ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުޒާހަރާ

މަޖިލިސް ކައިރީ މުޒާހަރާ ފެށުމާއެކު ދުރަށް ޖައްސައިފި

ސިޔާސީ ހަރަކާތެއްގެ ގޮތުގައި ހިންގާ ޖަމާއަތެއް ކަމަށްވާ "ނަވާނަވައި" އިން އިސްވެ މިއަދު ރައްޔިތުންގެ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަން ފެށުމުން އެ ސަރަހައްދުން ދުރަށް ޖައްސައިފި އެވެ.

މިއަދު ހެނދުނު މަޖިލިސް ޖަލްސާ ފެށުމުގެ ކުރިން 8:30 ގައި މަޖިލިސް ކުރާ އިމާރާތް ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވެ ތިއްބެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން އެއްވެއް މުޒާހަރާއެއް ފެށުމާއެކު ފުލުހުން ވަނީ އެ މުޒާހަރާ ކުރަން ދިޔަ މީހުން ދުރަށް ޖައްސާފަ އެވެ.

ވަކި ހިސާބަކަށް ދުރަށް ޖެއްސުމަށް ފަހު ހޮޓެލް ޖެންއާ ކައިރިން ބެރެކޭޑް ޖަހައި މަޖިލީހުގެ އިދާރާއާ ކައިރިއަށް ނުދެވޭ ގޮތަށް މަގުތައް މިހާރު ވަނީ ބަންދު ކޮށްފަ އެވެ.

މުޒަހާރާގެ ބައިވެރިން މިހާރު ދަނީ އެ ތަނުގައި ތިބެގެން އަޑުއުފުލަމުންނެވެ. އެ މީހުން ތިބީ މާސްކް އަޅައިގެނެވެ. ކޮންމެ މީހެއްގެ އަތުގައި މަޖިލީހުގެ މެންބަރުންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން އޮތްކަން އަންގައިދޭ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެއެވެ.

"މަޖިލިސް ހޭލައްވަން" ނަމުގައި ކުރިއަށް އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަޖިލީހުގެ ތެރޭގައި މެންބަރުން ސިޔާސީ ސަރަކާތްތައް ޖެހުން ހުއްޓާލުމަށެވެ. ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށެވެ. ސަރުކާރާއި މަޖިލީހުން ވެފައިވާ ވައުދުތައް ފުއްދުމަށެވެ.

މި ގޮތުން "ސިޔާސީ ސަކަރާތް ޖެހުން ހުއްޓާލާ" އާއި "ހިޔާވަހިކަން އެންމެނަށް" އާއި "ސަރުކާރަށް ބޭރުން ލިބުނު ޑޮލަރުތައް ކޮބައި" އާއި "ދޭން ބުނި އެހީތައް ނުލިބޭ، އެހީތައް ކޮބައި" ފަދަ ޝުއޫރުތައް މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވެ އެވެ.

މަޖިލިސް ކައިރީ މުޒާހަރާ ކުރަން ފެށުމުން، މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސާފައި މިވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގައި މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުނަށް ގެނައި ލުއިގެ މި މަރުހާލަގައި ވެސް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިއްޔެ އިލްތިމާސް ކުރުމަށް ފަހުގަ އެވެ.

ފުލުހުން އެ ގޮތަށް އިލްތިމާސްކުރި ނަމަވެސް ނަވާނަވައިގެ ހަރަކާތުން ނިންމާފައި ވަނީ މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ. އެއްވުންތައް ބޭއްވުން މަނާ ކުރާ ހާލަތެއްގައި ވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ނަވާނަވައިން ބުނެފައިވެ އެވެ.

ނަވާނަވައިން އިސްވެގެން މަޖިލިސް ކައިރީ މުޒާހަރާ ކުރަން ފެށިއިރު، މިއީ މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ތެރެއިން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅެވޭ ގޮތަށް ބޮޑު ލުއެއް ދިން ފަހުން، މާލޭގައި އިންތިޒާމު ކޮށްގެން ކުރަމުންދާ ފުރަތަމަ މުޒާހަރާ އެވެ.