ލައިފްސްޓައިލް

ސްކޭނުން ދެއްކީ ތިން ފިރިހެން ކުދިން، ލިބުނީ ތިން އަންހެން ކުދިން

އިނގިރޭސި ވިލާތުގެ ޒުވާން ދެމަފިރިން މކަމަށްވާ ޖޭކް ހެމާޓަން، 22، އާއި ބައިވެރިޔާ ކެއިޓްލިން ނައިޓް، 20، އަށް އަލަށް ދަރިއަކު ލިބޭކަން އެނގުމުން އެމީހުންނަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. ދޭތެރެދުރުކުރަން ބޭސް ކަނިކޮށް ބަލިވެ އިނަސް ކުދިންނަށް މަރުހަބާ ކިޔަން ދެ މީހުން ތައްޔާރުވާން ފެށި އެވެ. ބަނޑަށް ތިން މަހުގައި ސްކޭން ހަދާފައި ކެއިޓްލީންގެ ބަނޑުގައި އޮތީ އެއްމާބަނޑު ތިން ފިރިހެން ކުދިން ކަމަށް ޑޮކްޓަރު ބުންޏެވެ.

އައިޑެންޓިކަލް ޓްރިޕްލެޓް ފިރިހެން ކުދިން މުޅި ދުނިޔޭގައި ވެސް އުފަންވަނީ މަދު،@ ފަހަރަކު އެވެ. އައިވީއެފް ހަދައިގެން ނޫން ގޮތަކަށް މިފަދަ ކުދިން އުފަންވުމުގެ ފުރުސަތު އޮންނަނީ 200 މިލިއަނުން އެއް ފަހަރު އެވެ.

އެއްމާބަނޑު ތިން ފިރިހެން ދަރިންނަށް ޒުވާން ޖޯޑު ވަރަށް ފުރިހަމައަށް ތައްޔާރުވި އެވެ. ކުދިންނަށް ކިޔާނެ ނަންތައް ހޯދައި، ކުޅޭއެއްޗެތި ގަނެ ނާސަރީ ތައްޔާރުކުރީ ވެސް ފިރިހެން ދަރިން ލިބޭނެކަމަށް ބަލައިގަންނެވެ.

ނަމަވެސް ޑޮކްޓަރުން ބުނި ގޮތާ ޚިލާފަށް މިދިޔަ މަހު ކެއިޓްލީން ވިހާފައިވަނީ އެއްމާބަނޑު ތިން އަންހެން ކުދިންނެވެ.

"އަހަރެމެން އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން ތިން އަންހެން ކުދިން ކަމަކަށް ލިބޭނީ. ސަބަބަކީ އަހަރެމެން ދެއްކި ހުރިހާ ޑޮކްޓަރުން ވެސް އަދި ސްކޭނުންތަކުން ވެސް ދައްކާފައިވަނީ ކެއިޓްލީންގެ ބަނޑުގައި އޮތީ ތިން ފިރިހެން މކުދިން ކަމަށް،" ޖޭކް ބުންޏެވެ.

އެންމެ ފަހުން އެމީހުން ތިއޯ ކިޔަންވީ ބޭބީއަށް ކިޔަން ޖެހުނީ ތިއާ އެވެ. ލުކާ ކިޔަން އޮތް ބޭބީއަށް ކީ ލިލީ އެވެ. އަދި ޖޫޑް ކިޔަން އޮތް ބޭބީ އަށް ކީ އެސްމޭ އެވެ.

ކެއިޓްލީން ބުނި ގޮތުގައި ނަސީބަކުން އެމީހުން ނާސަރީ ތައްޔާރުކުރީ ނިއުޓްރަލް ކުލަތައް ބޭނުންކޮށްގެން ކަމަށްވާތީ ފިރިހެން ކުދިންގެ ބަދަލުގައި އަންހެންކުދިން ލިބުނަސް މާ ބޮޑު މައްސަލައަކަށް ނުވި އެވެ.

"ނަސީބަކުން ވިހޭމަ ގޮވާލަން އައި އާއިލާގެ މީހުން ހަދިޔާއަށް ވަރަށް ގިނަ ކުޅޭއެއްޗެތި ގެނައި. އެހެންވީމަ ކުރިން ގަނެފަ ހުރި އެއްޗެތި ބަދަލުކުރަން ވެސް މައްސަލައަކަށް ނުވި،" ކެއިޓްލިން ބުންޏެވެ.

ޖޭކް ބުނީ ކުދިންގެ ޖިންސު ބަދަލުވުމަކީ އެމީހުންނަށް މައްސަލައެއް ނޫނެވެ. ޝޮކް ލިބުނީ ފިރިހެން ކުދިން ކަމަށް މުޅިން ނިންމައިގެން އެގޮތަށް ގަބޫލުކޮށްގެން ތިއްބާ އަންހެންކުދިން ލިބުނީމަ އެވެ.

ޒުވާން ބައްޕަ ބުނީ އޭނާގެ ތިން ބޭންގެ ތެރެއިން ތިއާ އުފަންވީއިރު ވެސް އަނެއް ދެބެންނަށް ވުރެ މާ ބަރުދަން ލުއި ކަމަށެވެ. އެހެންވެ އޭނާއަށް އެންއައިސީޔޫގައި ހަފުތާއެއް ވަންދެން ފަރުވާ ދިން ކަމަށެވެ.

އެއްމާބަނޑު ތިން ބޭން މުޅީން އެއްވައްތަރު ނަމަވެސް މިޒާޖު ވަރަށް ތަފާތުކަން މިހާ ތުއްތުއިރު ވެސް ފާހަގަ ކުރެވޭ ކަމަށް އެ ކުދިންގެ ބައްޕަ ބުންޏެވެ.

"ތިއާ މިހާރު ވެސް އުޅެނީ ނޭފަތަށް ލައްވާފައިވާ ހޮޅިއާ އެއްޗެތި ދަމައިގަންނަން. އޭނާގެ ހަރަކާތްތައް ހުންނަނީ ތަންކޮޅެއް ވަރުގަދަކޮށް. އެސްމޭ އަބަދުވެސް އޮންނަނީ ހެވިފައި. ލިލީ މީ އެންމެ ކަންނެތް ކުއްޖާ. އޭނަގެ ކަމަކީ ދުވާލު ހަތަރުދަމު ނިދުން،" ޖޭކް ބުންޏެވެ.