ބްރެޒީލްގެ ޑޮކްޓަރަކު ވިއްސި ކުއްޖެއްގެ ބޯ ބުރިވެއްޖެ އެވެ. މި ކުއްޖާ ވިއްސި ވަގުތު ކުއްޖާގެ ބައްޕަ އެ މަންޒަރު ބަލަން ހުއްޓެވެ. އަދި އޭނާގެ ދަރިފުޅުގެ ބޯ ހަށިގަނޑުން ނެއްޓިގެން ދިޔަ ތަން ފެނިފައި އެ ފިރިހެން މީހާއަށް ބޮޑު ޝޮކެއް ލިބުނެވެ.
ބްރެޒީލްގެ ހޮސްޕިޓަލް ޑަސް ކްލިނިކާސް ޑަ އޫއެފްއެމްޖީގައި މި ހިނގާ މޭ މަހުގެ އެއްވަނަ ދުވަހު ހިނގި މި ހާދިސާގައި ބޯ ވަކިކޮށްލައިގެން ވިއްސާފައިވަނީ 33 އަހަރުގެ ރަނީލޭ ކޯލެހޯ ސަންޓޯސް އެވެ.
ސަންޓޯސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ރިއްސާ އިންޖެކްޝަން ޖަހައިގެން ވިއްސަން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކު ނިންމައި ކުއްޖާގެ ބައްޕަގެ ކިބައިން ވިއްސާ ތަން އޮބްޒާވްކުރަން ވަންނަން އެދުނެވެ.
ދަރިފުޅުގެ ބޮލާއި ހަށިގަނޑު ވަކިވި މަންޒަރުފެނި ހިތާމައިން ހިތްހަލާކުވެފައިހުރި އެ ކުއްޖާގެ ބައްޕަ ފުލުހުން ކައިރީ ބުނި ގޮތުގައި ޑޮކްޓަރު އަންހެންމީހާގެ ބަނޑަށް ޕްރެޝަރުކޮށްފައި ކުއްލިއަކަށް ލުއްކިއެއް ޖެހިހެން ކުއްޖާ ދަމައިގަތީ އެވެ. އެހެން ހެދުމުން ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވީ އެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ޓީމުގެ މެމްބަރުން ކައިރީ ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު އެސްފިޔަ ޖަހައި އަނގަޔަށް ގޮތްގޮތް ހަދާތަން އޭނާ އަށް ފެނުނެވެ. އެހެންވެ ދަރިފުޅު އޭރު މަރުނުވާކަން އޭނާއަށް ޔަގީނެވެ.
މި ތުއްތު ކުއްޖާގެ އަނިޔާވެރި މަރުގެ ޚަބަރު މުޅި ބްރެޒީލަށް ފެތުރިގެން ދިޔައީ ކުއްޖާގެ ބައްޕަ ރިބޭރާއޯ ޑަސް ނެވެސް މި ޝަކުވާ ފުލުހުންނަށް ހުށަހެޅުމުންނެވެ.
ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ކުއްޖާ ވަޅުލުމުގެ ހުރިހާ ޚަރަދެއް ހޮސްޕިޓަލުން ކުރާނެ ކަމަށް ހޮސްޕިޓަލުގެ ސޯޝަލް ވޯކަރަކު ބުނެފައި ވެއެވެ. ނަމަވެސް ކުއްޖާ ވަޅުލަންކުރަން ޖެހޭ ޚަރަދު ހޮސްޕިޓަލުން ކުރާނީ ކުއްޖާގެ އޮޓޮޕްސީ ހަދާ ނިންމާފައިވާ ކަމަށާއި އެ ރިޕޯޓު ލީގަލް މެޑިކަލް އިންސްޓިޓިއުޓް (އައިއެމްއެލް)އަށް ހުށަނާޅާނެކަމަށް ބުނެ ސޮއިކުރީމަ ކަމަށް ކުއްޖާގެ ބައްޕަ ސޮއި ދިނީކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.
ނަމަވެސް އެ ޝަރުތު ގަބޫލުކޮށް އެ ހޮސްޕިޓަލުން ދެއްކި ލިޔުމުގައި ސޮއިކުރަން ކުއްޖާގެ ބައްޕަ ދެކޮޅު ހަދައި ކުއްޖާގެ އޮޓޮޕްސީ ލީގަލް މެޑިކަލް އިންސްޓިޓީއުޓުން ހަދަން ކުއްޖާގެ ބައްޕަ އެދިފައިވާ ކަމަށް އެ އާއިލާގެ ގާނޫނީ ވަކީލު ޖެނިފާ އެވަންޓޭ ބުނެފައި ވެއެވެ.
ކުއްޖާގެ އޮޓޮޕްސީ ރިޕޯޓުގެ ނަތީޖާ އަދި އާއިލާއަށް ނުލިބޭ ކަމަށާއި އަދި ވަޅުލުމަށްޓަކައި ހަށިގަނޑު ވެސް ހަވާލު ނުކުރާ ކަމަށް ވެސް ގާނޫނީ ވަކީލު ބުނެފައި ވެއެވެ.