ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ލޯންގް ކޮވިޑް ޖެހުނު 12 އަހަރު ކުއްޖެއް އަދިވެސް އެ ބަލީގައި

ކޮވިޑް އިންފެކްޝަން ޖެހޭ ބައެއް މީހުން ވަރަށް ބޮޑަށް ބަލިވާކަން އެއީ ހަގީގަތެކެވެ. މީގެ ތެރެއިން ވެސް ލޯންގް ކޮވިޑްއޭ މިކިޔާ ވައްތަރުގެ ކޮވިޑް ޖެހޭ މީހުންނަށް އެމީހުން މުޅި ހަޔާތަށް މި ބަލީގެ ސަބަބުން ހިޔަނިއެޅެ އެވެ. އާދައިގެ ދިރިއުޅުމެއް އުޅެން މިފަދަ މީހުންނަށް ދަތި ކަމަކަށްވެ އެވެ.

ލޯންގް ކޮވިޑްއޭ ކިޔަނީ ކޮވިޑް ޖެހި ރަނގަޅު ނުވެ ހަތަރު ހަފުތާއަށް ވުރެ ގިނަ ދުވަސްވެ އެ ބަލީގެ އަލާމާތްތައް އަބަދު ކަހަލަ ގޮތަކަށް ފެންނަމުން ދިއުމަށެވެ.

ލޯންގް ކޮވިޑްގެ ސަބަބުން އިންސާނާގެ ސިއްހަތަށް ސީރިއަސް މައްސަލަތައް ކުރިމަތިވެ އެވެ. މިއީ ބޮޑެތި މީހުންނަށް ހަމައެކަނި ދިމާވާ ކަމެއް ކަމަށް ގަބޫލު ކުރެވުނަސް މިކަން އޮތީ މުޅިއަކުން އެހެނެއް ނޫނެވެ. ކުޑަކުދިންނަށް ވެސް ލޯންގް ކޮވިޑް ޖެހެ އެވެ.

ޓީލީ އެޑަމްސް އަކީ ލޯންގް ކޮވިޑްގެ މައްސަލަތައް ތަހައްމަލް ކުރަމުންދާ 12 އަހަރުގެ އަންހެން ކުއްޖެކެވެ.

އޭނާ އަށް ކޮވިޑް ޖެހުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވީއިރުވެސް އެ ބަލިން އޭނާއަށް އަރައެއް ނުގަނެވެ އެވެ. އާދައިގެ ނޯމަލް ދިރިއުޅުމަކަށް ޓިލީ ކިތަންމެ އެދުނަސް އޭނާއަށް އެފަދަ ދިރިއުޅުމެއް އުޅެވޭ ގޮތެއް އަދިވެސް ނުވެ އެވެ.

ލަންޑަންގެ އިރުމަތީގައި އޮންނަ ހޮކްސްޓަންގައި ދިރިއުޅޭ ޓިލީ ފަދަ 87،000 ކުދިންނަކީ ލޯންގް ކޮވިޑާ ހަނގުރާމަ ކުރަމުންދާ ކުދިންނެވެ.

"އަހަރެން ބޭނުން ކުރިން އުޅުނު އާދައިގެ ދިރިއުޅުން އުޅެން. ނޭފަތަށް ގުޅާފައިވާ މި ހޮޅި ނައްޓާލަން ބޭނުން. އަހަރެން ކުރިން ކޮށް އުޅުނު އެއްވެސް ކަމެއް ނުކުރެވޭތީ މިހާރު ވަރަށް ދެރަވޭ. ބައެއް ފަހަރު ހީވާނެ ދެން މި ރަނގަޅުވިއްޔޭ. އަނެއްކާ އިރުކޮޅަކުން ކުރިއަށް ވުރެ މާބަލިވަނީ،" ޓިލީ ބުންޏެވެ.

ޓިލީ އަށް ފުރަތަމަ ކޮވިޑް ޖެހުނީ 2020ގެ ޑިސެމްބަރުގަ އެވެ. އެފަހަރު އޭނާ ދެ ހަފުތާ ވަންދެން ހޮސްޕިޓަލުގައި އޮތެވެ. އަދި ބަރުދަން 38 ކިލޯއަށް ލުއިވި އެވެ.

އޭގެ ފަހުން ޓިލީއަށް ރަނގަޅަށް އަނގަޔަކުން އެއްޗެތި ނުކެވެ އެވެ. ކެޔަސް ކެވެނީ ކުޑަކުޑަ އެތިކޮޅެކެވެ. އަދި ކޭމަ ބަނޑަށް ވަރަށް އުނދަގޫވެ އެވެ. އެހެންވެ އަބަދު ފީޑިން ޓިއުބު ގުޅައިގެން އޭގެން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންސް ފޮނުވަން ޖެހެ އެވެ.

ޓިލީ ބުނި ގޮތުގައި ވަރަށް ގިނައިން އޭނާގެ ބޮލުގައި ރިހެ އެވެ. އަދި ނިދަން އުނދަގޫވުން ވެސް އޭނާގެ ލޯންގް ކޮވިޑްގެ އުނދަގޫތަކުގެ ތެރޭގައި ހިމެނެ އެވެ.

ޓިލީ އަށް ފަރުވާދޭ ޑޮކްޓަރުންނަށް ވެސް އޭނާގެ މި ބަލި މުޅިން ފަސޭހަކުރާނެ ގޮތެއް އަދިވެސް ނޭނގެ އެވެ.