ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ދައުލަތުން ކުރާ ހަރަދުތަކާއި ސަރުކާރުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރާ ހަރަދުތަކާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރާ ގޮތުގެ ފައިނޭޝަލް އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމަށް މައްސަލާގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ރެގިއުލާ ރިޕޯޓިން އިތުރު ކުރުމަށް ހުށަހަޅައިފަ އެވެ.
މި ހާލަތުގައި ސަރުކާރުން ތައާރަފުކުރާ ޕްރޮގްރާމްތަކާއި ޕެކޭޖްތަކަށާއި ކޮވިޑް-19 އިގެ ސަބަބުން ދައުލަތް ހިންގަން ކުރަން ޖެހޭ ހަރަދުތައް ކުރަމުންދާ ގޮތާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރަމުން ދަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށްތޯ ބަލަން ވެސް ހުށަހަޅާފައިވެ އެވެ. ގާނޫނާ ހިލާފު ވާނަމަ ހަރަދުތަކުގެ ރިޕޯޓެއް ތައްޔާރު ކުރަން ވެސް ހުށަހަޅާފައި ވެއެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގެ ހުށަހެޅުންތަކަށް އީވާ ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އީވާގެ އިސްލާހުގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ކޮންމެ ކްއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓުތަކުގެ ފައިނޭޝަލް އޮޑިޓެއް ހަދާށެވެ. ކޮންމެ ކްއާޓަރެއް ނިމޭތާ މަސް ދުވަހުގެ ތެރޭގައި އެ އޮޑިޓް ނިންމަން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ވެސް އެ އިސްލާހުގައިވެ އެވެ.
ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށް ވާތީ ސަރުކާރަށް ލަފާ ދިނުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އާލީ އާޒިމް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާ ކުރި އެވެ. ކޮންމެ ކޮމިޓީއަކުން ވެސް ވަނީ ލަފާގައި ހިމަނާނެ ހުށަހެޅުންތަކާއެކު ތަޅުމަށް ރިޕޯޓެއް ފޮނުވާ އެވެ. އޭގެ ތެރެއިން މިހާތަނަށް އަށް ކޮމިޓީއެއްގެ ރިޕޯޓް ވަނީ ތަޅުމުން ފާސް ކޮށްފަ އެވެ.