ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ މުޒާހަރާއެއް: އަޑު އުފުލީ ފުލުހުންގެ ބިލާ ދެކޮޅަށް

ފުލުހުންގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް ފުލުހުންގެ ބިލެއް ފަރުމާ ކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސަޕޯޓަރުންތަކެއް މިއަދު މުޒާހަރާއެއް ކޮށްފި އެވެ.

އެ ދެ ޕާޓީގެ ސަޕޯޓަރުން އެއްވީ ސޯސަން މަގާއި މަޖިދީ މަގު ކަންމައްޗަށެވެ. އެއްވި މީހުން ގެންގުޅުނު ބޯޑުތަކުގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝިދާ ދެކޮޅު ޝުއޫރުތައް ލިޔެފައިވެ އެވެ.

މިއަދު ހެނދުނު 10:00 ޖަހާކަށް ހާއިރު ފެށި އެ މުޒާހަރާ ރޫޅައިލަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ ކައިރިއަށް އެއް ނުވެވޭ ގޮތަށް އެ މަގު ބަންދުކޮށްފައި ވެ އެވެ. އަދި މަގު ކައިރީގައި ސެކިއުރިޓީ ބަލަހައްޓަން ފުލުހުން އެއްވެ ތިއްބެވެ އެވެ. ބައިގަޑިއެއްހާއިރު ވަންދެން އަޑު އުފުލުމަށް ފަހު، މުޒާހަރާގެ ބައިވެރިން ވަނީ އެ ތަން ދޫކޮށް އަމިއްލައަށް މުޒާހަރާ ރޫޅާލާފަ އެވެ.

ފުލުހުންގެ ބިލާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން މުޒާހަރާކުރިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ހާލުގައި ޖެހުނު އާދައިގެ މީހުނަށް އެހީވާން މަޖިލީހުގެ މެންބަރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ވާތު ފިޔައިގެ ސިޔާސީ ހަރަކާތަކުން ވެސް މިއަދު މަޖިލީސް ކައިރިއަށް މުޒާހަރާ ކުރާން އެއްވި އެވެ.

ނަވާނަވައިގެ ސިޔާސީ ހަރަކާތުން އިސްވެ އިންތިމާޒު ކޮށްގެން މަޖިލިސް ކައިރީ ފެށި މުޒާހަރާގައި ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން ތިބި އިރު، މާ ގިނައިރުތަކެއް ނުވެ މަޖިލިސް ކައިރީގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުން ވަނީ އެ މީހުން ދުރަށް ޖައްސާފަ އެވެ.

މި ދެ މުޒާހަރާގެ ބައިވެރިން ވެސް މަޖިލިސް ކައިިރިއަށް އެއް ނުވެވޭ ގޮތަށް ފުލުހުން މަގު ބަންދު ކޮށްފައިވާއިރު، މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ތެރެއިން ލުއި ދީފައިވާ މި މަރުހަލާގައި ވެސް މަގުމަތީގައި ގިނަ މީހުން އެ ގޮތަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.