ދެކުނު ލަންޑަންގައި ކްރޯއިޑޮންގައި ދިރިއުޅޭ 14 އަހަރުގެ ފިރިހެންކުއްޖަކު ކިނބިއްސެއް އެޅިތަނާ 5 ލާރި (5 ޕެންސް)ގެ ކޮއިނެއް ނުކުތުމުން އޭނާގެ އާއިލާގެ މީހުން ވަރަށް ހައިރާންވިޔަސް މި ކުއްޖާ ހައިރާނެއް ނުވި އެވެ. ކުއްޖާ ބުނާ ގޮތުގައި މިއީ މީގެ 10 އަހަރު ކުރިން އުމުރުން އެންމެ 4 އަހަރުގައި އޭނާ ނޭފަތަށް ކޮއްޕި ފައިސާ ފޮއްޗެކެވެ. އޭރުއްސުރެ އެ ފައިސާފޮތި އިނީ ނޭފަތުގައި ތާށިވެފައި ކަމަށް އެ ކުއްޖާ ބުނެ އެވެ.
އުމަރު ގަމަރު ނަމަކަށް ކިޔާ މި ކުއްޖާ އެ ފައިސާފޮތި ނޭފަތަށް ކޮއްޕި ހަނދާން ވަރަށް ރަނގަޅަށް އެބަހުރިކަމަށް ވެއެވެ. އެ ކުއްޖާ ކުޑައިރުއްސުރެ ދޭތެރެއަކުން ނޭފަތުގައި ރިއްސާ ނޭފަތް ފާރުވެގެން އޭނާގެ މަންމަ އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. ނަމަވެސް އެއްވެސް ފަހަރަކު އެ ފައިސާފޮތި ޑޮކްޓަރުންނަކަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް ކުއްލިއަކަށް މި ހިނގާ ޖޫން މަހުގެ 19 ވަނަ ދުވަހު އެ ފައިސާ ފޮތި އެ ކުއްޖާގެ ނޭފަތުން ވަނީ ވެއްޓިފަ އެވެ.
ފައިސާ ފޮތި ވެއްޓުނު ދުވަހު ވެސް އުމަރު އުޅުނީ ނޭފަތަށް ވަރަށް އުނދަގޫވެ ނޭވާ ލާން ވެސް ދަތިވާތީ އެވެ. އެހެންވެ ނޭފަތް ވަރަށް ބާރަށް ފޮޅާލުމަށާއި ނޭފަތުގެ އެއް ލޯވަޅުން ނޭވާ ފުންކޮށް ލުމަށް އޭނާގެ މަންމަ އިރުޝާދު ދިނެވެ. މިހެން އެ ކުއްޖާ ހަދަނިކޮށް ކުއްލިއަކަށް ފައިސާފޮތި ވެއްޓުނީ އެވެ.
އުމަރު ބުނި ގޮތުގައި ނޭފަތުގެ ތެރޭގައި އެއްޗެއް އިންނަކަމުގެ އިހްސާސް އޭނާއަށް ވަރަށް ވެއެވެ. އެހެންވެ އެގޮތް މިގޮތުން ނޭފަތަށް އެއްޗެތި ކޮއްޕާ ހަދަނިކޮށް ކިނބިއްސަކާއެކު ކޮއިން ވެއްޓުނީ އެވެ.
"އަހަންނަށް ހީވަނީ އަހަރެން އެ ކޮއިން ނޭފަތަށް ކޮއްޕީ ތިން އަހަރު ނުވަތަ ހަތަރު އަހަރުގައިހެން. މާބޮޑަކަށް ހަނދާނެއް ނެތް. ފައިސާ ފޮތި ވެއްޓުމުން ކުޑަކޮށް ވެސް އެ ހަނދާން އައީ. ކޮއިން ވެއްޓުމުން ނޭފަތަށް އެވީ ފަސޭހައެއް ބުނެދޭންވެސް ނޭނގޭ. ޚުދް އަހަރެން ވެސް ހައިރާންވި އެ ފައިސާ ފޮތި ފެނިފައި،" އުމަރު ބުންޏެވެ.
އުމަރުގެ މަންމަ އަފްޝީން، 43، ބުނީ އުމަރުގެ ނޭފަތަށް ކޮއިނެއް ކޮއްޕާފައި އިން ކަމެއް އޭނާއަކަށް ކުޑަކޮށް ވެސް ނޭނގެ އެވެ. ނަމަވެސް ވަރަށް ކުޑައިރުއްސުރެ ނޭފަތަށް އުނދަގޫވާތީ އާއި ފުޓުބޯޅަ ކަހަލަ ކުޅިވަރުތައް ކުޅުމުން ނޭވާލާން އުނދަގޫވާތީ އުޅޭ ކަމަށެވެ.
"ބައެއް ފަހަރު އަހަރެން އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ވެސް ދަން. އެކަމަކު އެއްވެސް މީހަކު އޭނާގެ ނޭފަތުގެ އެތެރެއެއް ނުބަލާ. އުމަރަކީ ކުޑައިރުއްސުރެ އެ ކަހަލަ ފާޑުފާޑު ކަންތައް ކުރާ ކުއްޖެއް. އެކަމަކު މި ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ހިތަކަށް ވެސް ނާރާ،' އުމަރުގެ މަންމަ ބުންޏެވެ.
ލަންޑަންގެ ސެން ތޯމަސް ހޮސްޕިޓަލުގެ އީއެންޓީ ކޮންސަލްޓަންޓް ޕްރޮފެސާ ކްލެއާ ހޮޕްކިންސް ވިދާޅުވީ ބައެއް ކުދިން ކުޑައިރު ނޭފަތަށް އިނގިލީގެ އިތުރުން މިނާފުކާއި ލެގޯކޮޅުކޮޅު އަދި ބްރިކްސް ފަދަ އެއްޗެތި ކޮއްޕައިގެން ނުނެރެވިގެން ފަރުވާ ދޭން ޖެހޭ ކަމަށެވެ.
"ފަސް ޕެންސްގެ ކޮއިން ކުޑަކަމުން ނޭފަތަށް ކޮއްޕާލުމުން ވަރަށް ރީއްޗަށް ނޭފަތު ތެރޭގައި ފިޓްވެފައި އިންނާނެ. އަދި އެ އިންގޮތަށް ހަނދާން ނެތިފަ އޭނދީ މި ހުރިހާ ދުވަހު. ހަތަރު ވަރަކަށް އަހަރުގެ ކުދިން ވަރަށް ފަސޭހައިން ކަންކަން ހަނދާން ނެތޭނެ. އުމަރަށް ވެސް ވީ އެހެންކަމަށް ލަފާ ކުރެވެނީ. ނޭފަތަށް ކޮއިން ކޮއްޕާފައި ފަހުން އެކަން ހަނދާން ނެތުނީހެން ހީވަނީ،" ޕްރޮފެސާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ތަންކޮޅެއް ބޮޑު އަދި ކޮއިންގެ ބައްޓަމަށް ނޫން ބައްޓަންތަކަށް ހުންނަ އެއްޗެތި ނޭފަތަށް ވެއްދުމުން ނޭފަތް ބެދި ނޭވާލާން ދަތިވާނެ އެވެ. ނަމަވެސް ވައްކޮށް އިން ކުޑަކުޑަ ކޮއިނެއް ވީމަ ނޭފަތުގެ ކެވިޓީތެރޭގައި ރަނގަޅަށް ތަތްވެފައި ގިނަ އަހަރު ތަކަކު އިނދެދާނެ އެވެ. އަދި މިގޮތަށް އިނދެގެން ނޭފަތަށް ވާ އުނދަގޫތަކާއި އަބަދު ނޭފަތުން ފެން ފޭބުން ފަދަ ކަންތައްތަކަކީ އެހެން މައްސަލައެއް ކަމެއް ހީކުރެވިދާނެ އެވެ.