ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުޒާހަރާ

އެއްވުންތައް މަނާކުރިޔަސް މުޒާހަރާ ބާއްވާނަން: ނަވާނަވައި

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުންގެ ތެރެއިން މިހާރު ދީފައިވާ ލުއިތަކުގެ މަރުހަލާގައި އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވީ ނަމަވެސް ރާވާފައިވާ މުޒަހަރާ އޮންނާނެ ކަމަށް ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިން ބުނެފި އެވެ.

މި ބަލިމަޑުކަމުގެ ހާލަތުގައި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވިއިރު ވެސް ރައްޔިތުންގެ މަޖިލީހުން އެ ކަމަށް ޓަކައި މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އަންނަ ހޯމަ ދުވަހު ހެނދުނު މަޖިލިސް ކައިރީ މުޒާހަރާއެއް ކުރުމަށް ނަވާނަވައި ހަރަކާތުން ރާވާފައިވެ އެވެ.

މަޖިލިސް ކައިރީ މުޒާހަރާއެއް ބާއްވަން ރާވާފައިވާއިރު ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ މި މަރުހަލާގައި ވެސް އާންމު ތަންތަނުގައި އުޅެވޭނީ އެކުގައި ގިނަވެގެން ތިން މީހުން އެއްވެގެން ކަމަށެވެ. އެޗްޕީއޭގެ އެ އިރުޝާދާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

ނަވާނަވައި ހަރަކާތުގެ ސްޕޯކްޕާސަން ފާތިމަތު ސާއިރާ ވިދާޅުވީ، އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފައިވީ ނަމަވެސް މިހާރު ވެސް އިންތިޒާމު ކޮށްފައިވާ ގޮތަށް އަންނަ ހޯމަ ދުވަހު މަޖިލިސް ކައިރީ މުޒާހަރާ ކުރާނެ ކަމަށެވެ. މުޒާހަރާ މަނާ ކުރާ ހާލަތެއްގައި ވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ލޮކްޑައުންގެ ހާލަތު އައި ފަހުން އާންމު ރައްޔިތުން މި އުޅެނީ ވަރަށް ހާލުގައި، އާމްދަނީއެއް ނުލިބި ހަރަދުތައް ނުކުރެވިގެން، އެކަމަކު އެއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެނަށް ފެންނަނީ މަޖިލީހުން މެންބަރުންގެ ސިޔާސީ ވާދަވެރިންގެ ކަންކަމުގަ އުޅޭ ތަން، މުޒަހާރާ ކުރަން ޖެހޭ އެބަ،" ސާއިރާ ވިދާޅުވި އެވެ.

ސާއިރާ ވިދާޅުވީ، މަޖިލީހުގެ ކައިރީގައި ކުރަން ހަމަޖެހިފައިވާ އެ މުޒާހަރާގެ ބައިވެރިން ތިބޭނީ ކޮވިޑް-19 ގެ ރޯގާއިން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކާ އެއް ގޮތަށް ކަމަށެވެ. އެ ގޮތުން މުޒާހަރާގެ ބައިވެރިން ތިބޭނީ މާސްކް އަޅައިގެން ކަމަށާއި ގައިދުރުވުމުގެ ހަމަތަކާ އެއް ގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމުގައި އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ހޯމަ ދުވަހުގެ ހެނދުނު މަޖިލިސް ކައިރީގައި މުޒާހަރާ ކުރަން ރާވާފައިވާއިރު، މިއީ މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ތެރެއިން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅެވޭ ގޮތަށް ބޮޑު ލުއެއް ދިން ފަހުން، މާލޭގައި އިންތިޒާމު ކުރާ ފުރަތަމަ މުޒާހަރާ އެވެ.

ނަވާނަވައިގެ ސިޔާސީ ހަރަކާތަކީ ވާތު ފިޔައިގެ ސިޔާސީ ހަރަކާތް ޕްރޮމޯޓް ކުރުމުގައި އުޅޭ ސިޔާސީ ހަރަކާތެކެވެ. އެ ހަރަކާތުން މީގެ ކުރިން ވެސް މިފަދަ ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބާއްވާފައިވެ އެވެ.

އެންމެ ފަހުން ނަވާނަވައިން ބޭއްވި އެ އެއްވުމަކީ ސަރުކާރު ކޯލިޝަންގެ ލީޑަރުން ހެޓޮލް ޖެންގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނިކޮށް އެ ލީޑަރުންގެ ކުރިމަތީގައި ކުރި މުޒާހަރާ އެވެ. އެއީ މަހުޖަނުންގެ ނުފޫޒު ވަންނަ ގޮތަށް ވާދަވެރިކަން ގެއްލޭ ގޮތަށް އިންތިހާބަށް ކެންޑިޑޭޓުން ނުނެރުމަށް ގޮވާލާ ބޭއްްވި މުޒާހަރާ އެކެވެ.