ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަތެއް

މޭ ވިހީގެ ތަގުރީރު: ރައީސްގެ ރަނގަޅު ފެށުމެއް!

ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން، ލޮކްޑައުންގައި ތިބި ރައްޔިތުންނާ މުހާތަބު ކުރައްވައި، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ތަގުރީރު ހަޖަމު ކުރަން ތަންކޮޅެއް އުނދަގޫވި އެވެ. އަތްމަތި އެކީގައި ހުސްވެ، ވިއްސަކަށް ދުވަހު ގޭ ބަންދުވެފައި ތިބި ރައްޔިތުންނަށް ރައީސްގެ ފަރާތްޕުޅުން އޭގެ ކުރިން ތަކުރާރުކޮށް އިވި، އެއްގޯސް ވެފައިވާ ތަފާސް ހިސާބުތަކެއް އެކަނި ވިދާޅުވެ ދެއްވުމުން ގިނަ ބައަކު ހިތްހަމަނުޖެހުމުގެ އިތުރުން މާޔޫސްވީ އެވެ. ކާރިސާއިން އަރައިގަތުމަށް ސަރުކާރުގެ ޕްލޭނާއި ތަސައްވުރެއް ވެސް ހާމަނު ކުރެއްވީމަ އެވެ. އެ ހުރިހާ ކަންބޮޑުވުންތަކުގެ ހައްލެއްގެ ވާހަކަ އަޑުނީވުނުއިރު، އުއްމީދެއްގެ އަލިކަމެއް ވެސް އެ ތަގުރީރަކުން ނައެވެ.

ނަމަވެސް އިތުރު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާން ހަފުތާއަކަށް ވެފައިވާއިރު، އަދި ގައުމު އަދިވެސް ސުވާލު މާކެއްގެ ތެރޭގައި އޮއްވާ، މިދިއަ ބުދަ ދުވަހުގެ ރޭ ރައީސް ސޯލިހު ވަނީ އަނެއްކާ ވެސް ގައުމާ މުހާތަބު ކުރައްވާފަ އެވެ. "މޭ ހަތަރަ" ކާ ހިލާފަށް، "މޭވިހީ" ގައި އެމަނިކުފާނު ރައްޔިތުންނާ ކުރިމަތި ލެއްވީ ވަގުތު ބޭނުންފުޅު ކުރައްވައި ތައްޔާރުވެ ވަޑައިގެންކަން އެނގެ އެވެ.

ކޮވިޑާ ގުޅުންހުރި ހުރިހާ ކަންބޮޑުވުންތަކެއް ބަންޑެލި ކުރައްވައިގެން ރައްޔިތުންގެ ހިތަށް ފިނިކަމެއް ލިތްބައި ދެއްވޭތޯ ޔަގީންކޮށް ދެއްވާ އެ ތަގުރީރުގައި ރައީސް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އެފަދަ ތަފާސް ހިސާބުތަކާއެކީގައި، ހުރިހާ ސުވާލުތަކެއް ވަށައި ޖެއްސޭތޯ ވެސް ވަރަށް މަސައްކަތް ކުރެއްވި އެވެ. އެހެން ކަމުން މިފަހަރު ރައީސް ދެއްވީ ފެންހިފޭ، ރަނގަޅު ތަގުރީރެއް ކަމަށް ނިންމެން އެބައޮތެވެ.

"ރާއްޖޭގައި މި ބަލި [ކޮވިޑް] ފެތުރޭ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެ ކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މި ބަލި ފެތުރޭ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމްހޫރިއްޔާ

ގާތްގަނޑަކަށް 18 މިނެޓްގެ ކުރީން ރިކޯޑް ކޮށްފައިވާ ސްޕީޗް ދެއްވަން ފެއްޓުމާއެކު، ރައީސް އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ ސިއްހީ މާހިރުން ދެއްވާފައިވާ ބިރުވެރި އަންދާޒާތަކާ ދިމާއަށެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މަހެއްހާ ދުވަހުގެ ތެރޭ ހާހުން މައްޗަށް އުފުލިފައިވާއިރު، އެ މުއްދަތުގެ ތެރޭ ކުރިން އަންދާޒާ ކުރި މިންވަރަށް ފެތުރިފައި ނުވާ ވާހަކައިގެ ސަބަބުގެ ތެރެއަށް ވަޑައިގެންނެވި އެވެ.

ލޮކްޑައުންގައި ތިބެ، ރައްޔިތުންވާ ގުރުބާނީގެ އަސަރު މުޅި ގައުމަށް ފެތުރިގެންދާ ގޮތް ވިދާޅުވެ ދެއްވި އެވެ. އާންމުކޮށް ރަނގަޅަށް ހިނގާ ކަންކަމުގެ މެޑަލް ވެރިޔާ ޖެއްސެވުމުގެ ބަދަލުގައި، އެ ކާމިޔާބީއަކީ ސިއްހީ މާހިރުންގެ ލަފާއާއި ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލެއްވުން ވިދާޅުވެ އެ ފަރާތްތަކުގެ ކަރުގައި މެޑަލި އަޅުވައި ދިނެވެ.

"މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން މި ޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުޞަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށްދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން. އެއީ، އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫން،" ރައީސް ވިދާޅުވެފައި ވެއެވެ.

އެކި ގޮތްގޮތުން ދިމާވަމުންދާ ދަތިތަކާއި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް ރައްޔިތުން ވަމުންދާ ގުރުބާނީތައް ވެސް ފާހަގަ ކުރެއްވި އެވެ. ގައުމުގެ ނާރެސް ކަމަށްވާ ވެރިރަށް މާލެ ލޮކްޑައުން ކުރުމުން، އެކި ބޭނުންތަކަށް ރަށުން އައިސް، މާލޭގައި ތާށިވެފައިތިބި މީހުންގެ ހާލަތު ވެސް ހިއްސާ ކުރެއްވި އެވެ.

އެއް ބައަކު ގަބޫލު ކުރަން ބޭނުން ނުވިއަސް، އެ ފަދަ މީހުން އަނބުރާ ރަށަށް ފޮނުވާލުމުގައި ހުރި ނުރައްކާތެރި ކަމާއި ދަތިތައް ވެސް ތަފުސީލު ކޮށްދެއްވި އެވެ. ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި އަނބުރާ ގައުމަށް ނާދެވިފައި ތިބި ދިވެހިން މިސްކޮށް ނުލައްވައި، މި އުނދަގޫ ހާލަތުގައި ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުމަށް ރައީސް ޝުކުރު އަދާ ކުރައްވާފައި ވެއެވެ.

"އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ،"

ހަމައެކަނި ވައިރަހުން ސަލާމަތް ވެގެން ރައްޔިތުންނަށް ފަރުޖައްސާލެވޭކަށް ނެތެވެ. އިގުތިސޯދު އަލުން ހިންގައި، ރައްޔިތުންގެ އަތަށް ފައިސާ ލިބޭނެ މަގެއް ކޮށަން ވެސް ޖެހެ އެވެ. ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ގިނަ ވިޔަފާވެރިން ތިބިއިރު، އެތަކެއް ބައެއްގެ ވަޒީފާ މިހާރު ވަނީ ގެއްލިފަ އެވެ. އެ ކަމަށްވެސް ސަރުކާރު ބީރަށްޓެހި ނޫންކަން ރައީސް ވާހަކަފުޅުން އެނގުނެވެ. ތަފާސް ހިސާބުތަކަކުން ނަމަވެސް، 15،000 އަށް ވުރެ ގިނަ ލޯނު ފަސްކޮށް ދެވުނު ވާހަކަ އެވެ. ވިޔަފާރިތައް އިނދަޖެހުނަ ނުދޭން ލޯނުތައް ދޫކުރަމުންދާ ވާހަކަ އާއި ވަޒީފާ ގެއްލުނު މީހުނަށް މަހު އެލަވަންސެއް ދޭން ފެށި ހަބަރު އިއުލާން ކުރެއްވި އެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު. ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނަން."

މި ސިއްހީ ކާރިސާގެ ތެރެއިން ފެންމަތިވެގެން އައި އިތުރު މައްސަލަތަކުގެ ތެރެއަށްވެސް ރައީސް ވަޑައިގަތެވެ. ދޭސީންނާއި ބިދޭސީން ވެސް އިސްތިސްނާ ނުކުރައްވަ އެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނާއި ބޯހިޔާވަހިކަން ގެއްލުނު ނިކަމެތި އާއިލާތަކެވެ. އަދި ތޮއްޖައްސައިގެން، ނިކަމެތިކޮށްފައި ތިބި ބިދޭސީ މަސައްކަތްތެރީންގެ އާދޭހެވެ. ނުރަނގަޅު އެތައް ކަމެއް ހިނގަމުންދާ ކަމަށް އިއުތިރާފުވެ ވަޑައިގަންނަވަމުންނެވެ.

"މިއީ އެކަންކަން އިސްލާހު ކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ދެކި، މިއީ ތިމާވެށްޓާ ރަހުމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް. އާއްމު ސިއްހަތަށް ފަރުވާތެރިވެ، މުޅި އިގުތިސޯދު އާރާސްތު ކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއް،" ރައީސް ވިދާޅުވި އެވެ.

ދެން ދެއްކެވީ އުއްމީދީ ވާހަތަކެކެވެ. ރައްޔިތުންގެ އެންމެ އަޑުއަހަން ބޭނުންވެފައި ތިބި ސަރުކާރުގެ ކުރިއަށްހުރި ވިސްނުންތަކާއި ޕްލޭންތަކެވެ. މާލެ ސަރަހައްދުގައި އަޅާފައިވާ ލޮކްޑައުން މުއްދަތު ހަމަވުމުން ލުއިތަކެއް ދެއްވާނެ ކަމުގެ ހަބަރެވެ. އެކަންވެސް، ހަމަ ހުރެފައި ކުރައްވަނީ ނޫންކަން ވިދާޅުވި އެވެ. އޭގެ ފަހަތުގައި ރޭވުންތެރިކަމާއި ހަރުދަނާ ވިސްނުންތަކެއް ގެންގުޅުއްވާކަން އެނގިގެންދިއަ އެވެ. ގައުމު އާއްމު ހާލަތަށް އެނބުރި ގެންދާއިރު، ހުރިހާކަމެއް ތަރުތީބުވެގެން އަންނާނީ، ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވެ ދެއްވި އެވެ.

"މާލެ ސަރަޙައްދުން ފުރަބަންދުގެ ހާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާއްމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ،"

އެ ޕްލޭން ވަށައި ޖައްސާފައިވާ މިންވަރު ސާފު ކޮށްދެއްވަމުން، ރައީސް ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ލުއިތަކާއެކު، ބަލީގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ، ރާއްޖޭގެ މައި ދޮރޯށި އަންނަ ޖުލައި މަހު އަލުން ދުނިޔެއަށް ހުޅުވާލާނެ ކަމެވެ. އެއާއެކު އިގުތިސޯދު މައި އިންޖީނު އަލުން ހިންގުމަށްޓަކައި، ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެވިގެންދާނެ އެވެ. އެކަން ވެސް ކުރެވޭނެ އުސޫލެއް، ޓޫރިޒަމް ދާއިރާގެ މަޝްވަރާއާއެކު ކުރެވެމުންދާކަން ފާހަގަ ކުރެއްވި އެވެ.

މުޅި އެ ސްޕީޗަށް ފާޑުކިޔުމުގައި ހިމަ ފުރޭންޏަކުން ފުރާލައިގެން ވެސް، އެމަނިކުފާނުގެ އަތްޕުޅުން ކައްސާލައިގެން ދިއަ ކަމެއް ހޯދަން ދަތިވި އެވެ. ޝުކުރުގެ ލިސްޓުގައި ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިން ހިމެނުއްވި އެވެ. ކަރަންޓީނު ފެސިލީޓީތަކަށް ދިން ރިސޯޓުތަކާއި، އެކި ގޮތްގޮތުން އެހީ ދިން ފަރާތްތަކާއި ރަހުމަތްތެރި ގައުމުތަކެވެ. އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތަށް ތައުރީފު ކުރެއްވި އެވެ. ޓްރީ ޓޮޕް ފަދަ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަން މިސްކޮށެއް ނުލައްވަ އެވެ.

ހަގީގަތުގައި ވެސް ރައްޔިތުންގެ ހިތްތަކަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ވާހަކަތަކެއް "މޭވިހީ" ގެ ސްޕީޗުގައި އައެވެ. މިއީ މިދިއަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޭސް ފެނުނު ފަހުން، އުއްމީދުގެ އަލިކަމެއް ފެނުނު ފުރަތަމަ ފަހަރޭ ބުނުން ވެސް މުޅީން ގޯހަކަށް ނުވާނެ އެވެ.

މިއީ ސަރުކާރުގެ ވިސްނުމާއި ތަސައްވަރެވެ. އެކަމުގެ ތަފްސީލުތައް ކުރިއަށްއޮތް ދުވަސްތަކުގައި ތިލަވަމުން އަންނާނެ އެވެ. އެކަންކަމަށް އަމަލު ކުރުން އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. ރައީސް ސޯލިހު ވެސް ކުރެއްވީ އެ އިލްތިމާސެވެ. ލުއިތަކާއެކު ބަލީގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، އަލުން ލޮކްޑައުންކުރަން ޖެހިދާނެ ކަމުގެ އިންޒާރެކެވެ.

"... ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ އާއްމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލު ކުރައްވައިގެން ނުވާނެ،"

އެއްވެސް ހާލެއްގައި، ރައީސް ހޯއްދަވައި ދެއްވީ ގައުމުގެ ހުރިހާ މައްސަލަތަކެއްގެ ހައްލެކޭ ބުނަނީ އެއް ނޫނެވެ. މި ބަލިމަޑުކަމުގެ ތެރެއިން އުފެދިގެން އައި ހުރިހާ ސުވާލެއްގެ ޖަވާބު ދުނިޔޭގެ ވަރުގަދަ ބާރުތަކަށް ވެސް އަދި ހޯދިފައެއް ނުވެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ސަރުކާރު ވެސް ގިރާ ކުރަންޖެހޭނެ އޮޅިތައް ގިނަވެފައި އެހާމެ އުސްވާނެ އެވެ. އެކަމަކު މައްސަލައެއް ހައްލު ކުރަން ކޮންމެވެސް ހިސާބަކުން ފަށަން ޖެހެ އެވެ. ރައީސް ސޯލިހު ވެސް ކުރައްސަވައި ދެއްވީ ދެން ރާއްޖޭގެ މުސްތަގުބަލު ބައްޓަންވާނެ ގޮތެއްގެ ކޮންމެވެސް މިންވަރެއްގެ އައުޓްލައިނެކެވެ. އެ މަންޒަރުގައި ކުލަ ޖައްސައި، ފުރިހަމަ ކުރަން އަދި ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެކަމަކު މި ވަގުތައް ސަރުކާރަކުން ކުރަންޖެހޭ ކަންތައްތަކުގެ ސުރުހީ ރައީސް އެވަނީ އަޅުއްވައި ދެއްވި ގޮތް ރަނގަޅެވެ.