ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް މާލެ ސަރަހައްދުގައި އެއްވުންތައް ބާއްވަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެޗްޕީއޭގެ އިރުޝާދުތަކާ ހިލާފަށް އެއްވެސް އެއްވުމެއް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައި ވެސް އާންމު ތަންތަނުގައި އުޅެވޭނީ އެއް ފަހަރާ ތިން މީހުނަށް ވުރެ ގިނަ ނުވާާ ގޮތަށް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާާފައިވާ ކަމަށެވެ.

ނަމަވެސް އެ އެންގެވުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ސިއްހީ ކުއްލި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކާ އެއް ގޮތަށް އަމަލު ކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީސް ކައިރީގައި މުޒާހަރާ ކުރުމަށް ރާވާފައިވެ އެވެ. އެއީ މާލެ ސަރަހައްދުގެ ލޮކްޑައުންގެ ތެރެއިން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅެވޭ ގޮތަށް ބޮޑު ލުއެއް ދިން ފަހުން މާލޭގައި އިންތިޒާމު ކުރާ ފުރަތަމަ މުޒާހަރާ އެވެ.

މި މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅެނީ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިންނެވެ. އެ ހަރަކާތުން ބުނެފައިވާ ގޮތުގައި މަޖިލިސް ކައިރީ މުޒާހަރާ ކުރަން ނިންމާފައިވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު ދިމާވެ އެތަކެއް ރައްޔިތުންނެއް ހާލުގައި ޖެހުނުއިރު މަޖިލީހަށް އެކަށީގެންވާ ހައްލުތަކެއް ގެނެސްދެވިފައިނުވާތީ އެވެ.

ނަވާނަވައިގެ ސިޔާސީ ހަރަކާތުން އަންނަ ހޯމަ ދުވަހު މަޖިލީހުގެ އިދާރާގެ ކައިރީ މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، މީގެ ކުރިން ވެސް އެ ހަރަކާތުން ވަނީ މިފަދަ ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބާއްވާފަ އެވެ.

އެންމެ ފަހުން ނަވާނަވައިން ބޭއްވި އެ އެއްވުމަކީ ސަރުކާރު ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި ލީޑަރުން ކުރިމަތީ ކުރި މުޒާހަރާ އެވެ. އެއީ މަޖިލީހުގެ އިންތިހާބުގައި ލީޑަރުންގެ މެދުގައި ގޮނޑިތައް ބަހާލާ ގޮތަށް ކެންޑިޑޭޓުން ނުނެރުމަށް ގޮވާލާ ބޭއްވި މުޒާހަރާ އެކެވެ.