މެޓާނިޓީ ނަރުހެއް ކަމަށްވާ ލޫސީ ލެޓްބީ އަކީ ރަހުމުކުޑަ އަނިޔާވެރި މީހުންގެ ތެރެއިން ވެސް އަރާ ހުރި މީހެކެވެ. އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި އަލަށް އުފަންވާ ތުއްތު ކުދިންނަށް ފަރުވާ ދޭ ނިއޯ-ނެޓަލް ޔުނިޓުގައި އެޑްމިޓްކޮށްފައި ތިބި 17 ވަރަކަށް ކުއްޖަކަށް ލޫސީގެ އަނިޔާވެރި ހަމަލާތައް އަމާޒުވި އެވެ.
ޖޫން 2016އާ ހަމައަށް 12 މަސް ދުވަހުގެ ތެރޭގައި ލޫސީ ނަރުސް ވަނީ ހަތް ކުއްޖަކު މަރާލައި އިތުރު 10 ކުއްޖަކު މަރާލަން މަސައްކަތް ކޮށްފަ އެވެ. މީގެ ތެރެއިން ހަތް ކުއްޖަކު މަރުވެ އެހެން ކުދިންގެ ހާލު ވަރަށް ސީރިއަސް ވިއެވެ.
ބަލާބެލުމަށް ލޫސީ އަކީ ހިތްހެޔޮ ކުޑަކުދިން ދެކެ ލޯބިވާ ރަނގަޅު މީހެކެވެ. ނަމަވެސް އޭނާއަކީ އެތެރެ "ވިހަ"ވެފައިވާ މީހެކެވެ. އޭނާ އަކީ ތުއްތު ކުދިންނަށް ހުރި ބޮޑު ނުރައްކަލެކެވެ. މިތަނުން އެއް ކުއްޖަކު މަރުވީ އޭނާ އެކުއްޖާ މަރަން ކުރި މަސައްކަތުން ހަތަރު ވަނަ ފަހަރުން ކަމަށް މިހާރު އިނގިރޭސިވިލާތުގެ ކޯޓެއްގައި ހިނގަމުންދާ މި ޝަރީއަތުގައި ލޫސީއާ ދެކޮޅަށް ވަކާލާތުކުރާ ދައުލަތުގެ ވަކީލު ބުނެފައި ވެއެވެ. އަދި ކުއްޖާ މަރުވިކަން އެނގުމުން އެ ކުއްޖާގެ މައިންބަފައިން އައިސް ރޮއި ހެދިއިރު ލޫސީ ހުރީ ހެވިފައި ކަމަށް އެ ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.
ލޫސީ މަރާލި ފުރަތަމަ ކުއްޖާ އޭނާ މަރާލާފައިވަނީ ސިލިންޖަކަށް ވައި އަޅައި އެ ވައި ނެސޯގެސްޓްރިކް ޓިއުބުން ކުއްޖާގެ ބަނޑަށް ފޮނުވައިގެންނެވެ. މިގޮތަށް ކަންތައް ކޮށްފައި އޭނާ އޮޅުވާލައިގެން ދޮގު މައުލޫމާތުތައް ނަރުހުން ނޯޓްކުރަން ޖެހޭ ގަނޑުގައި ނޯޓްކޮށް އޭނާ ކުށެއް ނުކުރާކަން ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ބުނެފައި ވެއެވެ.
ލޫސީގެ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ތުއްތު ކުދިންގެ ތެރޭގައި އެއްމާބަނޑު ދެބެންވެސް ހިމެނެ އެވެ. އޭނާއާ މެދު ޝައްކުވާން ފެށީ މި ދެބެންގެ މައިންބަފައިންގެ މައުލޫމާތު ސޯޝަލް މީޑިއާ އިން ހޯދަން ލޫސީ "އާދަޔާޚިލާފު" މަސައްކަތްތަކެއް ކޮށް އެމީހުންގެ ކަންތައްތައް ހޯދުމުގެ ޝައުގުވެރިކަން އޭނާގެ ހުރި ވަރުންނެވެ. އަދި އެ ދުވަސްވަރު ނިއޯ-ނެޓަލް ޔުނިޓްގައި މަރުވި ހުރިހާ ކުދިން މަރުވިއިރު ވެސް އެ ތަނުގައި ހުރީ ލޫސީ ކަމަށް ވުމެވެ.
ކޮންމެ ކުއްޖަކު ވެސް ހާލު ބޮޑުވާން ފަށަނީ ކުއްލިއަކަށެވެ. އަދި ހާލު ބޮޑުވަނީ ލޫސީގެ ޑިއުޓީ ފެށޭތާ ގަޑިއެއްހާއިރު ތެރޭގަ އެވެ. މިއީ އިއްތިފާގުން ދިމާވާ ކަމެއް ކަމަށް ދައުލަތުގެ ވަކީލު ގަބޫލެއް ނުކުރެ އެވެ. އަދި ހުރިހާ ކުދިން ވެސް މަރުވެފައިވަނީ ބަނޑުގައި މާ ގިނަ އަދަދަކަށް ގޭސް އުފެދިގެން ހަމަ ކުއްލި ގޮތަކަށެވެ.
ލޫސީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކުރެ އެވެ. ލޫސީ ބުނަނީ އޭނާ އެއްވެސް ކުއްޖެއް ނުމަރާ ކަމަށެވެ.
ނަމަވެސް ނިއޯ-ނެޓަލް ޔުނިޓުގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު ވެސް ވަނީ ލޫސީއާ ދެކޮޅަށް ކޯޓުގައި ބަޔާން ދެއްވާފަ އެވެ. ލޫސީ ތުއްތު ކުއްޖެއް މަރަން މަސައްކަތް ކުރަނިކޮށް އެއްރެއަކު އޭނާއަށް އެ ޔުނިޓަށް ވަދެވުނު ކަމަށާއި އެ މަންޒަރު ވަރަށް ރަނގަޅަށް ފެނުނުކަމަށް ޑޮކްޓަރު ވަނީ ކޯޓުގައި ބަޔާން ދީފަ އެވެ.
ލޫސީ އިންކާރު ކުރިޔަސް އޭނާއާ މި ކުދިންގެ މަރުތަކާ ގުޅުން ހުރިކަމަށް ދައުލަތުގެ ވަކީލަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ލޫސީގެ ޑިއުޓީ ނޫނަސް އަދި ޑިއުޓީ ނަމަވެސް ކޮންމެ ކުއްޖެއް ވެސް މަރުވިއިރު އެ ތަނުގައި ލޫސީ ހުރި ކަމެވެ. ކޮންމެވެސް ގޮތަކުން އޭނާ އެތަނަށް ވަދެފައިވާ ކަމެވެ.