ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކޮވިޑާއެކު ރާއްޖޭގެ ރިހޭ ފައި މައްޗަށް ފޮއި!

ޝިފާއެއް އަދި ހޯދިފައި ނުވާ، ކޮވިޑް-19 އިގެ ބަލާއާފާތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އެ ދަނީ ކޮންމެ ދުވަހަކު ދުނިޔެއަށް ފިލާވަޅެއް ނަގައިދެމުންނެވެ. މީގެ ކުރިން ބީރު ކަންފަތެއް ދީގެން ތިބި އެތައް ހަގީގަތްތަކަށް ލޯ ހުޅުވައިދީ ހޭލައްވަމުންނެވެ. ބިޔަ ވަރުގަދަ ބާރުތައް ކުޑަކަކޫ މައްޗަށް ތިރި ކުރުވަމުން އަސްކަރިއްޔާ ކިތަންމެ ވަރުގަދަ ނަމަވެސް، ސިއްހީ ނިޒާމުގައި ހުރި ނިކަމެތިކަން ހާމަކޮށް ދެމުންނެވެ. ކުރިއަރާފައިވާ ކަމަށް ދައުވާ ކުރާ ބައްރުތައް ވަނީ ލަދުގަނެ އިސް ދަށަސް ޖެހިފަ އެވެ. މި ގޮތް މެދުވެރިވީ ދުނިޔޭގައި ބަލިމަޑު ކަމުގެ ބަލާއާފާތެއް ފެތުރިއްޖެނަމަ، އެކަމާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ގާބިލުކަން ނެތް ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވަމުން ގެންދަވާތާ އެތަކެއް އަހަރުވެ، އެ އިންޒާރުތައް އަޑުއިވުނު ލީޑަރަކު ނެތި އެވެ. ކުރިން އެކަން ކަމަށް ސަމާލުކަން ނުދިނުމުގެ އަގު ކޮންމެ ގައުމަކުން ވެސް މިވަނީ އަދާ ކުރަން ޖެހިފަ އެވެ.

ކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް މިވަގުތު ކުރިމަތިވެފައި މިވަނީ އެފަދަ ނިކަމެތި ހާލެކެވެ. ސިއްހީ ވަސީލަތްތައް ޒަމާނުއްސުރެ ފުރިހަމަ ވެފައި ނެތް ގައުމަކަށް މި ބަލާއާފާތުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ސިއްހީ ނިޒާމާއެކު، މި ކާރިސާގެ ތެރެއިން، މައްސަލައިގެ ގޮތުގައި އޮވެ އޮވެ މުސްކުޅިވެފައިވާ އެތައް މައްސަލައެއް ރާއްޖެއިން ވެސް މިވަނީ ފެންމަތިވެފަ އެވެ. އިހުއްސުރެ ހުރިހާ ސަރުކާރުތަކުން ކާޕެޓު ދަށަށް ކޮށްޕާލައި ފޮރުވި އެތައް އިހުމާލެއް މިވަނީ ބޭރަށް ނުކުމެ ބޭޒާރުވެފަ އެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ތެރެއިން ދުނިޔެއާއެކު ރާއްޖެ ބަނޑަށް ޖެއްސި ބޮޑުތަދަށްފަހު، ދިވެހިން ތަހައްމަލު ކުރާ އެންމެ ދަތި އުނދަގޫ ވަގުތުގައި ގައުމުގެ ބަލިފައަކަށް ވެފައިވަނީ މިހާރު "ކުނިވެ ފުޅައަޅާފައި" ވާ އިހުމާލުގެ މައްސަލަތެކެވެ.

ޓޫރިޒަމް ހުއްޓި އާމްދަނީގެ ދޮރުތައް ބަންދު

މި ބަލާ މުސީބާތުގެ ކަޅު، އަދި ބޯ ވިލާގަނޑު ރާއްޖޭގެ އުދަރެސް ބައްދާލުމުގެ ކުރިން، އެކަމަށް ތައްޔާރުވެ، ދުރާލައި ފިޔަވަޅުތައް އަޅަން އެންމެ ބޮޑު ހުރަހަކަށްވީ އިގުތިސޯދުގެ މައި އިންޖީނު ނިވަލައިފިނަމަ ވެގެންދާނެ ގޮތެއް ނޭނގޭތީ އެކަމަށް އޮތް ބިރެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނސްބަތަށް ޓޫރިޒަމް ހިއްސާ އޮތް މިންވަރު ހުރީ 70 ޕަސަންޓަށް ވުރެ މަތީގަ އެވެ. އެއީ އަދި ސީދާ ގޮތުންނެވެ. ނުސީދާ ގޮތުން އެ ސިނާއަތާ ގުޅިފައިހުރި އެތަކެއް ވިޔަފާރިތަކަކާއި ވަޒީފާތަކަކާއެކު އެ އަދަދު 80 ޕަސަންޓަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮވިޑް-19 އިގެ ފުރަތަމަ ކޭސް ރާއްޖޭން ފެނުމުގެ ކުރިން ވެސް ސަރުކާރުގެ އޮފިޝަލުން ފާހަގަ ކުރައްވަމުން ގެންދެވީ އެ ނުކުތާ އެވެ. ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަކީ ސަރުކާރު އެންމެ އިސްކަމެއް ދޭ މަސްއޫލިއްޔަތު ކަމަށް ވިޔަސް، ބޯޑަރު ބަންދު ކުރެވޭނެ ގޮތެއް ނެތީ އެވެ. އެންމެ ޓޫރިސްޓަކު އަންނަން ބޭނުންވެފައި ހުއްޓަސް އެ ފައިސާ ކޮޅަށް ފުރަގަސް ދިނުމަކީ ޗޮއިސް އެއް ނޫނެވެ. އެއީ ސަރުކާރުގެ މަޖުބޫރީ ހާލަތެވެ. އެއްކޮޅުން ބަލި ހުއްޓުވައިގެން، އަނެއް ކޮޅުން ރައްޔިތުން ބަނޑަށް މަރުވެދާނެ ކަމުގެ ބިރެވެ.

ޓޫރިޒަމަށް މުޅި ގައުމު ބަރޯސާވެފައި އޮންނަ މިންވަރާ ގުޅޭގޮތުން ދުނިޔޭގެ އެކި މާލީ އިދާރާތަކުން ކޮންމެ ކްއާޓަރެއްގައި ނެރޭ ރިޕޯޓުތަކުގައި ކަންބޮޑުވުން ފާޅު ކުރަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެ އެވެ.

މީގެ ކުރިން ކުރިމަތިވި 2004 ގެ ސުނާމީ އާއި 2008 ގެ ފައިނޭންޝަލް ކްރައިސިސް ފަދަ ކާރިސާތަކުން ރާއްޖެ ތަހައްމަލު ކުރި އިގުތިސޯދީ ހީނަރު ކަމުން ފިލާވަޅު ނުލިބިގަތުމުގެ ނަތީޖާ އަނެއްކާ ވެސް މިވަނީ ތަހައްމަލު ކުރަންޖެހިފަ އެވެ. ކޮވިޑް-19 އާއެކު ރިސޯޓުތައް ބަންދުކޮށް، އެތަކެއް ހާސް މުވައްޒަފުންގެ ވަޒީފާތައް ވަނީ ގެއްލިފަ އެވެ. ޓޫރިޒަމާ ގުޅި ލާމެހިފައި އޮތް ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފަ އެވެ. ދައުލަތަށް އާމްދަނީ ލިބޭ ހުރިހާ ދޮރުތަކެއް ބަންދުވެ، ރަހުމަތްތެރި ގައުމުތަކުގައި އާދޭސް ކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުވެފައި

ރަން ބިސް އަޅަމުން އައި ކުކުޅު ކުއްލިއަކަށް ބިސް އެޅުން ހުއްޓުމާއެކު، ސަރުކާރުގެ އެންމެ ޓޮޕް ލީގު ދުއްވައިގަތީ މި ހުރިހާ ދުވަހަކު ބިކަ ކޮށްފައި ތިބި މަސްވެރިންނާއި ދަނޑުވެރިން ހޯދައި ތިބި ތަނަކުން ނެރޭށެވެ. ކާބޯތަކެތީގެ ހުރިހާ ބާވަތެއް އިމްޕޯޓު ކޮށްގެން، ސަރުކާރުގެ އެއްވެސް އަޅައިލުމެއް ނުލިބި ތިބި ދަނޑުވެރިން ކުއްލިއަކަށް ގައުމީ ބަތަލުންނަށްވީ އެވެ. އެމީހުންގެ އުފެއްދުންތައް ގަންނާނެ މޮޅު ޕްލެޓްފޯމަކާއެކު ސަރުކާރުގެ މައި ކުންފުނި ނުކުތީ އަރުވާޖަހައިގެނެވެ.

އެ ދެ ސިނާއަތާބެހޭ މިނިސްޓަރު ވެސް ހުރިހާ ރައްޔިތުންނަށް ގޮވާލެއްވީ ދަނޑުވެރިކަން ކުރަން ނުކުތުމަށެވެ. ގޭގެ ސިޓިން ރޫމްވިޔަސް ނޫނީ ފާހާނާ ތެރޭގައިވިޔަސް ފަރުވާލެއް ނެތެވެ. އެއިން ރާހަތެއް މަންފާއެއް ލިބޭނެ ދުވަހެއް ވެސް ނުބައްލަވާ، ބަނބުކެޔޮ ގަސް ހައްދާށޭ ވެސް އެކަމަނާއަށް ވިދާޅުވެވުނެވެ. ކަމުގެ ބޮޑު ކަމާއި ހާސްކަން ހުރި މިންވަރުންނެވެ. ރާއްޖެ ބަނޑަށް ނުޖެހި ސަލާމަތް ކޮށް ދެވޭނީ މި ފަސްގަނޑުގައި ހައްދާ އެއްޗަކުންކަން ކުއްލިއަކަށް ވިސްނިވަޑައިގަތީ އެވެ.

ދިވެހި މަސްވެރިންނަށް ވެސް ހަމަ އެފަދަ ޝަރަފެއް ކޮވިޑް-19 އާއެކު ވަނީ ލިބިގެން ގޮސްފަ އެވެ. ބާނާ މަސްކޮޅު ކިރުވޭނެ ގޮތެއް ނެތި، ކަނޑަށް އުކާލަން މަޖުބޫރުވެފައި ތިބި އަދި ކިރުވުނިއްޔާ ފައިސާ ލިބޭނެ ގޮތެއް ނެތި ޝަކުވާ ކުރާންތިބި މަސްވެރިންނަށް ހަމަ ވަގުތުން ގޮތްތަކެއް ހޯދައި ދެއްވި އެވެ. ބޮޑެތި ލޯނުތައް ހަމަޖައްސައިގެން ކުންފުނިތަކަށް މަސް ރައްކާކުރެވޭނެ ޖާގަ އިތުރު ކޮށްދެވުނެވެ.

"ގުއިދަރި" އަށް ހަދާފައިވާ ކުދި ވިޔަފާރި

ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް "ގޮނޑު ހޮވައިގެން" އުޅެން މަޖުބޫރުވެފައި އޮންނަތާ ވެސް އެތައް ޒަމާނެއް ވެއްޖެ އެވެ. ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ހިޔަނީގައި ކުދި ވިޔަފާރިތަކަށް ހިންދެމިލާނެ ފުރުސަތެއް އެއްވެސް ސަރުކާރަކަށް ހޯދައިދެވުނު ކަމަކަށް ނުވި އެވެ. ތޮށިގަނޑު ފަޅާލައި ބޭރަށް ނުކުންނަން ބޭންކަކުން ލޯނެއް ނުލިބެ އެވެ. މުޅި ސިސްޓަމް ބައްޓަން ކޮށްފައި އޮތީ، ކުދި ވިޔަފާރިތައް އެ ގޮތުގައި ގަނަތެޅޭން ތިބޭނެ ގޮތަށެވެ.

އެކަމަކު ކުދި ވިޔަފާރިތަކުގެ މުހިއްމުކަން ބޭރުގެ މާލީ އިދާރާތަކުގެ ރިޕޯޓުތަކުގައި ތަކުރާރުކޮށް "ކޮޕީ ޕޭސްޓް" ކުރަމުން އަންނަތާ ވެސް 1965 ން ފެށިގެން މިއައަށް ވީހާ ދުވަހެއް ވެއްޖެ އެވެ. އިގުތިސޯދުގެ އިތުރުން ވަޒީފާގެ ބާޒާރުގައި އެފަދަ ވިޔަފާރިތައް އަދާކުރާ މުހިއްމު ދައުރާއި، އިގުތިސޯދީ ފުދުންތެރިކަން އިތުރު ކުރެވެން އަންނަނީ އެ ވިޔަފާރިތައް ތަރައްގީ ކޮށްގެން ކަމަށް ބުނަމުންނެވެ.

އާބާދީ ބޮޑު ސިޓީގައި ގައިދުރުކުރުން

ކޮވިޑް-19 އަށް ވެކްސިނެއް އަދި ނެތެވެ. ބަލި ފެތުރުން ހުއްޓުވެން އޮތީ އެންމެ މަގެކެވެ. އެކަކު އަނެކަކުގެ ކިބައިން އެ ބަލި ޖެހުން މަދުކޮށްގެންނެވެ. ޑޮކްޓަރީ ބަހުރުވައިންނަމަ، ގައިދުރުކަން އިތުރު ކޮށްގެންނެވެ. އެއީ ދެ މީހެއްގެ މެދުގައި ހުންނަ ދުރުމިން އިތުރު ކުރުމެވެ.

މި ނުރައްކާތެރި ބައްޔާ ދެކޮޅަށް އޮތް ހަމައެކަނި ހަތިޔާރު ގޮސް ގުޅެނީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ މައްސަލައާ އެވެ. މި ބަލާއާފާތުގެ ތެރެއިން ސަރުކާރަށް އޮތް އެންމެ ބޮޑު ބޮލުރިހުމެއްގެ ސަބަބަކަށް ވެފައިވަނީ ހައްލު ނުކުރެވުނު ބޯހިޔާވަހިކަމުގެ ބޮޑު ބިޔަ މައްސަލަ އެވެ.

ކޮވިޑް-19 އިގެ ކޮމިޔުނިޓީ ސްޕްރެޑެއް ފެނިގެން ގޮސްފައި ވަނީ ތޮއްޖެހޭނެ ވަރަކަށް ތޮއްޖެހޭން ދޫކޮށްލާފައި އޮތް ވެރިރަށް މާލެއިން ކަމީ މީހަކު ހައިރާންވާނެ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ގައިދުރުކަން ބަހައްޓާށޭ އޮފިޝަލުންނައި ޑޮކްޓަރުން ވިދާޅުވީ މާލޭގައި އެކަން ކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ގޭގައި އުޅޭއިރު، އެކަކު އަނެކަކާ ދެމެދު ތިން ފޫޓު ބަހައްޓަން އިލްތިމާސް ކުރިޔަސް އެކަން ކުރެވެން ނެއް ރަށެއްގައި ގިނަ ބައެއްގެ ގާތަށް އަންނާނީ ނުބައި ފާޑެއްގެ ހިންޏެކެވެ. ހަ ފޫޓު ހުންނަ ކޮޓަރިއެއްގައި އިސްކޮޅުން ފަސް ފޫޓަށް ވުރެ ދިގު ދިހަބާރަ މީހުން ނިދާއިރު ގައިދުރަށް ތިން ފޫޓު ހޯދާނެ ގޮތެއް ވިސްނޭ މީހަކު އަދި ނުފެނެ އެވެ.

އަގު ބޮޑު ފިނިހަކަ އިންޓަނެޓް

މިދިއަ މަހު ކޮރޯނާ ވައިރަސްގެ ފުރަމަ ކޭސް މާލޭން ފެނި މުޅި މާލޭ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިންވެސް، ރައްޔިތުން ގޭގައި ތިބުމުގެ އިލްތިމާސްތައް ކުރަމުން ދިއައިރު، އެންމެ ބޮޑު ސުވާލެއް އުފެދިފައި އޮތީ މުއާސަލާތީ ހިދުމަތްތަކާ މެދު އެވެ. މީގެ ކުރިން ނުވާނެއޭ ބުނި އެތައް ކަމެއް، އޮންލައިންކޮށް ކުރާ ގޮތަށް ބަދަލު ކުރުމުން، ރާއްޖޭގައި ދެމުން އަންނަ އިންޓަނެޓު ސްޕީޑާމެދު ޒަމާންވީ ޝަކުވާތައް ކެކިގެން ބަނޑުންވި އެވެ.

އެ ހިދުމަތްތައް ދޭ ކުންފުނިތަކާ ސަރުކާރުން ބައްދަލުކޮށް މި ކާރިސާގެ ތެރެއިން ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެދުނެވެ. އަދި ޕެކޭޖުތައް ހަމަވިއަސް، ސްޕީޑު ލަސް ނުކުރަން ވެސް އެންގި އެވެ. އެއާއެކު އެ ކުންފުނިތަކުން އަނެއްކާވެސް މޮޅު ނަންނަމުގައި ޕެކޭޖުތަކެއް އިއުލާނުކޮށް ތައާރަފުކުރުން ފިޔަވައި ވީ ކަނެއް ހަރާމެވެ.

ކުރިހާވެސް ކަމަކީ މިފަދަ ޒަމާނެއްގައި މިހާރު އާއްމުކޮށް ބޭނުން ވެސް ނުކުރާ ހިދުމަތްތަކެއް "ހިލޭ" އޮއްސާލީ އެވެ. އެކަމަކު ހަގީގީ މައްސަލަ އަދިވެސް ހަމަ އެގޮތުގައި އޮތްކަން، ސަރުކާރުން ވިޑިއޯ ކޮންފަރަންސް މެދުވެރިކޮށް ދެ އިރު ދެދަޅައަށް ބާއްވާ ނޫސްވެރންގެ ބައްދަލުވުމުން ވެސް ރީއްޗަށް އެއޮތީ ފެންނާށެވެ.

ގޮށްޖެހިފައިވާ ބިދޭސީންގެ މައްސަލަ

ގައުމެއްގެ ވަރުގަދަކަން ފެށިގެން އަންނަނީ އެ ގައުމެއްގެ އެންމެ ބަލިކަށި ރައްޔިތު މީހާއާ ހިސާބުންނެވެ. ރާއްޖޭގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އަވަށްޓެރި ގައުމުތަކުން އައިސްތިބި އާދައިގެ މަސައްކަތްތެރީންނެވެ. އަދި އެ އާބާދީގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ އަދަދު އޮތީ ހަމައެކަނި އަންދާޒާއެއްގެ ސިފައިގަ އެވެ. އެ މީހުން އުޅޭ ތަނެއްވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އެނގޭ ކަމަކަށް ނަހަދަ އެވެ. ދޭތެރެ ދޭތެރެއިން ހާމަވެގެން އަންނަ ހާދިސާތަކުން، ހަމައެކަނި އެނގޭ ކަމަކީ އެ މީހުން ދިރިއުޅެމުން އަންނަނީ ވަރަށް ނިކަމެތި ހާލުގައި ކަމެވެ. އިންސާނުން ދިރުއުޅެން އެކަށީގެންނުވާ ހާލެއްގައި ކަމެވެ.

ބަލިމަޑުކަމެއްގެ ނުރައްކާ އެންމެ ބޮޑުވާނީ، ގައުމުގެ އެންމެ ނިކަމެތި އާބާދީގެ ތެރެއިންކަން މިހާރު ސަރުކާރަށް ރަނގަޅަށް އެނގޭނެ އެވެ. ޒަމާނުއްސުރެ ބިދޭސީންގެ މައްސަލަ ހައްލު ނުވެ ބޭއްވުމުގެ ނަތީޖާ މިހާރު ސަރުކާރަށް އޮޅިފައެއް ވެސް ނޯންނާނެ އެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާ މިކުރަނީ ނިކަމެތި ބިދޭސީންނެވެ. ބިދޭސީ "ހާލި" ތަކުގެ ތެރެއަށް ކޮވިޑް-19 ރަނގަޅަށް ވަދެ، އެ ބަލިން އަވަހަށް އަރައިގަތުމަށް ސަރުކާރުން ކުރަމުން އައި އުއްމީދު ރަނގަޅަށް ވެއްޔާ މޮޑެވިއްޖެ އެވެ.

ދެންވެސް އެއްޗެއް ވިސްނެން ވެއްޖެއެއްނު!

މި ބަލާއާފާތުގެ ތެރެއިން ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް ވެސް ކުރިމަތި ވެގެން އުޅެނީ އާ މައްސަލަތަކެއް ނޫނެވެ. ޒަމާނުއްސުރެ އަޅައި ނުލާ އޮތް ގައުމީ މައްސަލަތަކެއް ތެދުވީ އެވެ. ސިއްހީ ނިޒާމު ވާކޮށްފައި ބޭއްވުމުގެ ނަތީޖާ އަރާ ހަމަކުރީ އެވެ. މަސްވެރި ކަމާއި ދަނޑުވެރި ކަމަށް އަޅާ ނުލައި ދޫކޮށްލައި އާ ސިނާއަތްތްތައް ނޫފައްދާ އަދި އުފައްދާން ހުރަސް އަޅައި އެކަނި އެއް ސިނާއަތަކަށް މުޅި ގައުމުގެ ފޯކަސްކޮށްފައި ބޭއްވުމުގެ ހިތަ ރަހަ މިއޮތީ ކަރު ބުޑުގައި ރަނގަޚަށް ލާފަ އެވެ. ސިޔާސީ މީހުނާއި ވިޔަފާރީވެރިންގެ ތެރެއިން އެއިރެއްގެ ސަރުކާރަކާ ގުޅޭ ބައެއްގެ ފައިދާއަށްޓަކައި، ބިދޭސީންގެ މައްސަލަ ނުފެންނަ ކަމަށް ހަދައިގެން އުޅެނިކޮށް، ރަނގަޅަށް ވެސް މި ބޭޒާރުވީ އެވެ.

މި އިހުމާލުތަކުގައި އެއްވެސް ސަރުކާރެއް އަދި ވަކި ސިޔާސީ ލީޑަރެއް ވެސް އިސްތިސްނާއެއް ނުވެ އެވެ. މައުމޫނަކަސް ނަޝީދަކަސް ވަހީދަކަސް ޔާމީނަކަށް ސޯލިހަކަށް ހަމަހަމަ އެވެ. މިއިން އެއްވެސް ކަމެއް ހައްލުނުކޮށް ހަމައެކަނި ފޮތިގަނޑުގައި ވައުދު ލިޔެގެން ތިއްބާ، ގައުމުގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓި މިއޮތީ ޗިސް ޗިސް ވެފަ އެވެ. މި ތަދު ނުފިލައި ހުންނާނީ ކިހާ ދުވަހަކު ކަން އެނގޭނީ މިކަމުން އަރައިގަނެވުނު ދުވަހަކުންނެވެ.