ކޮވިޑް-19 އާ ގުޅިގެން ގެއްލުންވެފައިވާ ބޮޑެތި ވިޔަފާރިތަކަށް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 475.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިއަ ހޯމަ ދުވަހާ ހަމައަށް ބީއެމްއެލް އިން ޖުމްލަ 330 ކުންފުންޏަކަށް ވަނީ 475.5 މިލިއަން ރުފިޔާ ދޫކޮށްފައި އެވެ.
އެ ދުވަހާ ހަމައަށް އެމެރިކާ ޑޮލަރުން ހަ މިލިއަން ދޫކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބީއެމްއެލް އިން ފައިނޭންސްކޮށް ދެނީ ރިސޯޓްތަކުގެ އިތުރުން، އަހަރެއްގެ މައްޗަށް ޓާންއޯވާ 10 މިލިއަނަށް ވުރެ މަތިން ލިބޭ ވިޔަފާރި ތަކަށެވެ.
ބޭންކް އިން ދޭ މި ފައިނޭންސް ސްކީމު ލޯނު ދޫކުރަނީ އަހަރަކު ހަ ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ. މި ފައިސާ އަނބުރާ ދައްކަން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ. އަދި ލޯނު ދައްކަން ހަލާސް ކުރަން ތިން އަހަރު ދޭނެ އެވެ.
ކޮވިޑާ ގުޅިގެން ގެއްލުން ލިބިގެން، ބީއެމްއެލް އަށް މިހާތަނަށް 542 ފަރާތަކުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން، މިހާތަނަށް 367 ފަރާތަކަށް ލޯނު ދޭން ނިންމާފައިވާއިރު، އިތުރު 31 އެޕްލިކޭޝަނެއް އަދި ޕްރޯސެސް ކުރެވެމުންދާ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ފަރާތްތަކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގައި ހުރި ހުރިހާ ލޯނެއް ފަސްކޮށްދީފަ އެވެ. ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް "2.5 ބިލިއަން ރުފިޔާގެ ރިލީޕް ޕެކޭޖެއް" ނެރެފަ އެވެ.
މި ޕެކޭޖުގައި ކުދި ވިޔަފާރިތަކަށް އެހީވުމުގެ ބައެއްވެސް ހިމެނެ އެވެ. އެ ބައިން އެހީ ދެނީ، އެސްޑީއެފްސީންނެވެ. އެގޮތުން، މިދިއަ ހޯމަ ދުވަހާ ހަމައަށް އެ ބޭންކު މެދުވެރިކޮށް 198 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.