ކޮވިޑް-19 އިގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއެކު ބައްދަލުވުމެއް ބޭއްވުމަށާއި ސިއްހީ ގިނަ އިދާރާތަކާއި ސެންޓަރުތަކާއި ޖަމިއްޔާތަކާ އެކު ވަކިވަކި ބައްދަވުންތަކެއް ބޭއްވުމަށް ތާވަލު ކުރަން ކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.
އެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވީ އެޗްއޯއީސީ އިން އޭގެ މައުލޫމާތުތައް ހިމެނޭ ލިޔެކިއުންތައް ހޯދުމަށާއި އެ ސެންޓަރުގެ އިސް ބޭފުޅުންނާ ކޮމިޓީން ބައްދަލު ކުރުމަށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އެ ގޮތަށް ކުރިއަށް ގެންދަން ފާސްވި އެވެ.
ހެލްތު ސެންޓަރުތަކާއި ކުރީގެ މިނިސްޓަރުންގެ ބައްދަލުވުމެއް
މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރައީސް ނަޝީދާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކުރި ބައެއް ޑޮކްޓަރުންގެ މައުލޫމާތުތައް އެމަނިކުފާނު ކޮމިޓީގެ މެންބަރުންނަށް އެރުވި ކަމަށް ކޮމިޓީގެ މެންބަރުން މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
އެހެންކަމުން އަންނަ ހޮނިހިރު ދުވަހަށް އެ ޑޮކްޓަރުންނާއެކު މަޝްވަރާ ކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފައިވާ ކަމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނައިބު މުގައްރިރު، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވި އެވެ. މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފިރުޝާނެވެ.
އޭގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރުންނާ އެކު ވަކި ބައްދަލުވުމެއް އަދި ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް ކަން ކުރެއްވި ބޭފުޅުންނާ އެކު ވަކި ބައްދަލުވުމެއް ތާވަލު ކުރަން ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯއާއެކު ބައްދަލުވުމެއް ބޭއްވުމަށާއި ސިއްހީ ދާއިރާގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ އެކު ވެސް ބައްދަލުވުމެއް ބޭއްވުމަށް ތާވަލު ކުރަން ވެސް ނިންމި އެވެ.
ތެލަސީމިއާ ސެންޓަރު ފަދަ ހެލްތު ސެންޓަރުތަކާ އެކު ބައްދަލުވުމަކާއި އައިޖީއެމްއެޗްއާ އެކު ވެސް ވަކި ބައްދަލުވުމެއް ބާއްވަން ތާވަލު ކުރަން ނިންމި އެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކާ އެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވަން ވެސް ކޮމިޓީން މިއަދު ނިންމި އެވެ.