ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޯމް ކަރަންޓީނު ވާނީ ޝަރުތު ފުރިހަމަ ގެތަކުގައި: އަފްޒަލް

ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޯމް ކަރަންޓީނުގައި ބައިތިއްބާނީ ޝަރުތު ފުރިހަމަވާ ގެތަކުގައި އެކަނި ކަމަށް އެންއީއޯސީން ބުނެފި އެވެ.

ކޮވިޑްގެ ބަލި މީހުންނާއި އެ މީހުންނާއި ކޮންޓެކްޓްވާ މީހުން މިހާރު ބައިތިއްބަމުން ދަނީ އެކަމަށް ހާއްސަ ކުރެވިފައިވާ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. އެފަދަ ގިނަ ތަންތަން ވަނީ ސަރުކާރުން ތައްޔާރު ކޮށްފަ އެވެ.

ނަމަވެސް ބަލި ޖެހޭ މީހުންނާއި އެ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ހޯމް ކަރަންޓީނަށް ދާންޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ވެސް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވީ ހޯމް ކަރަންޓީނާ ހަމައަށް އަދި ނުދާ ކަމަށާއި ނަމަވެސް އެހާ ހިސާބަށް ދިއުމުން ވެސް ގޭގައި ކަރަންޓީން ކުރާނީ އިންތިޒާމްތައް ހަމަޖެހިފައިވާ ގޭގޭގައި ކަމަށެވެ.

"ހޯމް ކަރަންޓީނާ ހަމައަކަށް ދެވޭއިރު އަޅުގަނޑުމެން ހޯމް ކަރަންޓީން ކުރާނީ އެބަޔަކަށް ހޯމް ކަރަންޓީންގައި ތިބުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވަންޏާ. މާނައަކީ އެކަހަލަ ސެޓަޕެއް ހުރި ތަނެއް ނުވަތަ ގެއެއް ކަމުގައިވާނަމަ. އެގޮތުން އެނާއަށް ހުރެވޭނެ ވަކި ކޮޓަރިއެއް އަދި ފާހާނާއެއް ހުންނަ ނަމަ މިކަހަލަ ކަންތައްތަކެއް ފުރިހަަމަވެފައި ވާނަމަ." އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ވަރަށް ބޮޑު ޔަގީންކަމެއް ލިބުމުން ނޫނީ އެއްވެސް މީހެއް ހޯމް ކަރަންޓީނަކަށް ނޮފުނުވާނެ ކަމަށެވެ. އަދި އެގޮތަށް ގޭގައި ކަރަންޓީން ކުރާ މީހުންނަށް ވަރަށް ތަފްސީލްކޮށް ކަންކަން ކުރާނެ ގޮތް ކިޔައިދޭނެ ކަމަށެވެ.

އަފްޒަލް ވިދާޅުވީ އެ ފުރުސަތު ނެތް އެއްވެސް މީހަކު ގޭގައި ބެހެއްޓުމުގެ ވިސްނުން އަދި ނެތް ކަމަށާ އެހެން ނޫންނަމަ ބައިތިއްބާނީ ރަސްމީ ފެސިލިޓީތަކުގައި ކަމަށެވެ.

މިހާތަނަށް ކޮވިޑަށް 1،078 މީހުން ޕޮޒިޓިވްވެފައިވާއިރު 1،014 މީހަކަށް ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 10 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މިވަގުުތު ކަރަންޓީންގައި 1،390 މީހުން ތިބިއިރު 971 މީހުން އައިސޮލޭޝަންގައި އެބަ ތިއްބެވެ.