ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރޮޒައިނާ އާދަމް

ރައްކާތެރި ފިޔަވަޅުތަކާއެކު އިޖްތިޖާޖްގެ ފުރުސަތު ދެވެން ވާނެ: ރޮަޒައިނާ

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީގައި އާންމު އާ ހާލަތުގެ ތެރެއިން މާލެ މަގުމަތީގައި ވެސް އިހްތިޖާޖް ކުރުމާއި މުޒާހަރާ ކުރުމާއި އަޑުއުފުލުމުގެ ފުރުސަތު ދެވެން ވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުން ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަނުޖެހިގެން މިއަދު ހެނދުނު ދެ މުޒާހަރާއެއް ކުރި އެވެ. ފުލުހުން ވަނީ މަޖިލިސް ކައިރިއަށް އެ ދެ މުޒާހަރާގެ ބައިވެރިން ވެސް ޖަމާނުވެވޭނެ ގޮތަށް މަގު ބަންދުކޮށްފަ އެވެ. ފުލުހުން ބުނަނީ ލޮކްޑައުންގެ ތެރެއިން މިހާރު ދީފައިވާ ލުއީގެ މަރުހަލާގައި ވެސް އެ ގޮތަށް ގިނަ މީހުން އެއްވެގެން ނުވާނެ އެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރުގައި އުޅެވޭނެ ގޮތަށް ލޮކްޑައުނަށް ބޮޑު ލުއެއް ދީފައިވާތީ މަގުމަތީގައި އިހްތިޖާޖް ކުރުމަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ދެވެން ވާނެ ކަމަށެވެ. ހިޔާލު ފާޅު ކުރުމަކީ ގާނޫނު އަސާސީން ދީފައިވާ އަސާސީ ހައްގެއް ކަމުން އެ ފުރުސަތު ދެވެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ އެއްވުންތައް ބޭއްވުމަށް ޖާގަ ވެދެން ވާނެ ކަމަށް، ގައިދުރުވުމުގެ ހަމަތަކާއި މާސްކް އެޅުމާއި އެޗްޕީއޭއިން ދީފައިވާ ރައްކާތެރިކަމުގެ އިރުޝާދުތަކާ އެއް ގޮތަށް ފިޔަވަޅުތަކެއް އަޅައިގެން އެއްވެވެން ވާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

އެއް މުޒާހަރާއަކީ މި ބަލިމަޑުކަމުގެ ހާލަތުގައި އާންމުން ހާލުގައި ޖެހިފައިވާއިރު މަޖިލީހުގެ ތެރެއިން ހައްލުތަކެއް ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނެ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިން ބޭއްވި މުޒާހަރާއެވެ. ހެނދުނު 8:30 ހާއިރު ފެށި އެ މުޒާހަރާ ގަޑިއިރެއް ތެރޭ ނިންމާލި އެވެ. އަލުން މެންދުރު ފަށާނެ ކަމަށް ބުނެފަ އެވެ.

އަނެއް މުޒާހަރާއަކީ ފުލުހުންނަށް މަޖިލީހުގެ ތެރެއިން ނުފޫޒު ވައްދަނީ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސަޕޯޓަރުން ކުރި މުޒާހަރާއެކެވެ. ހެނދުނު 10:00 ހާއިރު ފެށި މުޒާހަރާގެ ބައިވެރިން ވަނީ ގާތްގަނޑަކަށް ބައިގަޑިއިރެއް ވަން ދެން އަޑު އުފުލުމަށް ފަހު، މުޒަހާރާ ނިންމާލައިފަ އެވެ.