ލައިފްސްޓައިލް

ނުރަ ޖެހުމުން އެ ފޮރުވަން ނޫޅުމުގެ ފައިދާ އެނގޭތަ؟

ބޮލުގައި ނުރަ ޖެހުމަކީ ވަރަށް ގިނަ މީހުން ލަދުގަންނަ ކަމެކެވެ. އަދި އެހެން މީހުންގެ މަލާމާތާއި ފާޑުކިއުން އަމާޒުވާ ކަމެއް ވެސް މެއެވެ. އެހެންވެ ބޮލުގައި ޖަހާ ފުރަތަމަ ނުރައާއެކު ގިނަ ބަޔަކު ހާސްވެ ކަންބޮޑުވެ އެވެ. އަދި ނުރަ ފޮރުވަން މަސައްކަތް ކުރެ އެވެ. އެއްބައި މީހުން ނުރަ ޖަހާއިރަށް އެ ނުރައެއް އުފުރަ އެވެ.

އަނެއްބަޔަކު ބަލަނީ އަވަހަށް ކަޅުކުރެވޭތޯ އެވެ. މިގޮތުން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް އެކި ނުރައިގައި ވަކިވަކިން ކަޅު ކުލަ ޖައްސައިގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް ބޮލުގައި ނުރަ ޖަހަން ފެށުމުން އެ ނުރަތައް ފޮރުވަން މަސައްކަތް ނުކޮށް ފަޚުރުވެރިކަމާއެކު އިސްތަށިގަނޑު އެގޮތަށް ބޭއްވުމަކީ ހުރިހާ ގޮތަކުން ވެސް މާ ފައިދާޙުރި ގޮތެކެވެ.

ނުރަތައް ފޮރުވަން އެކި ކަހަލަ ބާރުގަދަ ކެމިކަލްތައް އިސްތަށިގަނޑުގައި ހޭކުމުގެ ބަދަލުގައި އެ ހުރި ގޮތަށް ބަހައްޓައިފިނަމަ އިސްތަށިގަނޑުގެ ސިއްހަތު މާ ބޮޑަށް ރަނގަޅުވާނެ އެވެ. އިސްތަށިގަނޑުގައި ކުލަ ޖައްސަން އާއްމުކޮށް ބޭނުންކުރާ ޑައި ތަކުގައި ވަރަށް ބާރުގަދަ ކެމިކަލްތައް ހުރުމުން އިސްތަށިތަކުގެ ދިފާއުގައިވާ ޕްރޮޓީން ފަށަލަ ހަލާކުވެ އެވެ. އެހެންވެ ޑައި ކުރާ މީހުންގެ އިސްތަށިތައް ބަލިވެ، ކުރަކިވެ، ވަރަށް ބޮޑަށް ކިސުޅިވެ އަދި އިސްތަށި މާގިނައިން ފައިބަން މެދުވެރިވެ އެވެ.

ހެއާ އެކްސްޕާޓް އަދި ކޮސްމެޓޮލޮޖިސްޓް ގަނީމާ އަބްދުﷲ ބުނި ގޮތުގައި އާދައިގެ އިސްތަށިގަނޑަށް ވުރެ ނުރަ ޖަހަން ފަށާފައިވާ އިސްތަށިގަނޑުގެ ސިއްހަތު ދެރަވާނެ އެވެ. އެހެންވެ ނުރަތައް ޑައިކުރަން ފެށުމުން އިތުރަށް އިސްތަށިގަނޑު ބަލިވާ ގޮތް މެދުވެރިވަނީ އެވެ.

އިސްތަށިގަނޑު ޑައިކުރުމަކީ ބޮލުގެ ހަންގަނޑަށް ވެސް ގެއްލުން ލިބޭ ކަމެކެވެ. ޑައި ކުރާތާ ކުރީކޮޅު ބޯ ހިރުވަނީ އެހެންވެ އެވެ. ޑައި ނުކުރާނަމަ މި މައްސަލަ ކުރިމަތިވުން މަދުވާނެ އެވެ. އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސްގެ ރިޕޯޓެއް ބުނާ ގޮތުގައި އިސްތަށިގަނޑުގައި ކުލަ ޖެއްސުމުން ބޮލުގެ ހަންގަނޑު ކަހަނީ ކުލަ ޖައްސަން ބޭނުންކުރާ ޑައި ގައި ޕެރަފެނީލްލެނެޑިއަމިން ކިޔާ ކެމިކަލެއް ހުންނާތީ އެވެ. އެހެންވެ އިސްތަށިގަނޑުގެ ނުރަތަކުގައި ކުލަ ނުޖައްސާ ބެހެއްޓުމުން މި ކެމިކަލްގެ ނޭދެވޭ އަސަރު ބޮލަށާއި އިސްތަށިތަކަށް ނުކުރާނެ އެވެ.

އަނެއްކޮޅުން އިސްތަށިގަނޑު އަބަދާ އަބަދު ޑައި ކުރުމަކީ ވަރަށް ބޮޑު ޚަރަދެއް ވެސް ހިނގާ ކަމެކެވެ. ބައެއް މީހުން ކޮންމެ މަހަކު އެއްފަހަރު ސެލޫނަށް ގޮސް އިސްތަށިގަނޑުގައި ކުލަ ޖައްސަން އެތައް ހާސް ރުފިޔާއެއް ޚަރަދު ކުރެ އެވެ. ސެލޫނަށް ނުދިޔަސް ގޭގައި އަމިއްލައަށް މިކަން ކުރިޔަސް ރަނގަޅު ކޮލިޓީގެ ހެއާ ޑައި އަކީ ވަރަށް އަގުބޮޑު އެއްޗަކަށް ވާތީ މިކަމަށް ބޮޑު ޚަރަދެއް ހިނގަ އެވެ. އަދި އިސްތަށިގަނޑު ޑައި ކުރުމަށްފަހު ހެއާ މާސްކް، ހެއާ އޮއިލް، ކަލާ-ޑިޕޮސިޓިން ޓޯނާ އަދި ކަލާ-ސޭފް ޝޭމްޕޫ ހޯދަން ޖެހެ އެވެ. ވީމާ މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ.

އިސްތަށިގަނޑުގައި ނުރަ ޖެހުމަކީ އެއްގޮތަކަށް ވެސް ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ނުރަތަކާ މެދު ފަހުރުވެރިވެ އެ ފޮރުވަން ނޫޅުމުން އެމީހާގެ ހައިބަތާއި ޝަހްސިއްޔަތު މާ ފުރިހަމަކަން ހާމަވެ އެވެ. ނަމަވެސް މިކަން ތިމާގެ އަމިއްލަ ނަފްސު ޖެހޭނީ ފުރަތަމަ ގަބޫލުކުރާށެވެ. އެހެން މީހުންނަށް އެ ސިފައިގައި ތިމާ ބަލައިގަނެވޭނީ އޭރުންނެވެ.