދުން ނޫނީ މީހުންގެ ނުހުންނަ ވާރުތަވާ ބައްޔެއް ހުއްޓެވެ. އޭނާ ޕްރޮޓީން ޝޭކް ބުއިމުން ވަރުގަދަ ސައިޑް އިފެކްޓްސްތައް އަންނަން ފެށީ މި ސަބަބާ ހުރެ އެވެ.

މީހުންގެ ގައިގައި އެމީހުންނަށް ނޭނގުނަސް ޖެނެޓިކް މައްސަލަތައް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިފަދަ މީހުންނަށް ޕްރޮޓީން ޝޭކް އަކީ ވެސް ފުރާނައަށް ނުރައްކާ އެއްޗަކަށް ވެދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ރޯހަން އަށް ފަރުވާ ދިން ހޮސްޕިޓަލުގެ ޑޮކްޓަރުންނަކަށް އޭނާގެ ބަލި ކުއްލިއަކަށް ޓްރިގާ ވާން މެދުވެރިވީ ސަބަބެއް ޔަގީންކަމާއެކު ބުނާކަށް ނޭނގުނެވެ. އަދި އޭނާ މަރުވުމުން އޭނާގެ އެތެރެހަށީގެ ގުނަވަންތައް ލަސްނުކޮށްވަނީ ޑޮނޭޓްކޮށްފަ އެވެ.

އިންޑިޔާގައި އުފައްދާ ބޯންވިޓާ ބުއިމާ މެދު ވެސް ސިއްހީ ތަޖުރިބާކާރުން މިއަހަރު ތެރޭ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެފަރާތުން ބުނަނީ ބޯންވިޓާގައި ހަކުރު އެކުލެވޭ މިންވަރު އާދަޔާޚިލާފަށް ގިނަ އެވެ. އެހެންކަމުން މިއީ ގަވާއިދުން ބުއިން އެހާ ރަނގަޅު ބުއިމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެ ކަންބޮޑުވުން ފާޅުކުރީ އެވެ.