ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުދި ވިޔަފާރިތަކަށް 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

Jul 29, 2020
1

ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން 198 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިއަ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 1,427 ފަރާތަކަށް 198 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، އެސްޑީއެފްސީއިން ދޫކުރާ ލޯނަށް އެދި ޖުމްލަ 2،983 ފަރާތަކުން ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ލޯނު ދިނުމަށް ނިންމާފައިވަނީ 1،711 ފަރާތަަކަށް ޖުމްލަ 301 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ހަމަޖެހިފައިވަނީ މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ 658 ވިޔަފާރިއަކަށް 156.1 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެން އެންމެ ގިނައިން ލޯނު ހަމަޖެހިފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން، އަމިއްލަ މަސައްކަތް ކުރާ 494 ފަރާތަކަަށް 14.7 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކުން ލޯނަށް އެދި ހުށަހެޅި 683 ފަރާތުގެ ތެރެއިން 456 ފަރާތަކަށް ލޯން ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ ޖުމްލަ 97.6 މިލިއަން ރުފިޔާގެ ލޯނެވެ.

ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީން ތައާރަފު ކޮށްފައިވާ މި ލޯނު ސްކީމު ގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ޖެހެނީ ގިނަ ވެގެން ތިން އަހަރު ލިބެ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް "2.5 ބިލިއަން ރުފިޔާގެ ރިލީޕް ޕެކޭޖެއް" ވަނީ ނެރެފަ އެވެ.