ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިކޮނޮމިކް ރިލީފް ޕެކޭޖުން އެހީދިން ފަރާތްތަކުގެ ލިސްޓު ހޯދަން އެދިއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުން އެހީ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުން ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވަނީ، އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އެހީއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ބުނާ ބައެއް ފަރާތްތަކަށް އެހީ ލިބިފައި ނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހީ ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކޮށް ފެންނަން އޮތުމަކީ ވެސް އެހީ ދިނުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑު ވާނެ ކަމެއް ކަމަށް މީކާއީލްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއެއް މެދުވެރިކޮށް ސަރުކާރުން އެ ލިސްޓު ހޯދައި އާންމު ކޮށްދޭން އޭނާ އެދިވަޑައިގެންފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން މި ހާލަތުގައި ވަޒީފާ ގެއްލުމާއި ނޯޕޭއަށް ފޮނުވާލުމާއި މުސާރަ ކުޑަކުރުން ފަދަ ކަންކަމުން ގެއްލުންވީ މީހުނަށް މި މަހުގެ ދެވަނަ ދުވަހާ ހަމައަށް 1.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ފިނޭންސްގެ އެ ހިސާބުތަކުގައިވާ ގޮތުން، ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލި ލޯނު ސްކީމަށް 1،136 ފަރާތަކުން އެޕްލައި ކުރި އެވެ. އޭގެ ތެރެއިން 618 ފަރާތެއްގެ އެޕްލިކޭޝަނަށް ހުއްދަ ދިނެވެ. ވިޔަފާރިތަކަށް މީހަތަނަށް 30.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން 702 ފަރާތެއް އެޕްލައި ކުރިއިރު، 230 ފަރާތެއްގެ އެޕްލިކޭޝަނަށް ހުއްދަ ދިނެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މިހާތަނަށް ދޫކޮށްފައި ވަނީ 1.7 މިލިޔަން ރުފިޔާ އެވެ.