ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިހާރު ފަށަން އޮތީ އާންމު ދިރިއުޅުމަށް ދިއުމުގެ ދަތުރު

މިއީ ކޮވިޑް ބައްޔާއެކު ދިރިއުޅެން ދަސްކޮށް އާންމު ދިރިއުޅުމަށް ދިއުމުގެ ދަތުރު ފަށަންވީ ވަގުތު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރަށްތަކަށް ބަލި ދިއުން 100 ޕަސެންޓް ހުއްޓުވައިލެވިދާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަބަދުވެސް ކުރެވޭނެ ކަމަކީ ބަލި ފެތުރޭ މިންވަރު ކުޑަކުރުން ކަމަށެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިގެން ގިނަ ދުވަސްތަކަކު ތިބެވިއްޖެ ކަމަށާ ނަމަވެސް އެ ފިޔަވަޅުތައް އަޅައިގެން އަހަރު ދެ އަހަރު ވަންދެން ނުތިބެވޭނެ ކަމަށެވެ.

"އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ރަށްތަކަށް މި ބަލި ދިއުން ހަންރެޑް ޕަސެންޓް ހުއްޓުވާލެވިދާނެއެކޭ އިނގޭތޯ. އެއީ މިފަދަ ބައްޔެއް ދުނިޔޭގައި އުޅޭއިރު އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަކީ އެ ބަލި ފެތުރޭ މިންވަރު ކުޑަކުރެވިދާނެ، އެއީ އެއް ފަހަރާ ބަލި ޖެހޭ މިންވަރު ކުޑަ ކުރެވިދާނެ. މިސާލަކަށް އެއް އަހަރު ދުވަސް ވަންދެން ރަށަކަށް އަރާ ފޭބުން ހުއްޓުވާލީ. އޭގެ އެއް އަހަރު ފަހުންވެސް ބަލި ދުނިޔެއިން ނެތިގެން ނުދާނަމަ އަނެއްކާވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ." އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާ ނަމަވެސް ބައްޔަށް ރަނގަޅު ވެކްސިނެއް ހޯދުމަށް އަދިވެސް އެތައް ދުވަހެއް ހޭދަ ކުރަންޖެހޭނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަފްޒަލް ވިދާޅުވީ ކޮންމެ ކޮންމެ ގައުމަކުން ހޯދާ ވެކްސިނެއް ރާއްޖޭގައި ބޭނުން ނުކުރާނެ ކަމަށާ ރާއްޖޭގައި ބޭނުން ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދޭ ވެކްސިނެއް ކަމަށެވެ.

"ހަގީގަތަކީ ވެކްސިނެއް ޓެސްޓް ކުރެވި، އެއަށް ލިބެން ޖެހޭ އެޕްރޫވަލްތައް ލިބި، އޭގެ ސޭފްޓީ މިންގަނޑުތަކަށް ފެތި، އެ ދުނިޔޭގެ އެންމެން ބޭނުންކުރާ ލެވެލްއަކަށް އެޕްރޫވަލް ލިބިގެންދާން އަދި ދުވަސް ނަގާނެ. ހަގީގަތުގައި މިހާރު ވެކްސިނެއް އެޕްރޫވްގެެން ދިޔަނަމަވެސް ކުޑަ މުއްދަތެއްގެ ތެރޭގައި ނެރޭ ވެކްސިންތަކުގައި ފަހުން ލިބޭ ބައިވަރު ގެއްލުންތަކެއްވެސް ހުރިކަން އެނގިގެން ހިނގައިދާނެ. މިސާލަކަށް ޑެންގީއަށްވެސް ވެކްސިނެއް ހޯދި، ނަމަވެސް ޑަބްލިއުއެޗްއޯއިން އެ ވެކްސިން ބޭނުންކުރަން އިރުޝާދެއް އައިސްގެން ނޫނީ ރާއްޖޭގައި ބޭނުން ނުކުރުމަށް ނިންމި. ފަހުން ކަން ދިމާވެގެން އައީވެސް އަޅުގަނޑުމެން ބަލަބަލާ ތިއްބާ އެ ވެކްސިންގެ މައްސަލަތައް ނިކުމެ އެއިން އެއް ވެކްސިން އަކީ މިހާރު ބޭނުންކުރާ ވެކްސިނެއްވެސް ނޫން. އެހެންވީމަ ވެކްސިނެއް މި ބައްޔަށް ނުކުތަސް އަޅުގަނޑުމެންނާ ހަމައަށް އައުމަށް ދެ އަހަރު ނޫނީ ތިން އަހަރުވެސް ވެދާނެ،" އަފްޒަލް ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ މީގެ ކުރިން ދުނިޔޭގައި ފެތުރުނު އިންފްލުއެންޒާވެސް މިހާރު ނެތް ގައުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގައިވެސް އެ ބަލި އެބައޮތް ކަމަށާ ނަމަވެސް މޫސުމީ ބައްޔަކަށްވެ، އެ ބަލި ފެތުރޭ ދުވަސްވަރެއްގައި ރައްކާތެރިވޭނެ ގޮތްތަކެއް މިހާރު އިންތިޒާމް ކުރެވިފައިވާ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށްވެސް މިވަގުތު އެންމެ އިސްކަންދޭވީ ސާފު ތާހިރުކަމަށާއި، ބަލިތަކުން ރައްކާތެރިވެވޭނެ ގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދެ އަހަރު ތިން އަހަރު ވަންދެން ލޮކްޑައުންގައި ނޫޅެވޭނެ. އެހެންވީމަ މިހާރު ބަލަންޖެހޭނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، ސާފުތާހިރުކަމުގެ މިންގަނޑުތައް އިތުރަށް ރަނގަޅުކޮށް، މާސްކް އެޅުމާއި އަތްދޮވުމުގެ ހަރަކާތްތައް އިތުރުކުރުން ފަދަ ކަންކަން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ގެންނަންވީ. ބަލި އައުން ހުއްޓުވައިގެން ތިބެވޭނެ ކަމަށް އެއްގޮތަކަށްވެސް ވިސްނުމަކީ ވުން ވަރަށް ނާދިރު ކަމެއް،" ޑރ. އަފްޒަލް ތަފްސީލުކޮށްދެއްވި އެވެ.

ކޮވިޑް ބަލި ޖެހުނު އަށް މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ފަރާތުން އެއްވެސް އަލާމާތެއްވެސް ފެނިފައިނުވާ ކަމަށާ އިބަލީގެ ނުރައްކާ ބޮޑީ ވަކި ބަޔަކަށް ކަމަށް އަފްޒަލް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ދެ އަހަރު ތިން އަހަރު ވަންދެން ލޮކްޑައުންގައި ނޫޅެވޭނެ. އެހެންވީމަ މިހާރު ބަލަންޖެހޭނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، ސާފުތާހިރުކަމުގެ މިންގަނޑުތައް އިތުރަށް ރަނގަޅުކޮށް، މާސްކް އެޅުމާއި އަތްދޮވުމުގެ ހަރަކާތްތައް އިތުރުކުރުން ފަދަ ކަންކަން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ގެންނަންވީ. ބަލި އައުން ހުއްޓުވައިގެން ތިބެވޭނެ ކަމަށް އެއްގޮތަކަށްވެސް ވިސްނުމަކީ ވުން ވަރަށް ނާދިރު ކަމެއް
ޑރ. އިބްރާހިމް އަފްޒަލް

އެހެން ކަމުން މިއީ ކޮވިޑް ބައްޔާއެކު ދިރިއުޅެން ދަސްކޮށް އާންމު ދިރިއުޅުމަށް ދިއުމުގެ ދަތުރު ފަށަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތިބެވޭނެތޯ އެހެން އެއްވެސް ރަށަކަށް އެހެން ރަށެއްގެ މީހެއް ނާރުވާ، ނުވަތަ އެހެން ރަށަކަށް އަޅުގަނޑުމެން ނުގޮސް. މިފަދަ ތާށިކަމެއްގައި އަހަރު ދެ އަހަރު ތިން އަހަރު ތިބެވޭނެތޯ. އެގޮތަށް ތިބެއްޖެނަމަ މުޅި އިގްތިސާދު އިނދަޖެހި އެއަށްވުރެ އަޅުގަނޑުމެންގެ ހާލަތު ގޯސްވެފައި، ލިބެންޖެހޭ ސިއްހީ ފަރުވާ ނުލިބި، ހުރިހާ ވިޔަފާރިތައް ބަނގުރޫވެދާނެ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ވިޔަފާރިތައް ކުރިއަށް ގެންދެވޭތޯވެސް އަދި ދިރިއުޅުމަށް ކުރިން ކުރަމުން އައި މަސައްކަތްވެސް ކުރެވޭތޯވެސް. އަޅުގަނޑު ދެކޭގޮތުގައި މިހާރު ފަށަން އޮތީ އާންމު ދިރިއުޅުމަށް ދިއުމުގެ ދަތުރު،" އަފްޒަލް ވިދާޅުވި އެވެ.