ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޖާބިރު

މަސައްކަތްތެރިންގެ އިނާޔަތުގެ ގަރާރު ބޭރުކޮށްލައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ސިނާއަތްތައް ހުއްޓި ގިނަ މަސައްކަތްތެރިންގެ ހާލުގައި ޖެހިފައިވާތީ އެ ފަރާތްތަކަށް ވަޒީފާއެއް ހަމަޖެއްސުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ބުނަނީ، އެތައް ހާއްސަ އާއިލާއެއްގެ އާމްދަނީ ހުއްްޓި އެތައް އާއިލާއެއް ނިކަމެތި ވެގެން ދިޔައީ، ކޮވިޑްގެ ހާލަތް މެދުވެރިވެގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅި ކަމުން ކަމަށެވެ.

އެހެންކަމުން އެ އާއިލާތަކަށް ލިބުނު ގެއްލުންތަކުން ސަލާމަތް ކޮށްދިނުމުގައި ވެސް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މި ގޮތުން ގެއްލުންތަކެއް ލިބުނު ހުރިހާ މަސައްކަތްތެރިންނަށް ހާލަތުން އަރައިގަނެވެންދެން ސަރުކާރުން އިނާޔަތެއް ދޭން ޖެހޭ ކަމަށް އެ ކުއްލި މައްސަލާގައިވެ އެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމަށް އެ ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާހެއް ނުވި އެވެ. އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 27 މެންބަރަކު ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިނުގަތުމަށެވެ. ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ހުރިހާ މަސައްކަތްތެރިންނަށް އިނާޔަތް ދިނުމަށް ގޮވާލާ ޖާބިރު މައްސަލައެއް ހުށަހެޅުއްވިއިރު، ކޮވިޑްގެ ސަބަބުން އިގްތިސާދު ދަށްވެފައިވާތީ ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖްގެ ދަށުން ވަޒީފާއަށް އަސަރުކުރި މީހުނަށް ތިން މަސް ދުވަސް ވަން ދެން އިނާޔަތެއް ދޭން ހަމަޖައްސާފައިވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ވަޒީފާއަށާއި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް ދޫކޮށްފައި ވަނީ 488 މީހުނަށް ކަމަށެވެ. މި ގޮތުން ޖުމުލަ 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ.

ނަމަވެސް ވަޒީފާގެ ލިޔެކިއުންތައް ނެތް އަދި އަމިއްލަ މަސައްކަތް ކުރާ ގިނަ މީހުނަށް މި ހާލަތުގައި އާމްދަނީ ލިބޭނެ ގޮތެއް ވެފައި ނެތްއިރު، އެއިން ގިނަ ބަޔަކަށް މި އިނާޔަތް ނުލިބޭ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ. އެކަމާ ގުޅިގެން އިއްޔެ ސިޔާސީ ހަރަކާތަކުން މަޖިލިސް ކައިރީގައި މުޒާހަރާ ވެސް ކުރި އެވެ.