ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ލޮކްޑައުން ނިމެންދެން މަޑުނުކުރެވޭނެ ކަމަށް ނަޝީދު އަންގަވައިފި

މާލޭ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން ހަމަވާން ދެ ދުވަހަށް ވެފައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރެއްވުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލި އެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

ނަމަވެސް މާދަމާ އިން ފެށިގެން އަލުން މަޖިލީހުގެ މާލަމަށް މެންބަރުން އެއްވެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ކަމަށް އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހިމެނޭ ހާއްސަ އުސޫލެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން މާލަމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ ގޮތުން މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.