ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިގުތިސޯދު ކޮޅަށް ޖަހަން އެންމެ އިސްކަމެއް ލާމަރުކަޒުކުރުމާއި ދަނޑުވެރިކަމަށް

Jul 22, 2020
1

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރައިގަނެ، އިގުތިސޯދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެކަމަށް އެކުލާލެއްވި ނެޝަނަލް ޓާސްކް ފޯހާއެކު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވާކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ވަނީ ރައީސް އާއި ޓާސްކްފޯސްގެ މެންބަރުންގެ މަޝްވަރާއަށް ދެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައި ކަމަށެވެ.

މި ގޮތުން ހުށަހެޅުއްވި ފުރަތަމަ ޕްރެޒެންޓޭޝަންގައި، ކޮވިޑް-19 އިގެ ސަބަބުން މާލީ ގޮތުންނާއި އިގުތިސޯދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ހިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގައި އިގުތިސޯދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް މި ޕްރެޒެންޓޭޝަންގައި ވަނީ ހިމަނައިފަ އެވެ.

މި ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހުގެ އިތުރުން އާއި ޓާސްކްފޯހުގެ މެމްބަރުންވަނީ، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި ގެންނަން ނިންމާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސް އާއި ޓާސްކްފޯހުގެ މެމްބަރުން ވަނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ އެ ތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްގީ ކުރުމުގެ މަގްސަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި އެ މަސައްކަތްތައް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް މަޝްވަރާކުރައްވައިފަ އެވެ.

މީގެ އިތުރުން، މި ސިނާއަތް ތަރައްގީ ކުރުމުގައި ދަނޑުވެރިންނާއި މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާމެދު ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުން ބުންޏެވެ.