ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އެޗްޕީއޭގެ އެންގުންތަކަކީ މަޖިލީހަށް އިހުތިޔާރެއްތަ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އާދީއްތަ ދުވަހު ނިންމެވި ނިންމެވުމާއެކު އެމަނިކުފާނަށާއި އެމަނިކުފާނުގެ ނިންމެވުން ދިފާއު ކުރެއްވި މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް މާލެ ލޮކްޑައުުން ކޮށްފައި ވަނިކޮށް، މެންބަރުން ތަޅުމަށް އެއްވެގެން ޖަލްސާތައް ބާއްވަން ނިންމެވުމުންނެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އާއި އެޖެންސީގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންދެ އެވެ. ކޮވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ރަށްރަށް ލޮކްޑައުން ކުރުމާއި ހިދުމަތް ދޭ ތަންތަން ބަންދު ކުރުމުގެ ބޮޑެތި ނިންމުންތައް ސަރުކާރުން ނިންމާފައި ވަނީ ޕަބްލިކް ހެލްތަށް ލިބިދޭ އެ ބާރުގެ ތެރެއިން އެ ފަރާތުން ދޭ ލަފާގެ މަތިންނެވެ.

އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނުހޯދައި، މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި މެންބަރުން އެއްވެ ބާއްވަން މަޖިލީހުގެ ރައީސް ނަޝީދު ނިންމަވައި ހަމައެކަނި އެޗްޕީއޭއަށް އެ ކަން އަންގަވާފައި ކުރައްވަން އުޅުއްވުމުން ބޮޑެތި ފާޑުކިއުންތަކެއް އެމަނިކުފާނަށް އަމާޒުވެގެން ދިޔަ އެވެ. އެއީ ގާނޫނާ ހިލާފުވުން ކަމުގައި ބައެއް ގާނޫނީ ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިއްބެވި ބައެއް ގާނޫނީ ވަކީލުން ވެސް ސިފަ ކުރެއްވި އެވެ.

މި ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ރައީސް ނަޝީދުގެ ނިންމެވުމާ ދެކޮޅު ހެއްދެވި އެވެ. އެންމެ ބޮޑަށް ޓްވީޓާގައި އެކަމުގައި ދެކޮޅު ހައްދަވަމުން ގެންދެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އޭގެ ފަހުން ނަޝީދުގެ ނިންމެވުން ދިފާއު ކުރައްވައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޓްވީޓް ކުރައްވަން ފެށްޓެވި އެވެ.

މަޖިލީހުގެ މެންބަރުން ޓްވީޓާގައި ޖަލްސާ ބާއްވައި ބަހުސް ގަދަކޮށްފައި ވަނިކޮށް، އެންމެ ފަހުން އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ޝަރުތުތަކަކާއެކު މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމުގެ ހުއްދަ ދިނެވެ. އޭގެ ކުރިން ވެސް މަޖިލީހުން އޮތީ އަޅާނެ ފިޔަވަޅުތަކުގެ އުސޫލެއް އެކުލަވާލާފަ އެވެ. މަޖިލީހުގެ ޖަލްސާ އިއްޔެ ބޭއްވީ ކުރިން އެކުލަވާލި އުސޫލުގެ ތެރެއަށް އެޗްޕީއޭގެ އިރުޝާދުތައް ވެސް ހިމެނުމަށް ފަހުގަ އެވެ.

ނަމަވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހުމުގައި ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ މަޖިލީހަށް އޮތް އިހުތިޔާރެކެވެ. އެޗްޕީއޭގެ އެންގުންތަކަކީ މަޖިލީހަށް އިހުތިޔާރެއް ހެއްޔެވެ؟ މަޖިލީހުގެ ކަންކަން ނިންމުމުގައި އެޗްޕީއޭގެ ހުއްދަ ހޯދަން ނުޖެހެނީ ހެއްޔެވެ؟ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކުރަން ޖެހޭނަމަ މަޖިލީހުގެ ބާރުގެ ތެރެއަށް ވަދެވެނީ ނޫން ހެއްޔެވެ؟

"މަޖިލިސް ހިންގާނެ ގޮތް ނިންމާނީ މަޖިލީހުން"

މި މައްސަލާގައި ގާނޫނީ ބޭފުޅުންގެ ހިޔާލު ތަފާތުވާ ކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ފޭސްބުކްގައި ކުރެއްވި ޕޯސްޓަކުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ސިއްހީ ކުއްލި ހާލަތުގައި ސްކޫލާއި އެއާޕޯޓާއި އާންމު ހިދުމަތް ދޭ ތަންތަން ބަންދު ކުރުމާއި މިންގަނޑު ކަނޑައެޅުމުގެ ބާރު އެޗްޕީއޭއަށް އޮވެ އެވެ. އެކަމަކު އެފަދަ އެންގުންތަކަކީ ރައްޔިތުންގެ މަޖިލީހަށް އިހުތިޔާރެކެވެ.

"އެޗްޕީއޭގެ އުސޫލުތަކާއި އެއް ގޮތަށް ސަރުކާރު ބަންދު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުގައި އޮންނަ ކަމެއް، ހަމަ އެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރުމަށް ޓަކައި އެޗްޕީއޭގެ އުސޫލުތަކާ އެއް ގޮތަށް ގެންދިއުމަކީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންނަށް އޮންނަ އިހުތިޔާރެއް،" ފާއިޒު ވިދާޅުވި އެވެ.

ފާއިޒު އިތުރަށް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާއިރު ގާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ތެރެއިން އެމަނިކުފާނު އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ޝަރުއީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު އުމަރު ކުރެއްވުމުގެ ބާރެއް ނޯވެ އެވެ.

"ގާނޫނު އަސާސީގެ ދަށުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުެ މައްޗަށް ބަސް ވިދާޅުވެ ގޮތް ކަނޑައެޅުމުގެ ބާރު ރައީސަކަށް ލިބިވަޑައެއް ނުގަންނަވާ، ހަމަ އެ ގޮތަށް އެ ހާލަތުގައި ސުޕްރީމް ކޯޓުގެ މައްޗަށް ބަސް ވިދާޅުވެ ގޮތް ކަނޑައެޅުމުގެ ބާރު ވެސް ލިބިވަޑައެއް ނުގަންނަވާ،" ފާއިޒު ވިދާޅުވި އެވެ.

ފާާއިޒުގެ ނުކުތާއަށް ތާއީދު ކުރައްވާ ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ތަނާއި ބާއްވާނެ ވަގުތު ކަނޑައަޅާނީ އެ މަޖިލީހަށެވެ. އެއްވެސް ހާލަތެއްގައި މަޖިލީހުން އަމަލު ކުރަން ޖެހޭ ގޮތެއް އެހެން އިދާރާއަކަށް އެންގުމުގެ ބާރެއް ނޯވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވެސް އެ ކަމަކަށް ބަދަލެއް ނާދެ އެވެ.

"ގާނޫނު އަސާސީގައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް މަޖިލީސް ހިންގުމުގެ ފުރުސަތު އޮވޭ. މީގަ އޮންނާނެ ގޮތަކީ މަޖިލީހުން އަމަލު ކުރަންވީ ގޮތް މަޖިލީހުން ނިންމުން، އެހެން އިދާރާއެއްގެ ކަމަކަށް ވާނީ އެ ކަމަށް މަޖިލީހަށް މަގުފަހިކޮށް ދިނުން، ތަޅުމުގައި ޖަލްސާ ބާއްވަން ނިންމީމައި، އެޗްޕީއޭއަށް އޮންނާނެ ކަމަކީ، އަޅާނެ ރައްކާތެރި ފިޔަވަޅުތަކުގެ އިރުޝާދެއް މަޖިލީހަށް ދިނުން،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ވެބްކޮންފެރެންސް މެދުވެރިކޮށް މަހަކަށް ވުރެ ގިނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށްފަހު، ތަޅުމަށް އެއްވެ ޖަލްސާ ބާއްވަން ރައީސް ނަޝީދު ނިންމެވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލެއް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމާ ގުޅިގެނެވެ. ގާނޫނީ ބައެއް ބޭފުޅުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުން ފަދަ ކަމެއް ކުރަން ވާނީ ވެސް ތަޅުމަށް އެއްވެގެން ކަމަށް ވިދާޅުވެފަ އެވެ.

"މަޖިލީހުގެ ޖަލްސާއަށް އޮތީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެޖެންޑާ ކުރެވިފަ. މި ހާލަތުގައި މަޖިލީހުގެ މެންބަރުންނަށް ހުރަހެއް އޮވެގެން ނުވާނެ، މިއީ ހާއްސަ ހާލަތެއް، މި ކަމުގައި ފަހު ބަސް ބުނާނީ ރައްޔިތުންގެ މަޖިލީހުން،" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވި އެވެ.

މި ހިޔާލު ތަފާތުވުން ބޮޑު ބަހުސްގެ ތެރެއިން ވެސް އެންމެން އެއްބަސްވާ ބައެއް ކަންކަން އެބަ ހުއްޓެވެ. މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓާލައިގެން ތިބެވެން ނެތް ކަމެވ މި ހާލަތާ ގުޅިގެން ފާސްކުރަން ޖެހޭ ގާނޫނުތައް ގިނަ ކަމެވެ. އެ ކަންކަން ހަމަޖެއްސުމުގައި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދު ވެސް މުހިއްމު ކަމެވެ.

މިއީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެކެވެ. ބޮޑު ބަލިމަޑުކަމަކާއެކު ދުނިޔޭގެ އިގުތިސާދު މި އޮތީ ހުއްޓިފަ އެވެ. ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ނިކަމެތި ހާލެއްގަ އެވެ. މި ހާލަތުގައި ގާނޫނީ ދައުލަތް އަމުދުން ހިންގަން ޖެހެ އެވެ. މަޖިލީހުގެ މެންބަރުންގެ ގާނޫނީ ޒިންމާ އަދާ ކުރެއްވަން ޖެހެ އެވެ. އޭގައި ހުރަހެއް ވެސް އޮވެގެން ނުވާނެ އެވެ. މެންބަރުން ވެސް އާންމު ސިއްހަތަށާއި ރައްޔިތުންގެ ރައްކާތެރި ކަމަށް އިސްކަން ދޭން ޖެހެ އެވެ.