ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސާކް ފަންޑުން ރާއްޖެއަށް އެއް މިލިއަން ޑޮލަރުގެ އެހީ

Aug 11, 2020
1

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކް ގައުމުތަކުން ކުރާ މަސައްކަތަށް ސާކް ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ޖުމްލަ 7.7 މިލިއަން ޑޮލަރު ދޫކުރަން ނިންމާފައިވާކަމަށް އެ ފަންޑުގެ ބޯޑުން ބުނެފި އެވެ.

އެސްޑީއެފުން ބުނީ މިދިއަ މަހުގެ ފަހު ކޮޅު ބޭއްވި ބޯޑު ބައްދަލުވުމުގައި ސާކުގެ ހަތް ގައުމަކުން ހުށަހެޅި ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ޖުމްލަ 7.7 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ހުށަހެޅުނު ޕްރޮޕޯޒަލްތަކާ އެއް ގޮތަށް ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނަށް އެއް މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު، އަފްގާނިސްތާނަށް 1.54 މިލިއަން އަދި ސްރީލަންކާއަށް 1.2 މިލިއަން ޑޮލަރު ދޭނެކަމަށް އެ ފަންޑުން ބުންޏެވެ.

މި އެހީ ދޫކުރަން ނިންމާފައިވަނީ، އެ ފަންޑުގެ އިޖުތިމާއީ ބައިގެ ތެރެއިން، މައިގަނޑު ގޮތެއްގައި ކޮވިޑް-19 އާ ދެކޮޅަށް މެންބަރު ގައުމުތަކުން ކުރާ މަސައްކަތްތަކަށް ކަމަށް އެސްޑީއެފްގެ ސީއީއޯ ޑރ. ސުނިލް މޯޓީވާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ، މެންބަރު ގައުމުތަކަށް މިހާ ދަތި އުނދަގޫ ދުވަސްވަރެއްގައި އެސްޑީއެފް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވުނީމާ،" ޑރ. މޯޓީވާލް ވިދާޅުވި އެވެ.

ސާކް ގައުމުތަކުގެ މެދުގައި އިގުތިސޯދީ ގުޅުން ވަރުގަދަކުރުމުގެ މަގުސަދުގައި 2010 ވަނަ އަހަރު އުފެއްދި އެސްޑީއެފުން ސާކްގެ އެކި ގައުމުތަކުގައި މިހާރުވެސް 214 މިލިއަން އެމެރިކާ ޑޮލަރުގެ 100 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށްދާކަމަށް ބުންޏެވެ.

އެގޮތުން، ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ފަންޑުގެ އެހީގައި ސާކް ސަރަހައްދުގެ އެތަކެއް މިލިއަން މީހުނަށް ފައިދާކުރާނެ 50 އަށް ވުރެ ގިނަ މަޝްރޫއު ނިންމާފައިވާކަމަށް އެސްޑީއެފުން ބުނެފައިވެ އެވެ.