ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުތަކާއި ދަނޑުވެރި ރަށްތަކުގެ ބިމު ކުއްލި ފަސްކޮށްދީފި

May 20, 2020

ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށާއި ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ރިސޯޓުތަކާއި ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި ފަސްކޮށްދެވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ މިހާރު ގައުމަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ، ހާއްސަކޮށް ޓޫރިޒަމް އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިޒޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސް ދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރިސޯޓުތަކާއި ދަނޑުވެރި ރަށްތަކުގެ އިތުރުން، ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

އަދި މި ހާލަތުގެ ތެރެއިން ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، އިގުތިސޯދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މިއީ އެކަންކަން އިސްލާހުކުރަން ލިބޭ ފުރުސަތެއް ކަމުގައި ދެކި، މިއީ ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށާ ނަމަވެސް އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް މިރޭ ވަނީ ވިދާޅުވެފަ އެވެ.